ދިވެހި ސިނަމާ

ރޭޕްގެ ތުހުމަތު ކުރެވުނު އެހެން ސެލެބްރިޓީންނަކީ ކޮބާ؟

Dec 30, 2016

ރާއްޖޭގެ ފިލްމީ ދާއިރާ އަށް ނިސްބަތްވާ ނިކަން މަޝްހޫރު އެކްޓަރަކަށް ވެސް މި ވަނީ ރޭޕްގެ ތުހުމަތު ކުރެވިފަ އެވެ. ޔަގީނަށް ވެސް މިއީ ދިވެހިންގެ ފިލްމީ ހަޔާތުގައި މިހައިތަނަށް އަޑުއިވުނު ނުވަތަ އެކްޓަރަކަށް ކުރެވުނު އެންމެ މުޑުދާރު ތުހުމަތެވެ. -- މަޝްހޫރު މި އެކްޓަރަށް ތުހުމަތުކުރެވެނީ އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ދެ ކޮއްކޮއެއްގެ ގަޔަށް އަތްލިކަމުގެ ތުހުމަތެވެ.

ނަމަވެސް ތަހުގީގުކުރެވެމުންދާ މި މައްސަލަ އެއް ފަރާތަކަށް ޖައްސާލާފައި މިފަހަރު އަހަރެމެން ބަލައިލާނީ ރޭޕްގެ ތުހުމަތުކުރެވުނު ނުވަތަ އޭގެ ނުބައި މަޅީގައި ބެދުނު، ދުނިޔެ އަށް މަޝްހޫރު އެހެން ސެލެބްރިޓީންނަށެވެ. ރާއްޖޭގައި މީގެ ކުރިން ފިލްމީ ތަރިއަކަށް ރޭޕްގެ މިފަދަ ތުހުމަތެއް ކުރެވިފައެއް ނެތެވެ.

ނަމަވެސް ފިލްމު ބަލާ ދިވެހިންނާ އެންމެ ރައްޓެހި ހޮލީވުޑާއި ބޮލީވުޑްގެ ގިނަ އަދި މަޝްހޫރު އެތައް ނަމަކަށް ރޭޕްގެ ތުހުމަތު އެކި ފެންވަރުގައި އެކި ގޮތްގޮތަށް ކުރެވިފައި އެބަހުއްޓެވެ. އެއްގޮތަކަށް ވެސް މި ލިސްޓެއްގެ ބޭނުމަކީ، ރޭޕްގެ ތުހުމަތުކުރެވޭ މީހުން "ބަތަލުންތަކެއްގެ" ގޮތުގައި މަޝްހޫރުކުރުމެއް ނޫނެވެ.

ފިލްމީ ތަރިންނަކީ އަބަދުވެސް އެމީހުންގެ އަހުލާގުގެ މައްސަލަތަކަށް މަޝްހޫރު ބައެކެވެ. އަދި ވަކިން ހާއްސަކޮށް ކޮންމެ ދުވަހަކު އާންމުންގެ ސަމާލުކަން ލިބޭ ބަޔަކަށްވާއިރު އަމިއްލަ އަހުލާގާއި އުޅުމުން ރިވެތި ނަމޫނާ ވެސް ދައްކަން ޖެހިފައިވާ ބައެކެވެ. އެކަމަކު މަޝްހޫރު ގިނަ ސްޓާރުންނަށް އަބަދުވެސް ކެހި ދެނީ އެމީހުންގެ އެ މަޝްހޫރުކަމެވެ.

ތިރީގައި މި ވަނީ މަޝްހޫރުކަމުން ކެހި ލިބުނު ސެލެބްރިޓީންނާއި އަހުލާގާއި އަމަލުތައް ކޮންޓްރޯލްނުކުރެވި ރޭޕްގެ ތުހުމަތުކުރެވުނު ވަރަށް މަޝްހޫރު އެހެން އެކްޓަރުންތަކެއްގެ ލިސްޓެކެވެ.

ވުޑީ އެލަން

ހޮލީވުޑްގެ ފިލްމުތައް ބަލާ ފަރާތްތަކަށް މިއީ އިތުރު ތައާރަފެއް ބޭނުންވާނެ މޫނެއް ނޫނެވެ. ނަމަވެސް ފަހަރެއްގައި އެމެރިކާގެ މި އާދަޔާހިލާފު އަދި ހަމަ އެވަރަށް ހުނަރުވެރި އެކްޓަރު/ޑައިރެކްޓަރުގެ މައްޗަށް ކުރެވުނު ރޭޕްގެ ތަފާތު ތުހުމަތުތަކުގެ ވާހަކަ ބައެއް މީހުން އަޑުއަހައިފައި ނުވެދާނެ އެވެ.

ވުޑީ އެލަން އަކީ ޝަރަފްވެރި އެކަޑެމީ (އޮސްކާ) އެވޯޑްސް ހަތަރު ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ ފިލްމުމޭކަރެކެވެ. ތިން ފަހަރެއްގެ މަތިން ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ހާސިލުކޮށްފައިވާއިރު 1977 ވަނަ އަހަރު ގެނެސްދިން "އެނީ ހޯލް" އަށް އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ވެސް ހާސިލުކޮށްފައިވެ އެވެ.

ވަރަށް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި، އުމުރުން މިހާރު 81 ފުރިފައިވާ ވުޑީ އެލަން އަކީ ހޮލީވުޑުން ދުނިޔެ އަށް އެކްސްޕޯޓްކުރި އެންމެ ކުޅަދާނަ އެއް ފިލްމުމޭކަރެވެ. މިގޮތުގައި އޭނާ އަށް ތައުރީފު އޮއްސުން ހައްގުއިރު އޭނާގެ ނިކަން މުޑުދާރު ފަޅިއެއް ނުވަތަ އުޅުމެއް ވެސް އެބައޮތެވެ.

އޭނާގެ މި ވާހަކަތައް ފެށެނީ ބަތަލާ މިއާ ފެރޯއާ އެކު 12 އަހަރު ވަންދެން ކުރިއަށް ގެންދިޔަ ލޯބީގެ ބޮޑު ކުޅިގަނޑުގެ ތެރެއިންނެވެ. ކައިވެނިކޮށްފައި ނެތަސް އަދި ކުދިން ލިބިފައި ނެތަސް ދެ މީހުން ވެސް އުޅުނީ ކުދިން އެޑޮޕްޓްކޮށްގެންނެވެ. ދެ މީހުންގެ މި ގުޅުން ގޯސްވެގެން ދިޔަ ފުރަތަމަ މަރުހަލާ އަކީ އަމިއްލަ ދަރިއެއްގެ ގޮތުގައި ފެރޯ އޭރު އެޑޮޕްޓްކޮށްގެން އުޅުނު ސުން-ޔީ ޕްރެވިންއާ އެލެން ހިތާވެ ލޯބީގެ ވަގު ކުޅިގަނޑެއް ކުރިއަށް ގެންދިޔަކަން ފަޅާއެރި ހިސާބުންނެވެ.

ޕްރެވިން އަށް އޭރު 21 އަހަރެވެ. އެލެން އަށް 57 އަހަރެވެ. އެންމެފަހުން އެލެން ވަނީ ޕްރެވިންއާ ކައިވެނިކޮށްފަ އެވެ.

މި މައްސަލަގަނޑުގެ ތެރެއިން ރޭޕްގެ ތުހުމަތެއް އެލަން އަށް އަމާޒުނުވި ނަމަވެސް ފެރޯގެ އެހެން އަންހެން ދަރިއަކާ އެލަން ބެހުނުކަމުގެ ތުހުމަތުކުރެވި މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ. އެލަންގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް އެ އަންހެން ކުއްޖާ ހެކި ދިން ނަމަވެސް ސާބިތުނުކުރެވި އެލަން ސަލާމަތްވީ އެވެ.

ރޯމަން ޕޮލޭންސްކީ

މިއީ މިހާރު ވެސް ތަހުގީގަށް ބޭނުންވެގެން އެމެރިކާ ސަރުކާރުން ހޯދަމުން އަންނަ ފިލްމުމޭކަރެކެވެ. އަދި ފިލްމީ ހަޔާތުގެ ކާމިޔާބީގައި ވުޑީ އެލަން އަށް ދޫކުރާވަރުގެ ފަންނުވެރިއެއް ނޫނެވެ. "ދަ ޕިއަނިސްޓް" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ޕޮލޭންސްކީ އަށް ފިލްމީ ހަޔާތުގައި ނުލިބޭ ކާމިޔާބެއް ނެތެވެ.

ނަމަވެސް އޭނާ އަކީ ވެސް ރޭޕްގެ ތުހުމަތުކުރެވި އަދިވެސް މި ތުހުމަތުން ސަލާމަތްނުވެވިގެން އުޅޭ ޑައިރެކްޓަރެކެވެ. އޭނާގެ މި މައްސަލައެއް ފެންމަތިވީ 1977 ވަނަ އަހަރު އެމެރިކާގަ އެވެ. ޕޮލެންޑާއި ފްރާންސްގެ ރަށްވެއްސެއް ކަމުގައިވާ ޕޮލޭންސްކީގެ މައްޗަށް ތުހުމަތުކުރެވެނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ރާ ދީ މަސްތުކޮށްލައިގެން އޭނާއާ ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތެވެ. އެ ތުހުމަތުކުރެވި ފުރަތަމަ މަރުހަލާގައި އޭނާ ކުށްވެރިވެ ޖަލުގައ 42 ދުވަހުގެ ހުކުމެއް ވެސް ތަންފީޒުކުރި އެވެ.

އެއަށް ފަހު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން އެއްބަސްވެ ފަނޑިޔާރުގެ ހިޔާލު ބަދަލުވިއިރު އެމެރިކާ ދޫކޮށް ފްރާންސަށް ފިލައިގެން ހިނގައްޖެ އެވެ. އެއަށް ފަހު އަދިވެސް އެމެރިކާ އިން އުޅެނީ އޭނާ އަތުނުލެވިގެންނެވެ. ނަމަވެސް ޕޮލެންޑުން ބުނަނީ އެމެރިކާއާ މި ޑައިރެކްޓަރު ހަވާލުނުކުރާނެ ކަމަށެވެ.

ބްރިޓްނީ ސްޕިއާސް

ޓީން ޕޮޕްސްޓާރުން އުފެދި ޕޮޕް މިއުޒިކް ފަތަހަކުރުމުގެ ކުރިން އެ ހުރިހާ މަޝްހޫރުކަމަކާއި ސަމާލުކަމެއް ފުރަތަމަ ހޯދި ލަވަކިޔުންތެރިޔަކީ މިއީ އެވެ. އެމެރިކާގެ މި ލަވަކިޔުންތެރިޔާ އަށް އޭރު ނުލިބޭ ސަމާލުކަމެއް ނެތެވެ. އަދި އޭނާގެ ވާހަކަ ފަލަ ސުރުހީތަކަށް ނާރާ ހަމަ އެއްގޮތެއް ވެސް ނެތެވެ.

އޭގެ ތެރެއިން އެންމެ ހަޑި އެއް ވާހަކަ އަކީ ނުވަތަ އެންމެ މަޝްހޫރު އެއް ވާހަކަ އަކީ އެކުގައި ގެންގުޅުނު ފިރިހެން ބޮޑީގާޑެއްގެ ގަޔަށް އަތްލުމަށް ބްރިޓްނީ މަސައްކަތްކުރި ވާހަކަ އެވެ. މި ތުހުމަތުކޮށް ކޯޓަށް މައްސަލަ ގެންދިޔައީ ސީދާ ބޮޑީގާޑެވެ. މި ބޮޑީގާޑުގެ "ގަޔަށް އެރުމަށް" ބްރިޓްނީ އެކި ފަހަރުމަތިން މަސައްކަތްކޮށް ނާކާމިޔާބުވި މައްސަލަ އެންމެފަހުން ކޯޓުގައި ބޭޒާރުކޮށްލުމުން ފަހުން ބްރިޓްނީ ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް އެ ތުހުމަތުތަކުން ބޯދަމައިގަނެފަ އެވެ.

މައިކް ޓައިސަން

އެމެރިކާގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މައިކް ޓައިސަން ރިންގުގައި އެފަދަ ދެ ވަނައެއް ނެތް ވަރުގަދަކަމަކާއި ގަދަފަދަކަމެއް ދެއްކި ތަރިއެކެވެ. އޭނާ އަކީ ބޮކްސިންގެ ހެވީވެއިޓް ޗެމްޕިއަންޝިޕްތަކެއް އެންމެ ޒުވާން އުމުރުގައި (20 އަހަރުގައި) ކާމިޔާބުކުރި ހަމައެކަނި އެތުލީޓެވެ.

މިއީ ރޭޕްގެ ތުހުމަތުކުރެވުނު މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ މަދު ސްޓާރުންގެ ތެރެއިން އެކަކެވެ. އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ރޭޕްކުރި ކަމުގެ ތުހުމަތުގައި ކުށް ސާބިތުވެ އޭނާ އަށް ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޓައިސަން ބުނެފައި ވަނީ ގުޅުން ހިންގީ ގަދަކަމަކުން ނޫން ކަމަށެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ފަހު ބޮކްސިން ރިންގަށް އެނބުރި އޭނާ އައިގޮތަކީ ވެސް އާދަޔާހިލަފު ވާހަކައެކެވެ. މަޝްހޫރު ހުރިހާ ބޮކްސިން ތަރިން ބަލިކޮށް އަލުން ހެވީވެއިޓް ޗެމްޕިއަނަކަށްވީ އެވެ.

ޝައިނީ އަހޫޖާ

މިއީ ވަރަށް ގިނަ ދިވެހި ބެލުންތެރިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދި ބޮލީވުޑްގެ ތަރިއެކެވެ. ބޮލީވުޑްގެ ހިޓް ފިލްމުތައް ކަމުގައިވާ "ގޭންގްސްޓާ" އާއި "ލައިފް އިން އަ މެޓްރޯ" އަދި "ބޫލް ބުލައްޔާ" ފަދަ ފިލްމުތަކުން އެތައް ބައެއްގެ ހިތް އޭނާ އަތުލި އެވެ.

މިފަދަ ކާމިޔާބު ކެރިއަރެއްގައި ކުރިއަށް ދަނިކޮށް ކުއްލިއަކަށް އެ ހަޔާތުގައި ބުރަކި ޖެހުނީ ގޭގައި ގެންގުޅުނު މެއިޑަކު ރޭޕްކުރި ކަމުގެ ތުހުމަތު 2009 ވަނަ އަހަރު އަހޫޖާގެ މައްޗަށް ކުރެވިގެންނެވެ. މި ތުހުމަތު އައީ އަހުޖާގެ ކެރިއަރުގެ ޕީކު ދުވަސްވަރު އެވެ. ނަމަވެސް ރޭޕްކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި މެއިޑް މީހާ ފަހުން އޭނާގެ ވާހަކަ ބަދަލުކުރި އެވެ. ގަދަކަމުން އޭނާގެ ގަޔަށް އަތްލި ކަމަށް ކުރިން ބުނި ނަމަވެސް ފަހުން ބުނަން ފެށީ އެއީ ދެ މީހުން އެއްބަސްވެގެން ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ލިބިފައި ހުރި ހެކިތަކަށް ބަލައި ފަނޑިޔާރު، މި އަންހެން މީހާގެ ވާހަކަ ފަހުން ގަބޫލެއް ނުކުރި އެވެ. އަހޫޖާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

މި މައްސަލަގަނޑަށް ފަހު އަހޫޖާ ވަނީ "ވެލްކަމް ބެކް" ނަމަކަށް ކިޔާ ފިލްމަކުން 2015 ވަނަ އަހަރު ބޮލީވުޑަށް އެނބުރި އައިސްފަ އެވެ.