ގދ. ތިނަދޫ

ތިނަދޫ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ގެއްލުންތަކެއް ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިނަދޫއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ ތިނަދޫއަށް ރޭ ދަންވަރުން ފެށިގެން އެތައް އިރެއް ވަންދެން ވަރަށް ބޯކޮށް އެ ރަށަށް ވާރޭ ވެހެމުން ދިޔަ ކަމަށާއި އޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ނަރުދަމާ ނިޒާމުގެ ތެރެއަށް ފެން ވަދެ އޭގެ ނަޖިހުގެ އަސަރުތައް ވެސް ގޭގެއަށް ކުރަމުންދާ ކަމަށެވެ.

"މިހާރު ބޮޑަށް ޝަކުވާ މި އަންނަނީ ވެސް ނަރުދަމާގެ ނިޒާމުގެ މައްސަލައަށް. މަގުމަތީގައި ހުރި ފެންތައް ނަރުދަމާގެ ތެރެއަށް ވަދެގެން އޭގެ ނަޖިހުގެ އަސަރު ގޭގެއަށް ކޮށްގެން މި ދުވަސްވަރު އެ ޝަކުވާ އެންމެ ބޮޑަށް މި އަންނަނީ." އައްސަދު ވިދާޅުވި އެވެ.

އެއްވެސް ވަރަކަށް ނޫޅެވޭ ވަރަށް ގޭތެރެއަށް ފެން ވަދެ ގެއްލުން ލިބެގެން ހަ ގެއަކުން ކައުންސިލަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ގެތަކުގެ ހާލަތު ބެލުމަށް ކައުންސިލުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ވެސް ވަނީ ތިނަދޫގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެގެން ގެއްލުން ލިބޭނެތީވެ، މިއަދު މެންދުރުފަހުން ފެށިގެން ފެން ބޮޑުވެފައިވާ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެ އިދާރާގެ ސަދަން އޭރިއާގެ ސިފައިން ކުރަމުން ގެންދާ ކަމަށް ބުނެފަ އެވެ.

ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ފެން ބޮޑުވާ ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނެ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ތިނަދޫގައި ހަތް ޕަމްޕު ސްޓޭޝަނެއް ބެހެއްޓުމަށް ސަރުކާރުން ނިންމައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިއުލާން ކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް ވެސް ރަށުގައި ޕަމްޕް ސްޓޭޝަންތައް ބެހެއްޓިފައެއް ނުވެ އެވެ.