އެމްއޭސީއެލް

ބީޔޫސީޖީން އެމްއޭސީއެލްއާ ހަވާލުކުރީ ޓާމިނަލް ލައުންޖު އޭރިއާ

Aug 16, 2021

އާ ސީޕްލޭން ޓާމިނަލް ހަދާ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އެމްއޭސީއެލް އަށް ހަވާލުކުރީ އެތަނުގެ ލައުންޖު އޭރިޔާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފުރިހަމަ ވަސީލަތްތަކާއެކު ތަރައްގީ ކުރާ ސީޕްލޭން ޓާމިނަލް އެއްކޮށް ނިންމައި، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ހަވާލުކޮށްފައިވާ ކަމަށް ޗައިނާގެ ނޫސްތަކުގައި މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ޖަހާފަ އެވެ.

އެހެންވެ އެކަން ސާފުކޮށް ދިނުމަށް އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީޕްލޭން ޓާމިނަލް އެއްކޮށް ނިމިފައި ނުވާ ކަމަށާ، ހަވާލުކޮށްފައިވަނީ ޓާމިނަލްގެ ބައެއް ކަމަށެވެ.

މީގެ އިތުރު ތަފުސީލު ދެއްވަމުން، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ސީޕްލޭން ޓާމިނަލް އެއްކޮށް އަދި ނުނިމޭ ކަމަށާ، ބީޔޫސީޖީން މިހާތަނަށް ހަވާލުކޮށްފައިވަނީ ލައުންޖު ހަދާ އޭރިއާ ކަމަށެވެ.

"ލައުންޖުގެ އިންޓީރިއާ ހަދާނީ އެތަން ނަގާ ކުންފުނި ތަކުން. އެހެންވެ އެބައި ނިންމައި ކުރިން އެ ފަރާތްތަކާ ހަވާލުކުރަން ޖެހޭ. އެހެންވެ އެބައި ނިންމައި ހަވާލު ކުރީ،" ހަސަން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހެދި އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްކޮށް ދޭން އުޅޭ ކަމަށް ބުނެ މައްސަލަ ހޫނުވި އެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން ވަނީ މައްސަލަ ހައްލު ކޮށްފަ އެވެ. ސަރުކާރުން ހުށަހެޅި ހައްލަކީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދިނުމެވެ. މީގެ އިތުރުން ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން އަމިއްލަ އަށް ހިންގަން ފަށަން ޖެހެ އެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް އަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ފުރިހަމަ އިމާރާތެކެވެ. އާ ސީ ޕްލޭން ޓާމިނަލް ހަދާފައިވަނީ 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެންނެވެ. މި މަސައްކަތް ކުރީ އާ ރަންވޭގެ މަސައްކަތް ކުރި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި ތަނުގައި ބޯޓު މަރާމާތު ކުރާ ސަރަހައްދެއްގެ އިތުރުން ލައުންޖުތައް ވެސް ހުންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕަށެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު ހުންނަ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ބީޔޫސީޖީ އިން ކުރީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖާ ޓާމިނަލް ނިމި 2022 ވަނަ އަހަރު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.