މަސައްކަތް ކުރުމުގެ ހުއްދައެއް ނެތި ގަވައިދާ ހިލާފަށް އުޅުން 50 ބިދޭސީއަކު އަތުލާގެންފި އެވެ. އެ މީހުން އަތުލައިގަތީ މިއަދު ކާނިވާ ސަރަހައްދުގައި ފުލުހުންނާއި އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
ކާނިވާ ސަރަހައްދުގައި ހުރި ހަތަރު ކެފޭއެއްގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަން އުޅުނު 50 ބިދޭސީން ހައްޔަރުކޮށްގެން ގެންދިޔައިރު އެ ކެފޭތަކުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަކަށް އެހީތެރިވެދީފައިވާ ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދުން 50 ބިދޭސީން އަތުލައިގަތް ކަމަށާއި އެމީހުންގެ ތެރެއިންވެސް ރަނގަޅު ޑޮކިއުމަންޓު ހުރި ފަރާތްތައް ދޫކޮށްލާނެ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުލިބިފައެވެ. ނަމަވެސް އެ އިދާރާއިން މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދެއެވެ.