ފޮށި ދަމަމުން "ޝަބްނަމްވާދީގޭ" އުތުރުބައިން ނިޔާން ނުކުންއިރު ދޮރުމަތީގައި ޓެކްސީއެއް މަޑުކޮށްގެން އޮތެވެ. އޭނާގެ އަތުގައި އޮތް ފޮށި ފެނުމާއެކު ޑްރައިވަރު ކާރުން ފައިބައިގެން އައިސް ޑިކީ ހުޅުވާލާފައި ނިޔާންގެ ފޮށި ނަގާ ޑިކީގެ ތެރެއަށް ލިއެވެ. އެއާއެކު ނިޔާން ބަލާލީ ދޮރުމަތީ ތިބި އޭނާގެ މަންމައާއި އަންހެންކޮއްކޮއަށެވެ. ސާދަ އަހަރުގެ މައުރީންގެ މޫނުމަތިން މާބޮޑު ނުތަނަވަސްކަމެއް ނުފެނުނު ނަމަވެސް ރުބީނާގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުމެއް ފައުޅުވޭވޭ ހުއްޓެވެ.
"މަންމައަށް ދެން ނިޔާން ފެންނާނީ ހަމަސް ފަހުން ދޯ..." ދޮރުމަތީ ހުރި ރުބީނާ ބުނެލީ މާޔޫސްކަމާއެކުއެވެ.
"މަންމާ. ބުނީމެއްނު މީ ވަރަށް ރަނގަޅު ފުރުޞަތެކޭ... އެހެންވެއޭ މިދަނީ. ގިނައިން ފައިސާ ލިބުނީމާ ހަމަ ރަނގަޅުވާނީ މަންމައަށް. ދެން ދަނީ... ހިތްހެޔޮ ކުރާތި... އަހަރެން ނެތް ދުވަސްތަކުގައި ބައްޕައާ ދެބަސްނުވެ އުޅެވޭތޯ ބަލާތި، އެކޮޅަށް ދެވުނީމާ މަންމަމެންނަށް ގުޅާނަން... އިރާދަކުރެއްވިއްޔާ ހަމަސްފަހުން އަނެއްކާ ވެސް އަހަރެން ހުންނާނީ މާލޭގައި... މައު! ދޮންބެ ނެތަސް މަންމަގެ ބަސްއަހައިގެން އުޅޭތި... އަބަދުފޯނު އަތަށް ލައިގެން އުޅުމުގެ ބަދަލުގައި ކިޔެވުމަށް ސަމާލުކަން ދޭތި... މޮޅަށް ފާސްވެއްޖެއްޔާ ރަނގަޅު އިނާމެއް އޮންނާނެ" ރުބީނާއާއި މައުރީންއާ ވަކިވެގެން ދިއުމުގެ ކުރީން ނިޔާން ހީވީ ވަސިއްޔަތެއްކޮށް ނިންމާލި ހެނެވެ.
ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ނިޔާން އޭނާގެ މަންމައާއި ކޮއްކޮއާ ސަލާމްކޮށްލުމަށްފަހު އައިސް ޓެކްސީގެ ކުރީ ސީޓަށް އަރާ އިށީނެވެ. އެއާއެކު ޑްރައިވަރު ޓެކްސީ ދުއްވާލިއެވެ. އެމީހުންގެ މަންޒިލަކަށްވީ އެއަރޕޯޓާއި މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތައް ލަފާ ތަނެވެ. ޓެކްސީ މަޑުކޮށްލުމާއެކު ފޮށި ހިފައިގެން ފެރީއަށް އަރަން ނިޔާން ކައިރިވެލިއެވެ. ފަޅުވެރިކުއްޖަކު ފޮށިހިފައިގެން ދިއުމުން އޭނާގެ ފަހަތުން ނިޔާން ވެސް ފެރީއަށް އެރިއެވެ. މީހުން އަރާ ފެރީ ބަރާވުމާއެކު އޭތި ދުއްވާލީ އެއަރޕޯޓާ ދިމާއަށެވެ.
މޫސުން ރީތި އޮއެމަޑު ދުވަހެކެވެ. އަރައިގެން އަންނަ އިރުގެ ހޫނުކަން ޖެހެމުންދިޔަ ވައިރޯޅިތަކުން ފިނިކުރުވަމުންދިޔަ ނަމަވެސް އެ އިރުގެ ގަދަ އަލިން ނިޔާންގެ ދެ ލޯ ކަނުކުރުވާ ފަދައެވެ. އެކި އުމުރުފުރައިގެ މީހުންނާއިގެން ތޮއްޖެހިފައި އޮތް ފެރީގެ ތެރޭގައި ނިޔާން އޭނާގެ ފައިދޮށުގައި ބަހައްޓާލައިގެން އިން "ބެކްޕެކް" ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން ނެގި ކަޅުކުލައިގެ ރޭބަން އަވިއައިނު އެ ދިގު މޫނަށް ހެޔޮވަރުކޮށްލިއެވެ. ނިޔާންގެ ލޮލަށް ލިބިގެންދިޔަ ފިނިކަމެއްގެ ސަބަބުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހެން އިނދެ ދޭތެރެއަކުން ލޮލުގައިވާ އައިނު ރަނގަޅުކޮށްލާ ފެރީގެ ތެރެއަށް ނަޒަރު ހިންގާލައެވެ.
ގިނައިރެއް ނުވެ ލޮނުގަނޑު ކަފަމުން އައި ފެރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެތެރޭގެ ދަތުރުތައް ކުރާ ސަރަޙައްދުގެ ގިމަތައާ ކައިރި ކުރިއެވެ. މީހުންގަނޑުގެ ތެރެއިން ނިޔާން ފައިބައިގެން ގޮސް މަޑުކޮށްލައިގެން ހުރީ އޭނާގެ ފޮށި ފެރީ އިން ބާލަންދެނެވެ. ގިނައިރެއްނުވެ ފޮށި ވެސް ލިބިއްޖެއެވެ. އެއާއެކު އެއަރޕޯޓުގެ "ޑޮމެސްޓިކު އޭރިއާ"އަށް ވަނުމަށް ނިޔާން ހިނގައިގަތެވެ. އެތަނުގައި ހުރި ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުން މީހަކު ނިޔާނަށް ގޮވާލީ އެތެރެއަށް ވަދެވަދެ ހުއްޓައެވެ. އެ ދިމާއަށް އެނބުރި ބަލާލުމާއެކު ދެން ފެނުނީ ނިޔާނާއެކު އެ ދަތުރުގައި ބައިވެރިވާ ޖުވައިން އައިސް އޭނާއާ ހަމަކުރިތަނެވެ.
"ނިޔާން ނާންނާތީ މިތާ ބޭރުގައި މަޑުކޮށްލައިގެން މީނީ" ޖުވައިން ބުނެލިއެވެ.
ރާއްޖޭގައި ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރެއިން "ބިގްބިލްޑާސް"އަކީ ފާހަގަކޮށްލެވޭ މަޝްހޫރު އެއްކުންފުންޏެވެ. ޚާއްޞަކޮށް ރާއްޖެތެރޭގެ މަސައްކަތްތަކުގައި އެމީހުންގެ މުވައްޒަފުން ބައިވެރިވެއެވެ. އެގޮތުން ނިޔާންއަކީ އެ ކުންފުނީގައި ސީނިއަރ ސައިޓް ސުޕަރވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނެކެވެ. މެދުރާއްޖެތެރޭގެ ރަށެއްގައި ސުޕަމާކެޓެއް އަޅާތީވެ އެކަމުގެ ކަންކަން ބެލުމަށް ކުންފިނީގެ ފަރާތުން ދާން ހަމަޖެހުނީ ނިޔާނެވެ. އަދި އެނާއަށް އެހީވުމަށް "އެސިސްޓެންޓް"އެއްގެ ގޮތުގައި ޖުވައިން ފޮނުވީއެވެ. އެއްތަނެއްގައި މަސައްކަތް ކުރާ ދެ މީހުންނަށްވާތީ ނިޔާންއާއި ޖުވައިންއަކީ ދެ ރަޙުމަތްތެރިންނެވެ. ނަމަވެސް މަޤާމުގެ ގޮތުން ނިޔާންއަށްވުރެ ޖުވައިން ދަށެވެ.
"ހިނގާ ވަންނަމާ، ދެންނެތެއްނު ގިނައިރެއް" ނިޔާން ބުނެލިއެވެ.
* * * *
"އަދިވެސް އިސްތިރިކޮށް ނުނިމޭތަ؟" ސޯފާގައި އިނދެފައި ފަހަތަށް އެނބުރިލަމުން ދާއޫދު ބުނެލިއެވެ. އޭރު ސިޓިންރޫމުން އެތެރެއަށް ވަންނަން އޮތް މަގުގެ ފާރުކައިރީ އިސްތިރިކުރާ މޭޒު ދޮށުގައި ދާއޫދުގެ އަންހެނުން މަލީހާ ހުއްޓެވެ. އަތްމަތި އަވަސްކޮށްލާފައި ދާއޫދުގެ ގަމީސް އިސްތިރިކޮށްފައި އޭނާއަށް މަލީހާ ގަމީސް ދިއްކޮށްލިއެވެ.
"އެ މީހުންގެ ލާންޗު ކައިރިކުރީތަ" މަލީހާ އަހާލިއެވެ.
"ބަދީއު ގުޅާފައި އޭރު ބުނީ ފަސްވަރަކަށް މިނެޓުފަހުން ލާންޗު ފަޅަށް ވަންނާނެއޭ. އަހަރެން އަދި މިހިރީ ގޭގައި... މީ މަލީހާގެ ކަންތަކޭ. ކުރީބައިގަ ގަމީހާ އެއްޗެހި އިސްތިރިކޮށްފައި ބަހައްޓާނަމަ މިހިނެއްނުވީހެންނު. ދެން އެކުން ގިނަ ވާހަކަ ނުދައްކާ އަހަރެން އަންނަންވާއިރަށް ރަނގަޅަށް ސައިތަށްޔާރުކޮށްފައި ބަހައްޓާ. ލިޒީއާއި އޭނާއާއެކު އެ އުޅޭ ކުދިންނަށް ގޮވާފައި ބުނެބަލަ މަލީހާއަށް އެހީވާން އަންނަން. ބޭރު ޖޯލިފަތީގައި އެ ތިބެނީ ހަމަ ކުޅިވަރަށް، ހުސް އަނގަތަޅަން..."
މަލީހާ ދިން ގަމީސް ގަޔަށް ހެޔޮވަރުކޮށްލައިގެން ދާއޫދު ގެއިން ނުކުމެގެން ދިޔައީ އެއްޗެއް ބުނާނޭ ފުރުޞަތު މަލީހާއަށް ނުދީއެވެ. އެތަން ބަލަން ހުރެފައި ދެފަރާތަށް ބޯހޫރާލުމަށްފަހު މަލީހާ އޭނާގެ ދަރިފުޅު ލިޒީއަށް ގޮވާލިއެވެ.
"އޯއި މަންމާ! ކިހިނެއްތަވީ" މާ ބާރަށް މަލީހާ ގޮވާލީމާ ގޯތިތެރޭގައި މަގުމަތި ފެންނަގޮތަށް ބަހައްޓާފައި ހުންނަ ޖޯލިފަތި ކައިރިން ލިޒީ ހަލުވިކޮށް އައިސް ވަނެވެ. އޭރު އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިރާ ވެސް ލިޒީއާއެކު އައިސް ގޭތެރެއަށް ވަނެވެ.
"އާދެބަލަ އައިރާއާ ދެކުދިން މަންމައަށް އެހީވެލަން" މަލީހާ މިހެން ބުނެ ހިނގައިގަތީ ގޭގެ ބިއްދޮށުގައި ހަދާފައި ހުރި ކާގެއާއި ބަދިގެއާ ދިމާއަށެވެ.
"ދައްތާ، ދާއޫދުބެ ކަމަކާ ހިތްހަމަނުޖެހިގެން އުޅޭ ދުވަހަކީތަ" އިންވެގެން ހުރި ކާގެއާއި ބަދިގެއަށް ވަދެ ނުކުމެވާ ދޮރުމަތީ މަޑުކޮށްލައިގެން އައިރާ ހުރެ އަހާލިއެވެ.
"ލިޒީ ނުބުނޭތަ؟ މާލެއިން ކޮންމެވެސް ބަޔަކު އަންނަނީނު. ރަށު ކައުންސިލުގައި އުޅޭ ހާލިދު ރޭގައި އައިސް ބުނި މިރަށުގައި ސުޕަމާކެޓުއަޅާ ކުންފުނީގެ ބޮޑެތި މީހުންނޯ އެއީ. ދާއޫދުބެ ގާތުގައި އެދުނީ މިގޭގައި ބަހައްޓައިދިނުމަށް" ބަދިގެއިން ކާއެއްޗެހި އަޅާފައި ހުރި ތަށިތައް އައިރާއާއި ލިޒީގެ އަތަށް ދެމުން މަލީހާ ވާހަކަދެއްކިއެވެ.
"އަހަންނަކަށް ނޭނގެއޭ މާލެއިން ކަމެއް މީހުން އަންނަނީ... އެހެންވެ އައިރާ ގާތުގައި ނުބުނެވުނީ" ލިޒީ ހުރެފައި ބުނެލިއެވެ.
"ރޭގައި ހާލިދު ގާތު ނުބުނެއޭ މިގޭގައި ބަހައްޓައިދޭނަމޭ. މިއަދު ހެނދުނު ހޭލާފައި ލިޒީގެ ބައްޕަ ބުނީ ބިއްދޮށަށް ހުރި ކޮޓަރި ސާފުކޮށްލައި ތައްޔާރުކުރުމަށް"
"އެހެންވީރު ޔަޤީން އެ މީހުންގެ ފަރާތުން ބައްޕައަށް ވަރަށް ބައިވަރު ފައިސާ ލިބެނީކަން... ވަރަށް މުއްސަނދި ބައެއްތަ އަންނަނީ" ލިޒީ މިހެން ބުނުމާއެކު ދެން އިވުނީ އެންމެން އެއްފަހަރާ ހޭންފެށިއަޑެވެ.
"އިރުކޮޅަކުން ލިޒީގެ ބައްޕަ އަންނާނެ. ތިކަހަލަ ވާހަކަ ދައްކާއަޑު އިވިއްޖެއްޔާ ވަރަށް ރުޅިގަދަވާނެ" ހުނުންގަނޑު ހިފަހައްޓަމުން މަލީހާ ބުނެލިއެވެ.
"މަންމާ... ސީރިއަސްކޮށް ބުނެބަލަ... ވަރަށް މުއްސަނދި ބައެއްތަ އަންނަނީ..." ލިޒީ އޮޅުންފިލުވަން ބޭނުންވިއެވެ.
"ނޭނގެ ތިއެއް... ހާލިދު ބުނި އެމީހުންގެ ހުރުމާއި ކެއުން ހަމަޖައްސައިދިނުމުން ކޮންމެވެސް އެއްޗެއް ލިބޭނެކަމަށް" މަލީހާ ބުނެލިއެވެ.
"ކޮބާ؟ މަށަށް އޭރު ވެސް ހީވިއޭ...." އައިރާއަށް ބަލާލަފައި ލިޒީ ބުނެލިއެވެ. އެ ދެކުދިން އެއްފަހަރާ ހީނގަތެވެ.
"އެމީހުން އައީމާ ހުރިހާ އިރަކަށް ޖެހޭނެ ކާން ތައްޔާރުކުރާން... ލިޒީވާނެ މަންމައަށް އެހީވާން... އައިރާ! ހިޝްމާ ނުހޯދަނީތަ މަންޖެ މާ ހެނދުނާ މިގެއަށް އައިސް ތިއުޅެނީ..." ސުފުރާމަތީގައި ހުރި ތަށިތަކުގައި މަތިޖަހަމުން މަލީހާ އަހާލިއެވެ.
"ކައިރީގައި އޮތް ފަޅުރަށަށް ގޮސްވީ..." އެހާ ގަޔާނުވެ ހުރެ އައިރާ ބުނެލިއެވެ. އެހިނދު މަލީހާއަށް އައިރާ ބުނި އެއްޗެއް ވިސްނުނެވެ.
"ސައިބޮއެފިންތަ؟ ލިޒީ ނުބުނޭ ދޯ ސައިބޯން އަންނާކަށް..." އޯގާތެރިކަމާއެކު މަލީހާ ބުންޏެވެ. އޭނާއަށް އައިރާގެ ހާލު އެނގެއެވެ.
"ނޫން! ބުނިން... މަންމައަށް އެނގެއެއްނު އައިރާގެ ގޮތް... އޭނާއަށް އެއްޗެއް ދޭން ޖެހޭނީ ގަދަކަމުން... ބައްޕަ ރުޅިގަދަވެގެން އުޅޭތީ އައިރާ އެތެރެއަށް ނުވައްދަން ހުރީ" ލިޒީ އަވަސްއަވަހަށް ބުނެލިއެވެ.
ކާގޭގެ އެއްފަރާތުގައި ހުރި އައިސް އަލަމާރިން ޖަގެއްނަގައި ބިއްލޫރުތަށްޓަކަށް ޖޫސް އެޅިއެވެ. އަދި އެ ތަށި ކާމޭޒުމަތީ ބަހައްޓާފައި ޖޫސްޖަގު އައިސް އަލަމާރިއަށްލިއެވެ. އެއާއެކު މަލީހާ އައިސް އައިރާގެ ކޮނޑުގައި ހިފައިގެން ގެނެސް މޭޒުދޮށުގައި ބޭންދިއެވެ.
"ތި ޖޫސްތަށި ބޯލާ... މިއަދު މެންދުރު ކާންވާނީ ވެސް މިގެއިން... އެކަކު ވެސް ނޫޅެންޏާ ކޮންމެހެން މެންދުރު ކާއެއްޗެއް ހަދާނެކަމެއްނެތް" މަލީހާ ބުންޏެވެ.
"މެންދުރު ކައްކަންވާނެއެއްނު... ދައްތަމެން އައިސް ރޭގަނޑު ކާނޭ އެއްޗެއް ހުންނާނީ އޭރުން... އަހަރެން މި ހުރީ ހެނދުނު ސައި ވެސް ބޮއެގެން... އެހެންވެއޭ ލިޒީ ބުނީމަ ވެސް ސައިބޯން ބޭނުންނުވީ..." އައިރާ ހިނިތުވުމެއް ދޭން މަސައްކަތްކުރިއެވެ.
"ކޮންމެހެން އައިރާ ނުކައި ހުންނާނެކަމަކަށް ނޫނޭ ދައްތަ ކާން ބުނަނީ... ދައްތައަށް އެނގޭ ތީ ކިހާ މުރާލި ކުއްޖެއްކަން... ކޮބާ މިހާރު ވަޒީފާއެއްގެ ކަންތައް ކިހިނެއްވަނީ..." މަލީހާ އަހާލިވެ. ޖޫސްތަށި އެއްނޭވާއިން ބޯލުމާއެކު އައިރާ ގޮނޑިން ތެދުވެ ކާގެއިން ބޭރަށް ނުކުތެވެ. ތަށިދޮންނަން ބޭރުގައި ހުރި ސިންކުގެ ކައިރިއަށް ޖެހިލާ އޭނާ ވާހަކަދެއްކިއެވެ.
"އެންމެ ފަހުން ސުކޫލަށް ގެންދިޔަ ދުވަހު ބުނި ވަޒީފާ ލިބިފައޭ އޮތީ... އެކަމަކު ނުކުންނަންވީ ދުވަހެއް ނުބުނޭ..." އައިރާ ތަށިދޮންނަމުން ބުންޏެވެ.
"އަހަންނަށް ފެންނަނީ އަލުން އޮފީހަށް ގޮސް އަހަން... ކުރީން ވެސް އެތަނަށް ވައްދަނީ އެމީހުން ބޭނުންބަޔެއް..." ލިޒީގެ މޫނުމަތިން ފޫހިކަމެއް ފައުޅުވެގެންދިޔައެވެ. އޭރު އައިރާ ކާގެއަށް ވަދެ ތަށި ހަރުގައި ދޮވެގެން ގެނައި ބިއްލޫރި ތަށި އަޅުވާލިއެވެ.
"މިހާރު މެނޭޖުމެންޓު ބަދަލުވެއްޖެއެއްނު... އިންޓަރވިއު ވެސް ކުރީ އައު ބައެއް... ބޮޑުމީހަކަށް ހުރީ ފައިރޫޒު ކިޔާ މީހެއް..." އައިރާ އޮޅުންފިލުވައިދިނެވެ.
"ހިޝްމާއާއި ތާއިބު ޤަބޫލުތަ އައިރާ ވަޒީފާއަށް ދާން" ދެ ޚިޔާލެއްގައި އިންހެން މަލީހާ އަހާލިއެވެ.
"ބޭބެއާއި ދައްތައަށް ވެސް ފަސޭހަވާނެއެއްނު އަހަރެން ވަޒީފާއަށް ނުކުންނަން ފެށީމާ... އޭރުން ގޭގެ ޚަރަދުގައި އަހަންނަށް ވެސް ބައިވެރިވެވޭނެއެއްނު" އައިރާ ބުނެލިއެވެ.
"ރަނގަޅުވާހަކައެއް ތިބުނީ... ދެން ހިނގާ ބޭރަށް... މިހާރު ލިޒީގެ ބައްޕަ އެމީހުން ގޮވައިގެން އަންނަން އުޅޭނެ" މަލީހާ ވެސް ގޮނޑިން ތެދުވެ މޭޒުދޮށަށް ގޮނޑި ވައްދާލިއެވެ.
ބޭރުޖޯލިފަތީގައި މަލީހާ ޖައްސާލުމާއެކު އައިރާއާއި ލިޒީ އައިސް ޖޭމުގަހުގެ ހިޔާ އެޅިފައި އޮތް ހިސާބުގައި ތިރިކޮށް ރާނާފައި ހުރި ވަށާފާރުބުރި މަތީ އަތްއަޅުވާލައިގެން ތިއްބެވެ. އެހެން ތިއްބާ އެ މީހުންގެ ލޮލުގައި އެ މަގުން އަންނަ ޕިކަޕެއް އަޅައިގަތެވެ.
"މަންމާ... އެއޮއް އަންނަނީ ކަންނޭނގެ..." ފަސްއެނބުރި ޖޯއްޔަށް ބަލާލަމުން ލިޒީ ބުނެލިއެވެ. އެއާއެކު މަލީހާ ވެސް ޖޯލިން ތެދުވެގެން އައިސް ލިޒީމެން ކައިރީ މަޑުކޮށްލާ ބޯއަރިކޮށް މަގުމައްޗަށް ބަލާންފެށިއެވެ.
ހުދުކުލައިގެ ޕިކަޕު އައިސް މަޑުކޮށްލީ މަލީހާމެންގެއަށެވެ. ދޮރުކައިރިއަށް އަވަސްއަރުވާލާފައި މަލީހާ ނުކުތެވެ. ލިޒީއާއި އައިރާ ޖޭމުގަސްދޮށުގައި ބަލަން ތިއްބެވެ. ދެ އަންހެންކުދީންނަށް އެކަކު އަނެކަކަށް ބަލާލެވުނީ ދާއޫދާއެކު ގޭތެރެއަށް ވަނުމަށް އައި ދެ ޒުވާނުން ފެނިފައެވެ. ނިކަން ޝައުގުވެރިކަމާއެކު ސިއްރުން ދެ އަންހެންކުދީން ވެސް ކުރިއަށް ޖެހިލާ ދާއޫދު ދައްކާ ވާހަކައެއް އަޑުއަހަން ތިއްބެވެ.
"މީ އަހަރެންގެ އަންހެނުން މަލީހާ... މީ ނިޔާން... ދެން މިހުރީ ޖުވައިން... ހިނގާ ދޯ އެތެރެއަށް... ކޮޓަރި ބަލާލަން..." ދާއޫދު ބުނެލިއެވެ.
"ނިޔާން..." އައިރާ ބުނެލިއެވެ.
"ޖުވައިން" ލިޒީ ވެސް އައިރާއަށް ބަލާލަމުން ބުނެލިއެވެ. ދެ ލޯ ބޮޑުކޮށްލަމުން އެއްކުއްޖަކު އަނެއްކުއްޖަކަށް ސިއްރު މެސެޖުތަކެއް ބަދަލުކޮށްލި ކަހަލައެވެ. (ނުނިމޭ)