ރިޕޯޓް

މި އަހަރު ގިނަ ރިސޯޓުތަކެއް ހުޅުވުނީ ކީއްވެ؟

Dec 31, 2016
  • އާ އަހަރު 20 ރިސޯޓެއް ހުޅުވާނެ
  • ނުހެދި، 200 ރިސޯޓު އެބައޮތް

ރާއްޖޭގެ ޓޫރިޒަމްއަކީ އަބަދު ވެސް އިންވެސްޓަރުން ނަށް "ރަންބިސް އަޅާ" ކުކުޅެކެވެ. ނަމަވެސް ސިޔާސީ ހަލަބޮލިކަމުން ބައެއް ފަހަރު އިންވެސްޓަރުން ފަހަތު ފަޔަށް ބުރަވެ އެވެ. އެކަމަކު ސަރުކާރުން ގެނެސްފައިވާ މުހިންމު ބައެއް ބަދަލުތަކުގެ ނަތީޖާއަކީ ރާއްޖޭގެ ޓޫރިޒަމްގައި ދެ އަހަރު ކުރި އިންވެސްޓްމަންޓްތައް މަތިވުމެވެ. ސުވާލަކީ މި އަހަރު ގިނަ ރިސޯޓުތަކެއް ހުޅުވުނީ ކީއްވެގެން ހެއްޔެވެ؟ ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓަރުން ޝައުގުވެރިވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

"ރާއްޖެ އަށް ވޭތުވެދިޔަ ދުވަސްތަކު ސަރުކާރުން ގެނެސް ދިން ބަދަލު ސިއްރަކީ. ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޓޫރިޒަމްގައި އިންވެސްޓްކޮށްގެން އެންމެ އަވަހަށް ރިޓާން ލިބޭ އެއް ގައުމު،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު 20 އަށް ވުރެ ގިނަ ރިސޯޓު ހުޅުވާފައިވެ އެވެ. މީގެތެރޭގައި ދެބައި ކުޅަ އެއް ބަޔަކީ މުޅިން އަލަށް ހުޅުވި ރިސޯޓުތަކެވެ. ރާއްޖޭގައި ރިސޯޓެއް ހަދަން އިންވެސްޓް ކުރަން ޖެހޭ އަދަދަށް ބަލާއިރު، އެވްރެޖުކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް 40-60 މިލިއަން ޑޮލަރު ވަރު އިންވެސްޓް ކުރަން ޖެހެ އެވެ. އަދި އިންވެސްޓްމަންޓް ކަވަރުވާ މުއްދަށް ބަލާއިރު 99 އަހަރަށް ރިސޯޓު ކުއްޔަށް ދިން ނަމަވެސް އެވްރެޖު ގޮތެއްގައި ހަތް އަހަރާއި 10 އަހަރު ތެރޭގައި އިންވެސްޓްމަންޓް ކަވަރުވެ އެވެ. މި ސަބަބަށްޓަކައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ކުންފުނިތަކުން ބޭނުންވެ އެވެ.

މި އަހަރު ހުޅުވި ބައެއް ރިސޯޓު

  • ޅ. ހުރަވަޅި ރިސޯޓު
  • ދ. ވޮށްމުލި ސެއިންޓް ރެޖިސް މޯލްޑިވްސް
  • ކ. މަލަހިނި ކުޑަ ބަނޑޮސް
  • ނ. މެދުފަރު، ސޮނޭވާ ޖާނީ
  • ގއ. ކޫއްޑޫގައި ހެދި، މާކިއުރީ މޯލްޑިވްސް ކޫއްޑޫ
  • ބ. މިލައިދޫގައި ހުޅުވި ރިސޯޓު
  • ބ. ވޯވަށް، ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް
  • ބ. އޫކޮޅުފުށި، ކޮކޫން މޯލްޑިވްސް
  • ބ. ދިގުފަރުވިނަގަނޑުގައި ހެދި، ދިގުފަރު އައިލެންޑް ރިސޯޓު
  • ބ. ކަނިފުށީގައި ފިނޮޅު
  • ކ. އޯޒެން ބައި މާދޫ

ދެން އޮތް ސުވާލަކީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި، މިވަރުގެ އިންވެސްޓްމަންޓެއް ކުރުމަށް މަހުޖަނުން ޖެހިލުން ނުވޭ ހެއްޔެވެ؟

ސޮނޭވާ ގްރޫޕުގެ ވެރިޔާ އަދި މިލިޔަނަރު ސޯނޫ ސިވްދަސާނީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ އިންވެސްޓް ކުރުމަށް އެންމެ ރަނގަޅު އެއް ތަނެވެ ރާއްޖޭގެ މާހައުލަކީ އިންވެސްޓަރުން ނަށް ރަހުމަތްތެރިތަނެއް ކަން އޭނާ ފާހަގަ ކުރެއްވަ އެވެ.

ސޯނޫ ފަދަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރި މިންވަރަކީ އާއްމުކޮށް ރިސޯޓު ތަރައްގީ ކުރުމަށް ފަހު ވިއްކާ ވައްޓަފާޅި އަށް ވެސް ބަދަލު ގެންނަމުން ދިއުމެވެ. މިގޮތުން އެންމެ ފަހުން ސޮނޭވާއިން ތަރައްގީ ކުރި "ސޮނޭވާ ޖާނީ" ގެ 57 ރެޒިޑެންޓް ވިލާ ވަނީ ތަފާތު ކޮންސެޕްޓެއްގައި "ވިއްކާލާފަ" އެވެ. އެއީ ބޮޑު އަގެއް ދައްކައިގެން ރާއްޖެއިން އަމިއްލަ ގެއެއް ހޯދުމަށް މަހުޖަނުންނަށް ދިން ފުރުސަތެވެ. މިގޮތުން ސޮނޭވާ ޖާނީން "ވިއްކި" ވިލާތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް 8.5 މިލިއަން ޑޮލަރުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުރަތަމަ އިންވެސްޓްކުރި ބޭރުގެ އެއް ކުންފުނި ކަމަށްވާ ސްރީލަންކާގެ، ޖޯން ކީލްސް ގްރޫޕުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ސުނިމަލް ސޭނާނާޔަކަ ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަކީ އިންވެސްޓް ކުރުމަށް ދެވަނައެއް ނެތް ގައުމެކެވެ.

"ރާއްޖެއަކީ އެ ފަދަ ދެވަނައެއް ނެތް ތަފާތު މަންޒިލެއް. ރާއްޖޭގެ މާކެޓުތައް ދަނީ ފުޅާވަމުން. މިއީ އަދި ވެސް އިންވެސްޓްމެންޓްތައް ހޯދުމަށް ރާއްޖެއަކީ އޮތް ރަނގަޅު ތަނެއް،" އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އާއި، މ. ހަކުރާގައި ހިންގާ ރިސޯޓު އަދި ކ. ކަނުހުރާގައި ހިންގާ ސިނަމަން ދޮންވެލި ހިންގާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ރިސޯޓު ތަރައްގީ ކޮށް ހިންގާ ކުންފުނިތަކުގެ ވާހަކަ އެވެ. ދުނިޔޭގައި އަގު ބޮޑު ޕްރޮޕަޓީތައް ވިއްކާ ކުންފުނިތަކުން ދަނީ ކޮންމެ އަހަރަކު ރާއްޖޭގެ އެތައް ރިސޯޓު ތަކެއް ވިއްކަމުންނެވެ. އަދި ރަނގަޅު އަގުވެސް ލިބެ އެވެ. މިގޮތުން އެންމެ ފަހުން ރިސޯޓު ވިއްކުމުގެ އެންމެ ބޮޑު މުއާމަލާތެއް ހިނގާފައިވަނީ ކޮއްދިއްޕަރު 64 މިލިއަން ޑޮލަރަށް ސިންގަޕޫރު ކުންފުންޏަކުން ގެނެފަ އެވެ. މި ރިސޯޓު ތަރައްގީ ކުރަމުން ގެންދިޔައީ ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަންއިންނެވެ.

އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ކުރިން "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި އެ ރިސޯޓު ގަންނަން ގިނަ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި އެވެ.

ސަރުކާރުގެ އަމާޒަކީ 2018 ގެ ނިޔަލަށް 50 ރިސޯޓު މާކެޓަށް ނެރުމެވެ. އެ އަމާޒަށް ވާސިލްވުމަށް ވަނީ ގާނޫނު ތަކަށް ވެސް މުހިންމު ބަދަލު ތަކެއް ގެނެސްފަ އެވެ. އަދި ބޮޑު އަދަދެއްގެ އިންވެސްޓްކުރާ ފަރާތްތަކަށް ޑިއުޓީގެ އިނާޔަތަށް ވެސް ދަނީ ދެމުންނެވެ. އަންނަ އަހަރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އެކި ދުވަސްވަރު ދޫކޮށް ނަމަވެސް ނުނިމި ހުރި ގާތްގަނޑަކަށް 200 ރަށް އެބައޮތެވެ. އަދި ސަރުކާރުން އިސްކަން ދެނީ މި ރަށްތައް ހުޅުވުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި އަމާޒަށް ވާސިލްވުމަށް، ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް އިންވެސްޓަރުންނަށް ދީފަ އެވެ. ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާފައިވަނީ އެކަމެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓޫރިސްޓު ރިސޯޓުތަށް އެހެނިގެން މަޝްރޫއުތަކަށް ގެނައި މުދަލުން 856 މިލިއަން ރުފިޔާގެ މުދާ ޑިއުޓީ މައާފްކޮށް ދީފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މާކެޓަށް ރިސޯޓުތަކެއް ނެރުމެވެ. އެމަކަށް ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.