ގދ. ތިނަދޫއަށް އިއްޔެ ކުރި ވިއްސާރާގައި އެ ރަށުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
ޕަންޕު ޖަހައިގެން ފެން ހިއްކުމުގައި ސިފައިން މިއަދު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވެފައިވަނީ ތިނަދޫއަށް ހުކުރު ދުވަހުގެ ދަންވަރުން ފެށިގެން އެތައް އިރެއް ވަންދެން ވަރަށް ބޯކޮށް އެ ރަށަށް ވާރޭ ވެހެމުން ދިޔަ ކަމަށާއި އޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނަރުދަމާ ނިޒާމުގެ ތެރެއަށް ފެން ވަދެ އޭގެ ނަޖިހުގެ އަސަރުތައް ވެސް ގޭގެއަށް ކޮށްފައިވާ ކަމަށެވެ.
ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ފެން ބޮޑުވާ ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނެ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ތިނަދޫގައި ހަތް ޕަމްޕު ސްޓޭޝަނެއް ބެހެއްޓުމަށް ސަރުކާރުން ނިންމައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިއުލާން ކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް ވެސް ރަށުގައި ޕަމްޕް ސްޓޭޝަންތައް ބެހެއްޓިފައެއް ނުވެ އެވެ.