ވިޔަފާރި

ރާއްޖެ ޓޫރިޒަމްގެ ރަސްމީ މޮބައިލް އެޕް ނެރުން އާ އަހަރު ޝޯގައި

Dec 28, 2016

ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ މޮބައިލް އެޕްލިކޭޝަން ކަމަށްވާ "ފީލް ޑެސްޓިނޭޝަން މޮބައިލް އެޕް" ނެރުން، މާލޭގައި ބާއްވާ އާ އަހަރު ފާހަގަ ކުރުމުގެ ޝޯގައި އޮންނާނެ ކަމަށް ފީލް އިންވެސްޓްމަންޓުން ބުނެފި އެވެ.

ފީލް އިންވެސްޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ ޓޫރިޒަމްގެ ހުރިހާ މައުލޫމާތެއް އެކުލެވޭ މި އެޕްލިކޭޝަން އާ އަަހަރު ޝޯގައި ނެރޭއިރު، މިއީ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގައި ނެރޭ އެންމެ ގިނަ މައުލޫމާތު ލިބޭ އެޕްލިކޭޝަން އަށް ވާނެ ކަމަށެވެ.

"މި އެޕްލިކޭޝަންގަައި ރާއްޖޭ ޓޫރިޒަމްގެ ހުރިހާ މައުލޫމާތެއް ހިމެނޭނެ. މީގައި ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓް ހައުސްތަކުގެ މައުލޫމާތު ވެސް ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފީލް އިންވެސްޓްމަންޓަކީ ރާއްޖޭގެ އޮފިޝަލް މެގަޒިން ކަމަށްވާ "މޯލްޑިވްސް އެކޮމޮޑޭޝަން" ގައިޑްވެސް ނެރޭ ކުންފުންޏެވެ.

ފީލް އިންވެސްމަންޓުން ވަނީ ފީލް މޮބައިލް އެޕްގައި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މިގޮތުން މި އެޕްލިކޭޝަންގައި އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ 3007575 އަށް ގުޅައިގެން ނުވަތަ އީ-މެއިލް ކޮށްގެންވެސް ކުރިއަށް ގެންދެވޭނެ އެވެ.

އޮފިޝަލް ވިދާޅުވީ ފީލް މޮބައިލް އެޕްލިކޭޝަން ރާއްޖޭން ބައިވެރިވާ ބޮޑެތި ފެއާތަކުގައި އިޝްތިހާރުކޮށް ދުނިޔޭގެ ބޮޑެތި ޓީވީ ޗެނަލްތަކުގައި އިޝްތިހާރު ކުރާނެ ކަމަށެވެ. އަދި މި އެޕް ބޭރުގެ ދެ ބަހެއްގެ ތަރުޖަމާ ހިމެނޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަގުސަދަކީ އަންނަ އަހަރު ފީލް މޮބައިލް އެޕަށް 1.5 މިލިއަން ވިއުސް ހޯދުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ފީލް މޮބައިލް އެޕްގައި އަންނަ އަހަރުގެ ޖޫން މަހު ބުކިން ހެއްދޭ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

ފީލް އިންވެސްޓްމަންޓުން ބޭރުގެ 10 ބަހަކުން ނެރޭ "މޯލްޑިވްސް އެކޮމަޑޭޝަން ގައިޑް" ބޭރުގެ 30 ފެއާއެއްގައި ބަހާނެ އެވެ.

އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ "ސަނީ ސައިޓް ޝޯ" އޮންނާނީ އާދީއްތަ ދުވަހުގެ ރޭ އަލިމަސް ކާނިވަލް ސަރަހައްދުގަ އެވެ. މި އަހަރުގެ ޝޯ އިންތިޒާމު ކުރަނީ ޕީއެސްއެމް އިން ނެވެ.