ވިޔަފާރި

އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރަސްމީކޮށް ބަދަލުކޮށްފި

Jan 1, 2017

އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރަސްމީކޮށް ބަދަލުކުރައްވައި އެއާޕޯޓު މިރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފުތިތާހުކޮށް ދެއްވައިފި އެވެ. އެއާޕޯޓު އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިރޭ އެއާޕޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގަ އެވެ. -- ވެލާނާއަކީ ބޭރާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރުގެ ކޮލީ ނަމެވެ.

އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެލާނާ އިންޓަނޭޝަނަލް މިނަމަށް އެއާޕޯޓުގެ ނަން ބަދަލު ވެގެން ދިއުމާއެކު މިއީ އެއާޕޯޓުގެ ނަމަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް" ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ 1980 ވަނަ އަހަރެވެ. އަދި އޭގެ ފަހުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަމަށް ބަދަލުކުރެއްވީ 2011 ވަނަ އަހަރެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އައިއެންއައިއޭގެ ނަން ބަދަލުކުރުރަން ނިންމީ، އެއާޕޯޓަށް މިހާރު ގެންނަމުންދާ އުމްރާނީ ތަރައްގީ އާއި ރާއްޖޭގެ ބްރޭންޑް ރަމްޒުކޮށްދޭ، ފަސޭހަ އަދި ކުރިއެރުމާއި ތަރައްގީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ހަމަޖެއްސުމަށްޓަކައި ކަމަށެވެ. އަދި އެއާޕޯޓުގެ ނިސްބަތްވެ، ވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެ އަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީ އަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށް ވުމާއެކު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އައިއެންއައިއޭގެ ނަން ބަދަލު ކުރިއިރު، ސަރުކާރުން ދަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގު 800 މިލިއަން ޑޮލަރަށް އަރާއިރު، މި މަޝްރޫރުގެ ދަށުން އެންމެ ޒަމާނީ ޕެސެންޖަރު ޓާމިނަލްއެއް ތަރައްގީ ކުރާނެ އެވެ. އަދި މުޅި މަޝްރޫއު ނިމޭއިރު އެއާޕޯޓުން ފަސް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ތަނަކަށް ވާނެ އެވެ. މި މަޝްރޫއު ނިމޭނީ 2018 ވަނަ އަހަރު އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރުވީިއިރު އެއާޕޯޓަށްކޮށްފައިވާ އިންވެސްޓަށް ބަލާއިރު ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 1.3 މިލިއަން ރުފިޔާ އެއާޕޯޓަށް ހޭދަކުރައްވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެއާޕޯޓު ކޮމްޕެނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓް އެއާޕޯޓަށް ޖެއްސުމާއެކު އެއާޕޯޓުގައި ވަނީ ހަވާ އަރުވާފަ އެވެ. އަދި އެ ފްލައިޓަށް ހޫނު މަރުހަބާއެއް ވެސް ވަނީ ކިޔާފަ އެވެ.