ބޮލީވުޑް

ނިވާކަން ކުޑަ ހެދުން އަޅާތީ އުރުފީ ޖާވީދު ޕޮލިހަށް ހާޒިރުކުރަނީ

Jan 15, 2023

ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ބައިވެރިޔާ އަދި ސޯޝަލް މީޑިއާގައި އެ އަންހެނެއްގެ ވާހަކަ މިހާރު އެންމެ ބާރަށް ދެކެވޭ އަންހެނާ އުރުފީ ޖާވީދު ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.

އޭނާ ޕޮލިހަށް ހާޒިރުކުރަނީ އިންޑިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ބީޖޭޕީގެ ލީޑަރު ޗިތުރާ ކިޝޯރް ވާގް އޭނާއާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެންނެވެ.

ނިވާކަންކުޑަ ގޮތްގޮތަށް އުރުފީ ހެދުން އަޅާތީ އެކަމާ ހިތްހަމަނުޖެހިގެން ބީޖޭޕީ ލީޑަރު ސޯޝަލް މީޑިއާގައި ޝެއާ ކުރެއްވި ޕޯސްޓަކާ ގުޅިގެން އުރުފީ ވަނީ ބީޖޭޕީ ލީޑަރަށް ވަރަށް ހަޑި ހުތުރުކޮށް މުޚާތަބުކޮށް ސޯޝަލް މީޑީއާގައި ޕޯސްޓްތަކެއް ޖަހާފަ އެވެ. އަދި މިކަމާ ގުޅިގެން ދެ ފަރާތުގެ މެދުގައި ވަރުގަދަ ޒުވާބެއް ސޯޝަލް މީޑިއާގައި ކޮށްފައި ވެއެވެ.

ޗިތުރާގެ ޕޯސްޓްގައި ވިދާޅުވީ ގާނޫނުން ލިބިދޭ މިނިވަންކަމުގެ ބޭނުން އުރުފީ ނާޖާއިޒު ގޮތެއްގައި ހިފަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުން މުޖުތަމައުގެ ތެރޭގައި ފަސާދަ އުފެދޭނެކަން އުރުފީ އަށް ނުވިސްނޭ ބާއޭ ޗިތުރާ ވިދާޅުވެފައި ވެއެވެ.

މި ޕޯސްޓަށް އުރުފީ ވަރަށް ރުޅިވެރިކަމާއެކު ޖަވާބު ދިނެވެ. އެކަމާ އައި ރުޅިން ޗިތުރާ ވަނީ ފުލުހުންނަށް ޝަކުވާ ހުށަހަޅައި އުރުފީއާ މެދު ވަގުތުން ހަރުކަށި ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ.

މި އަރާރުމަށްފަހު އުރުފީ އޭނާގެ ގާނޫނީ ވަކީލާއެކު ގޮސް މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން އޮފް ވިމެންގެ ޗެއާޕާސަން ރުޕާލީ ޗަކަންކަރްއާ ބައްދަލުކޮށް ބީޖޭޕީ ލީޑަރުގެ ޝަކުވާ ކޮށްފަ އެވެ.

އުރުފީގެ ޝަކުވާގައި ބުނެފައިވަނީ ބީޖޭޕީ ލީޑަރު ޕަބްލިކް ޕްލެޓްފޯމެއްގައި އޭނާއަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމަށެވެ.

އުރުފީ ބުނި ގޮތުގައި އޭނާ އަޅާ ހެދުންތަކަކީ ގާނޫނު ހުއްދަ ކުރާ ވަރުގެ ހެދުންތަކެކެވެ. އެ ހެދުންތަކަކުން އޭނާގެ އައުރައެއް ފާޅެއް ނުވާނެ އެވެ. އައުރައިގެ ގޮތުގައި ގާނޫނު ބުނާ ތަންތަން ވެސް އޭނާ ފާހަގަ ކުރި އެވެ. އުރުފީ ހެދުން އެޅުމުގެ ސްޓައިލަށް ފާޑުކިޔާ ހަމަ ކޮންމެ މީހަކަށް އޭނާ ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ގެންދެ އެވެ.

އުރުފީ އާއްމު ގޮތެއްގައި ހެދުން އަޅާ އުޅެނީ އެހެން މީހުން ހެދުން ނާޅާ ގޮތް ގޮތަށެވެ. ބައެއް ފަހަރު ފުޅީގެ މަތި ތަކަކުން ހެދުމެއް ހަދައިގެން ލާފާނެ އެވެ. އަނެއްބައި ފަހަރު ހުސް މަލުން ހެދުމެއް ހަދައިގެން ލާފާނެ އެވެ. ޕްލާސްޓިކް ކޮތަޅުންނާއި ބާ ގޯނިން ވެސް އޭނާ ހެދުން ހަދައިގެން ލާފައި ހުރެ އެވެ.

އެންމެ ހެއްވާ ކަމަކީ އޭނާ ފާޑުފާޑުގެ ހެދުން އަޅައިގެން ނުކުންނައިރަށް ފޮޓޯ ނަގަން އަބަދުވެސް އިންޑިއާގެ މީޑިއާގައި ތައްޔާރަށް އޮންނާތީ އެވެ.

އުރުފީ އަށް ތާއީދުކުރާ ބައެއް މީހުން ބުނަނީ އޭނާ ހެދުން އަޅައިގެން ނުކުތުމުން އެއީ އެހާ ބޮޑު ކަމަކަށް ނަހަދައި ފޮޓޯ ނުނަގައި ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ނުޖަހާނަމަ އޭނާއަކަށް އެގޮތަށް އުޅޭކަށް ނުކެރޭނެ އެވެ.

އޭނާ ކޮންމެ ފަހަރަކު ހެދުމެއްލައިގެން ނުކުންނައިރަށް އިންޑިއާގެ ހުރިހާ ނޫހެއްގަޔާއި މުޅި ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ޖަހާނަމަ އެފަދަ ހެދުންތައް އަޅަން އޭނާއަށް ހިތްވަރު ލިބޭނެ ކަމަށްވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

އުރުފީ ބުނަނީ އެކި މާމަލުންނާއި ޕްލާސްޓިކް ކޮތަޅުން އަދި ފުޅީގެ މަތި ގަނޑު ފާޑުގެ އެއްޗެތިން ހެދުން އަޅައިގެން އޭނާ އުޅެނީ މީހުން އާދައިގެ ގޮތަކަށް މިލާ އުޅޭ ވައްތަރުގެ ހެދުންތަކަށް އެލާޖިކް ވީމަ ކަމަށެވެ.

ކޮންމެއަކަސް މި އުރުފީ ޖާވީދަށް ތާއީދުކުރާ މީހުން މަދުން ނަމަވެސް އުޅުނަސް ގިނަ ބަޔަކު ބުނަނީ މީނާ މައިތިރިކުރަން ކޮންމެ ގޮތަކުން ވެސް ޖެހޭ ކަމަށެވެ. ބޮޑު ޖީލެއް ހަލާކުކޮށް ނުލަނީހެވެ.