ބޮލީވުޑަށް ކޮންމެ އަހަރަކު ވެސް އާ ގިނަ ތަރިންތަކެއް ނިކުންނައިރު އާ ތަރިން އާންމު ގޮތެއްގައި ފެޝަންގައި މާބޮޑު އެސްޕެރިމެންޓެއް ނުކުރެ އެވެ. ކަމެއް ގޯސްވެދާނެތީ ގިނަ ފަހަރަށް ތިބެނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެނަސް މި އަހަރުގެ ތެރޭގައި މިކަން އާ ދެ ތަރިއަކު ވަނީ ބަދަލު ގެނެސްފަ އެވެ. ވަރަށް ތަފާތު ސްޓައިލްތަކުގައި އެ ދެ ތަރިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
އޭގެ ތެރެއިން އެއް ތަރިއަކީ ހަޝްވަރުދަން ކަޕޫރެވެ. އޭނާއަކީ މަޝްހޫރު އެކްޓާ އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅެވެ. ފިލްމް "މިރްޒާ" އިން ބޮލީވުޑަށް ތައާރަފްވި ހަޝްވަރުދަން ފިލްމްގެ ޕްރޮމޯޝަން އިވެންޓްތަކުގައި ވަރަށް ތަފާތު ހެދުންތަކުގައި ފެނިގެން ގޮސްފަ އެވެ.
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހަޝްވަރުދަންގެ މި ތަފާތު ހެދުންތަކުގެ ފަހަތުގައި ހުރީ އޭނާގެ ދައްތަ ސޯނަމް ކަޕޫރެވެ. ސޯނަމް ކަޕޫރަކީ ބޮލީވުޑްގެ ފެޝަން ސްޓާ އެވެ. އޭނާއަށްވުރެ ރީއްޗަށް ހެދުން އަޅާ އެހެން ތަރިއެއް ބޮލީވުޑްގައި ނެތެވެ. ފެޝަން ޓިޕްސް ހޯދުމަށް އެހެން ތަރިން ވެސް ސޯނަމް ގާތަށްދެ އެވެ.
ހަޝްވަރުދަންގެ ތަފާތު ސްޓައިލްތައް ފެނިގެން ގޮސްފައިވާއިރު އޭނާގެ ސްޓައިލްތައް ޓްރެންޑްތަކަށް ވެސް ބަދަލުވެފައިވެ އެވެ.
އަންހެން އާ ތަރިއެއްގެ ސްޓައިލްތަކަށް ބަލާނަމަ އެންމެ ފާހަގަކޮށްލެވެނީ ވާނީ ކަޕޫރްގެ ހެދުންތަކެވެ. އޭނާއަކީ މި އަހަރު ބޮލީވުޑަށް ތައާރަފްވި ތަރިއެއް ނޫނެވެ. އޭނާ 2013 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ނަމަވެސް މާގިނައިން މިވީ އަހަރުތަކުގައި ފެނިފައެއް ނުވެ އެވެ. އޭނާ ފެނިގެން ދިޔައީ މި އަހަރު އޭނާގެ ދެވަނަ ފިލްމް "ބޭފިކްރޭ"ގެ ޕްރޮމޯޝަން އިވެންޓްތަކުގަ އެވެ.
އެ ފިލްމް ޕްރޮމޯޓްކުރުމަށް އިވެންޓްތަކަށް ދިޔައިރު ވާނީއަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. އޭނާގެ ހެދުން އެޅުމަށް ތައުރީފުކުރި އެވެ.
އެކި ސްޓައިލްތަކަށް އޭނާ ހެދުން އެޅިއިރު އެއިން ކޮންމެ ސްޓައިލެއް ވެސް އޭނާއަށް ގުޅެ އެވެ. ފެޝަންގައި ވާނީ ގޯހެއް ނުހަދާ ކަމަށް އެކަމުގެ މާހިރުން ވަނީ ބުނެފަ އެވެ.