ރޭ ފަތިހުން ފެށިގެން މެދުކެނޑުމެއް ނެތި، ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށު މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ. މަގުތަކުގައި ފެން ބޮޑުވެފައިވާއިރު ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފަ އެވެ.
ތިނަދޫ ކައުންސިލްގެ މެންބަރު ސައުދު އަލީ މިއަދު ވިދާޅުވީ، ފަތިހު 5:30 އެކަންހާއިރުން ފެށިގެން ހުއްޓުމެއް ނެތި އެ ރަށަށް ވާރޭ ވެހުނު ކަމަށެވެ. ވާރޭ ހުއްޓާލީ މިއަދު ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ކަމަށެވެ. މިހާރު ވެސް އެ ރަށަށް އޮތީ މޫސުން ބަނަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ތާރު އަޅާފައިހުރި މަގުތަކުގެ ކާނުތައް ވެސް ފުރިފައިވާ ކަމަށާއި އެމަގުތަކުގެ ދެ ފަރާތުގައި ހުރި ގެތަކަށް ވަރަށް ބޮޑަށް ފެން ވަދެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ގެތަކަށް ފެން ވަދުމުގެ ސަބަބުން ގެއްލުންތަކެއްވެފައިވަނީ، އަގު ބޮޑެތި މުދާއް ވަނީ ހަލާކުވެފަ، ބެޑްރޫމް ސެޓް ފަދަ މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވަނީ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، ތިނަދޫގެ ބަރާސިލް އަވަށުގައި ކަރަންޓު ވެސް މިހާރު ކަނޑާލާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލަން ޖެހުނީ ފެނަކައިން ބަހައްޓާފައިވާ ފޮއްޓާ ހަމައަށް ފެން އެރުމުގެ ސަބަބުން ކަމަށެވެ. ބައެއް ސަރަހައްދުތަކުން ނަޖިސް ފެން ބޭރުވާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.
ރަށު ތެރޭގައި އެހާ ބޮޑަށް ފެން ބޮޑުވެފައިވަނީ މަގުތަކުގައި ތާރު އެޅިއިރު ފެން ބޭރުވާނެ ނިޒާމެއް ގާއިމުކޮށްފައިނެތުމުން ކަމަށް ސައުދު ވިދާޅުވި އެވެ. ތާރު އެޅިމަގުތަކުގެ ކާނުތައް ފުރިފައިވާއިރު ހުރިހާ ފެނެއް މިހާރު ދަނީ ގެތަކާއި ރަށު ތެރެއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިވަނީ ވާރޭ ކޮންމެވެސް ވަރަކަށް ހުއްޓާލާފައި، މިރޭ ވާރޭ ވެހިއްޖެނަމަ ވަރަށް ބޮޑެތި ގެއްލުމްތަކަކާ ކުރިމަތިލާން ޖެހޭނެ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، ވާރޭ ހުއްޓާލާފައިވުމުން ރައްޔިތުން މަގު މައްޗަށް ނިކުމެ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުން އަދި ސިފައިންނާއި އެމްއާރްޑީސީ ގުޅިގެން ފެން ހިންދުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން 10 ޕަންޕެއް ޖަހައިގެން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.