ހޮލީވުޑް

ކެރީ ފިޝާގެ މަންމަ ވެސް މަރުވެއްޖެ

Dec 29, 2016

ސްޓާ ވޯސް ފިލްމު ސިލްސިލާގައި ޕްރިންސެސް ލެއާގެ ރޯލު ކުޅެގެން ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ ބަތަލާ ކެރީ ފިޝާ މަރުވިތާ އެއް ދުވަސް ފަހުން އޭނާގެ މަންމަ އަދި މަޝްހޫރު ބަތަލާ، ޑެބީ ރެނޮލްޑްސް އިއްޔެ މަރުވެއްޖެ އެވެ.

އުމުރުން 84 އަހަރުގެ ޑެބީ މަރުވެފައި ވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ އެންމެ މަޝްހޫރު ފިލްމު ރޯލަކީ 1952 ވަނަ އަހަރުގެ މިއުޒިކަލްއެއް ކަމުގައިވާ "ސިންގިން އިން ދަ ރެއިން" ގައި ކުޅެފައިވާ އާދަޔާހިލާފު ރޯލެވެ. އޭނާ ބޮޑަށް މަޝްހޫރުކަން ހޯދީ 1950ގެ އަހަރުތަކާއި 60ގެ އަހަރުތަކުގައި ހޮލީވުޑުން ނެރުނު މިއުޒިކަލް އަދި ކޮމެޑީ ފިލްމުތަކުންނެވެ.

އެގޮތުން 1964 ވަނަ އަހަރުގެ މިއުޒިކަލް "ދަ އަންސިންކަބްލް މޮލީ ބްރައުން" އިން އޮސްކާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ. ސްކްރީން އެކްޓާސް ގިލްޑް އޮން އެމެރިކާ އިން 2015 ވަނަ އަހަރު ޑެބީ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް އަރުވާފައިވެ އެވެ.

އެ އެވޯޑް ޑެބީއަށް ދިނީ ދަރިފުޅު ފިޝާގެ އަތުންނެވެ.

ޑެބީ މަރުވެފައި ވަނީ މި ވަނީ އަންހެން ދަރިފުޅު މަރުވުމުގެ ހިތާމާގައި އޭނާގެ ޖަނާޒާގެ ކަންކަމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިދިޔަ އަންގާރަ ދުވަހު އުމުރުން 60 އަހަރުގައި ފިޝާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަށް ހާޓްއޭޓެއް ޖެހުނީ މިދިޔަ ހުކުރު ދުވަހު ލަންޑަނުން ލޮސް އެންޖެލިސް އަށް ކުރި ދިގު ފްލައިޓް ދަތުރަކަށް ފަހު އެވެ.

ކެރީ ފިޝާ އަކީ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމުގައިވީ އެޑީ ފިޝާއާ ކައިވެނިކޮށްގެން ޑެބީ އަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ކުއްޖެކެވެ. ޑެބީ އާއި އެޑީގެ ކައިވެނި 1959 ވަނަ އަހަރު ރޫޅިގެން ދިޔައީ އެޓްރެސް އެލިޒަބަތު ޓެއިލާއާ އެކު ހިންގި ލޯބީގެ ކުޅިގަނޑަކަށް ފަހު އެވެ.