- ފިހާރަ ތަކުން ޕްލާސްޓިކް ކޮތަޅެއް ހިލޭ ނުލިބޭނެ
- ފަސް އަަހަރުތެރޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާނެ
- މޫދު އަޑީގެ ދާރުންއާސާރެއް ހެދުމުގެ މަޝްރޫއު ކުރިއަށް
ވ. ކެޔޮދޫގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ކުރުމުގެ ޕްރޮގްރާމް ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ފައްޓަވައި ދެއްވައިފި އެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާ ދަތުރު ފުޅުމުގައި ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"ސާފު ކެޔޮދޫ- ރީތި ކެޔޮދޫ" ގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކެޔޮދޫ ކައުންސިލްގެ މެންބަރުންނާއި ބައެއް ރައްޔިތުން ބައިވެރިވި އެވެ.
ކެޔޮދޫ ކައުންސިލްގެ މެންބަރު ހުސެއިން ހާފިޒު "އަވަސް" އަށް ވިދާޅުވީ ރާއްޖޭގައި ޕްލާޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލި ދެވަނަ ރަށަކަށް ކެޔޮދޫ ވުމަކީ ބޮޑު ފަހުރެއް ކަމަށެވެ.
"މި މަސައްކަތް ކުރި އަށް މިގެންދަނީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން،" ހާފިޒު ވިދާޅުވި އެވެ.
ކެޔޮދޫ އިން މި މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް ގެޓަވޭސް އިން ކުރިއަށް ގެންދާ "ބޭން ދަ ބޭގް" ކެމްޕޭންއާ ވެސް ގުޅުވާލައިގެންނެވެ. މި ޕްރޮގްރާމުގެ ދަށުން ދިރާގުން ހެޔޮ އެދުންތަކާއެކު 1500 ކޮތަޅު ކެޔޮދޫގެ ރައްޔިތުންނަށް ބަހާފަ އެވެ.
ކައުންސިލް މެންބަރު ހާފިޒު ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ހިލޭ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
"ފިހާރަތަކުން ވެސް މިހާރު ޕްލާސްޓިކް ކޮތަޅެއް ވިއްކާނީ ފަސް ރުފިޔާއަށް. އަޅުގަނޑުމެންގެ މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކެޔޮދޫ އިން ޕްލާޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުން،" ހާފިޒު ވިދާޅުވި އެވެ.
ކެޔޮދޫ އިން ޕްލާޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލިއިރު، ރާއްޖޭގެ މޫދު އަޑީގެ ފުރަތަމަ ދާރުލްއާސާރު ހެދުމުގެ މަސައްކަތް ވެސް އެ ރަށުން ދަނީ ކުރަމުންނެވެ.
ޕާސްޓިކް ކޮތަޅުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން މިދިޔަ އަހަރު ބ. ބޮޑުފުޅަދޫގައިވެސް ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާފަ އެވެ. ކަސްޓަމަސްގެ ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު ރާއްޖެއަށް 66 މިލިއަން ރުފިޔާގެ ކޮތަޅު އެތެރެ ކުރި އެވެ.