މޮނިކޮން އޯޑާ

ޓެގް އެޅުވުމަކީ އަމާޒެއް ނޫން، ބޭނުމީ މަގު ދައްކައިދޭން: އަޒްލީން

މޮނިކޮން ޓެގް އަޅުވުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ނޫން ކަމަށާއި ސަރުކާރުގެ އަމާޒުހުރީ ޒުވާނުންގެ ރިހިބެލިޓޭޓްކޮށް ހެޔޮގޮތުގައި ސާބިތުވެ ތިބި ބަޔަކަށް ޒުވާނުން ހެދުމަށް ކުރަންޖެހޭ މަސައްކަތް ފުޅާ ކުރުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަޒްލީން ރޭ ވިދާޅުވީ މޮނިކޮންގެ އަމުރު ހިންގާއިރު ބަލަންޖެހޭ ވަކި މިންގަނޑުތަކެއް އެބަހުރި ކަމަށާއި އެ ހާލަތަށް ކޮލިފައިވާ މީހަކު ހުރި ނަމަ ޓެގު އަޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ޓެގް އެޅުވުމަކީ ސަރުކާރުގެ އަމާޒު ނޫން ކަމަށެވެ.

އަދި ވިދާޅުވީ ޓެގު އަޅުވައިގެން އެންމެ އެކަށީގެންވާ ހައްލު ލިބޭތޯ އާއި އެންމެ ފައިދާ ބޮޑު ގޮތަކަށް އެކަން ގެންދެވޭނެ ގޮތަކީ މިހާރު ވެސް އިތުރަށް ބަލަމުން އަންނަ ކަމަށާއި އޭގެ ފައިދާތައް ވެސް އެބަހުރި ކަމަށެވެ.

"މީހަކު ކުށެއް ކޮށްފި ހިނދެއްގައި، ރާއްޖޭގެ ގާނޫނުތަކުން އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އަންނަ ކަމަށްވެއްޖެޔާ އެކަމަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން އެކަމަކު މައިގަނޑު އަމާޒަކީ ކުށަ އަރައިގަންނަ ހިސާބަށް ނުދާނެ ގޮތަކަށް ކަންކަން ބައްޓަންކުރުން" އަޒްލީން ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮނިކޮން އޯޑަރު ނެރެ މިދިއަ އަހަރު ވަނީ ނުރައްކާތެރި ކަމަށް ބެލެވޭ ބައެއް ފަރާތްތަކުގެ ފައިގައި ޓެގް އަޅުވާ ބަލަހައްޓާފަ އެވެ.