ކްރިމިނަލް ކޯޓް

ޓެރަރިޒަމްގެ ދައުވާ ލިބޭ އަމީން ފައިސަލް ބޭހަށް ފުރަން އެދެފި

ކުރީގެ ރައީސް ނަޝީދާ އެކު އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް. --
0%
0%
0%

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭރު ރައްޔިތުންގެމަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް އާ ރަށުގައި ބެެހެއްޓި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް މިއަދު ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އަމީން ފައިސަލް ވަނީ އޭނާ ބޭސް ފަރުވާއަށް ފުރަން ޖެހިފައިވާ ކަމަށާއި އެކަމުގެ ހުއްދައަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަމީން ފައިސަލްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އަމީން ފައިސަލް ވިދާޅުވީ، އޭނާގެ ބައްޔަށް އައިޖީއެމްއެޗާއި އޭޑީކޭގައި ފަރުވާ ނެތް ކަމަށާއި ފަރުވާ ލަސްވެއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު މައްސަލަ ބެއްލެވި، ވަގުތީ ގޮތުން މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފު ގޮތެއް ނިންމާފައެއް ނުވެ އެވެ.

މި މައްސަލަ ކުރީގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމުގައި އަމީން ފައިސަލަށް ވަނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އަމީން ފައިސަލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ އޭނާ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވާ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނަށް ހިމާޔަތްދޭނެ ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އެމްއެންޑީއެފްގެ ހައްޔަރުގައި ޔާމީން ވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ، 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލެވޭނެ އެވެ.

އެމްޑީޕީގެ ސަރުކާރު ފެބުރުއަރީ 7 ގައި ވެއްޓުނު އިރު، އަމީން ފައިސަލް ހުންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ވެރިކަން ބަދަލުވި އިރު ނަޝީދުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާ ވެސް ގެންދަވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެދުރުބެ

ބުރަކަށި ފީ ވީތަ އަނެއްކާ ؟ ނޫނީ ފިލަނީތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345