ރީތި ގޮނޑުދޮށްތަކާއި ކުޅިތަކާއި އެހެނިހެން ގުދުރަތީ ކަރާމާތްތައް ލިބިފައިވާ ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ފަތުރުވެރިކަމަކީ ނިހާޔަތަށް މުހިންމު ސިނާއަތެކެވެ. ނަމަވެސް ހަމައެކަނި ފަތުރުވެރިކަމަށް ގައުމެއްގެ މުޅި އިގްތިސާދު ބަރޯސާވުމަކީ އޭގެ ސަބަބުން ގައުމަށް އެތަކެއް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މިގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުން ދިމާވެދާނެ ނުރައްކާތަކަށް އަލި އަޅުވާލަމާ ހިނގާތޯ އެވެ.
ފަތުރުވެރިކަމަށް އެކަނި ގައުމެއްގެ އިގުތިސާދު ބަރޯސާވެއްޖެ ނަމަ ދިމާވެދާނެ އެންމެ ބޮޑު ނުރައްކަލަކީ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްކުރާ އެހެން ސިނާއަތްތައް ގެއްލުމެވެ. ގައުމެއް ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވުމުގެ ނަތީޖާއެއްގެ ގޮތުން އެހެން ސިނާއަތްތައް ކުރިއެރުމަށް ހުރަސްއެޅި އެކީ އެކައްޗަކަށް ހުއްޓުމަށް މަގުފަހިވެއެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ގުދުރަތީ ކާރިސާއެއް ނުވަތަ އެފަދަ އެހެން އިހްތިޔާރުން ބޭރުގައިވާ މައްސަލައް ދިމާވެއްޖެނަމަ މުޅި އިގްތިސާދު އެއްކޮށް ފުނޑުފުނޑުވެ ގައުމަށް ފައިސާދައުރުވާނެ އެހެން އެއްވެސް މަގެއް ނެތި މުޅި ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓިދާނެއެވެ
ހަމަ މިއާއެކު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުން އާމްދަނީގެ ތަފާތު އިތުރުވެގެންދާނެއެވެ. އާންމު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަޝްއޫލުވާ ފަރާތްތަކަކީ ބޮޑެތި ވިޔަފާރިވެރިންނާއި ބޭރުގެ އިންވެސްޓަރުންނެވެ. މިހެންކަމުން ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ބޮޑުބައެއް ދާނީ މުއްސަނދިންގެ ޖީބުތަކަށެވެ. މިކަމުގެ ސަބަބުން މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައި އޮންނަ ފަރަގު ބޮޑުވެ، އެތައް ބައެއްގެ ދިރިއުޅުން ދަތިވެދާނެ އެވެ.
މީގެ އިތުރުން ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ގިނަ ވަޒީފާތައް މަރުކަޒުވެފައިވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކަމަށްވާތީ ހުނަރުވެރި މަސައްކަތްތެރިން ސިއްހީ ނުވަތަ ތައުލީމީ ދާއިރާތައް ދޫކޮށް ފަތުރުވެރިކަމާ ގުޅުންހުރި ވަޒީފާތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ. މިކަމުގެ ސަބަބުން ޒަރޫރީ ހިދުމަތްތައް ބަލިކަށިވެ، ގައުމުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި ދާނެ އެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ފަތުރުވެރިކަމަކީ އޭގެ ސަބަބުން ކުދި ގައުމުތަކަށް އިގުތިސާދީ ފައިދާތަކެއް ލިބޭ ސިނާއަތެއް ކަމުގައި ވިޔަސް، މި ސިނާއަތަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރުންވެސް އެކަށީގެންވެ އެވެ.
މިހެންކަމުން ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތައް ކުރިއަރުވައި ގާއިމުކުރުމަށް އަހަންމިއްޔަތުކަންދިނުން ލާޒިމެވެ. މިގޮތައް މަސައްކަތްކުރުމުން ގައުމުގެ މުސްތަޤްބަލުގެ ތަނަވަސްކަމާއި ދުޅަހެޔޮކަން ރައްކާތެރިކުރެވޭނެ އެވެ.