ހޮލީވުޑްގެ މަޝްހޫރު ސްޓާ ވޯސް ފިލްމު ސިލްސިލާގައި ޕްރިންސެސް ލެއާގެ ރޯލު ކުޅެގެން ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ ބަތަލާ ކެރީ ފިޝާ އުމުރުން 60 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ފިޝާ މަރުވެފައި ވަނީ ހާޓްއެޓޭކަކަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަށް ހާޓްއޭޓޭކެއް ޖެހުނީ މިދިޔަ ހުކުރު ދުވަހު ލަންޑަނުން ފުރައިގެން އެމެރިކާގެ ލޮސް އެންޖެލިސް އަށް ކުރި ފްލައިޓް ދަތުރެއް ނިންމާލިތަނާ އެވެ. މި ދަތުރަށް ފަހު ވަގުތުން ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފެށިގޮތަށް ފިޝާގެ ހާލު ރަނގަޅުވެފައެއް ނުވެ އެވެ.
ފިޝާގެ މަރުގެ ޚަބަރު ފޭނުންނާއި ސަޕޯޓަރުންނަށް އިއުލާނުކޮށްފައި ވަނީ އާއިލާގެ ފާރާތުން ނެރުނު ކުރު ބަޔާނެއްގަ އެވެ. ފިޝާ މަރުވިއިރު އޭނާގެ މަންމަ އަދި އެކްޓްރެސް ޑެބީ ރެނޮއިލްޑްސް އަދި ދުނިޔޭގައި އެބަހުއްޓެވެ. ފޭނުންނާއި ސަޕޯޓަރުންގެ ދުއާ އާއި ހެޔޮއެދުންތަކަށް ފޭސްބުކް ސްޓޭޓަސްއެއްގައި ޑެބީ ވަނީ ޝުކުރުއަދާކޮށްފަ އެވެ.
މި އާއިލާ އަށް ތައުޒިއާ ފޮނުވައި ހެޔޮދުއާކުރުމުގެ ކިޔޫއެއް ސޯޝަލް މީޑިއާގައި އުފެދިފައިވާއިރު މި ލައިނެއްގެ އެންމެ ކުރިން ފާހަގަކޮށްލެވެނީ ފިޝާއާ އެކު ސްޓާ ވޯސްގައި ލީޑް ރޯލުތައް ކުނު ހެރިސަން ފޯޑް އާއި މާކް ހެމިލް ފަދަ ތަރިންނެވެ. ހެރިސަން ފޯޑް އޭނާގެ ކޯ ސްޓާރު ސިފަކޮށްފައި ވަނީ އެފަދަ ދެ ވަނައެއް ނެތް އަންހެނެއްގެ ގޮތުގަ އެވެ.
ހެރިސަން ފޯޑާއި ފިޝާގެ ލޯބީގެ ކުޅިގަނޑެއްގެ ވާހަކަ 2016 ވަނަ އަހަރު ނެރުނު ފިޝާގެ އެޓޯބައޮގްރެފީގައި ކިޔައިދީފައިވެ އެވެ. ދެ މީހުންނަށް ލޯބިވެވުނީ ސްޓާ ވޯސް ފިލްމުގެ މަސައްކަތުގައި އުޅެނިކޮށް 1976 ވަނަ އަހަރު ކަމަށް ފިޝާ ބުނެފައިވެ އެވެ. އެ ލޯބި ތިން އަހަރަށް ދިގު ދެމިގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
ސްޓާ ވޯސް އަށް ފަހު ފިޝާގެ ފިލްމީ ހަޔާތުގެ މަޝްހޫރު އެހެން ފިލްމުތަކުގެ ތެރެއިން 1975 ވަނަ އަހަރުގެ "ޝޭމްޕޫ" އާއި "ދަ ބްލޫ ބްރަދާސް" އަދި ވެން ހެންރީ މެޓް ސެލީ" ފަދަ ނަންތައް ފާހަގަކޮށްލެވެ އެވެ.
ފިޝާ އަކީ ސްޓާ ވޯސްގެ އޮރިޖިނަލް ކާސްޓް މެމްބަރެކެވެ. އެގޮތުން މި ސިލްސިލާގައި އެންމެ ފުރަތަމަ ނެރުނު ތިން ފިލްމު ކަމަށްވާ "އަ ނިއު ހޯޕް" އާއި "ދަ އެމްޕަޔާ ސްޓްރައިކްސް ބެކް" އަދި "ރިޓާން އޮފް ދަ ޖެދީ" ގައި މުހިންމު ރޯލުތައް ކުޅެފައިވެ އެވެ. އެއަށް ފަހު ނެރުނު ޕްރިކުއެލް ޓްރިލޮޖީގެ ތިން ފިލްމުން ފެނިގެން ނުދިޔަ ނަމަވެސް 2015 ވަނަ އަހަރު ގެނެސްދިން އޮރިޖިނަލް ސީކުއެލްގެ އާ ފިލްމު "ދަ ފޯސް އެވޭކެންސް" ގައި ފިޝާ އޭނާގެ ރޯލު އަލުން ކުޅެފައިވެ އެވެ.
މީގެ އިތުރުން މި ސިލްސިލާގައި ކުރިއަށް އޮތް އާ ފިލްމުން ވެސް ފިޝާ ފެނިގެންދާނެ އެވެ. މަރުވިއިރު އޭނާގެ ހުރިހާ މަންޒަރުތަކެއް ޝޫޓްކޮށް ނިމިފައިވާ ކަމުގެ ރިޕޯޓް ލިބެ އެވެ.