ވިޔަފާރި

ޒުވާން އޮޑިވެރިޔާގެ ލޯނު 14 ފަރާތަކަށް ދޫކޮށްފި

Mar 15, 2015

ޒުވާން މަސްވެރިންނާއި އޮޑިވެރިން އުފެއްދުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ލޯނު ޕްރޮގްރާމުގެ ދަށުން 14 ފަރާތަކަށް 8.6 މިލިއަން ރުފިޔާގެ ލޯނުގެ ގޮތުގައި ދޫކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މި ލޯނަކީ ރައީސް ޔާމީން ރިޔާސީ ކެނޑިޑޭޓަކަށް ނުކުމެވަޑައިގެން ވެފައިވާ ވައުދެއް ކަމަށެވެ.

"އެކި ބޭފުޅުނާ ބައްދަލުކޮށްގެން ޒުވާނުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެއްލެވި ބެއްލެވުމެއްގައި ރައީސް އަރިހަށް އައި ކަންތައްތަކަށް ބަލާފަ ލޯނު ދޫކުރާ ލޯނެއް،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލޯނު ދޫކުރަނީ ރާއްޖޭގެ ފައިނޭޝަލް ދާއިރާގައި މައްސަލަތަކެއް ހުރުމާއި ގުޅިގެން މަސްވެރިކަމުގެ ތެރެއަށް ނުކުމެ އުޅުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް ކަމަށެވެ.

"ނުބޭލި ހުރި އޮޑިފަހަރު ހުރުމާއި އެކު އެފަރާތްތަކަށް ވެސް މި ލޯނުން ލުއިކަމެއް ލިބިގެން ދާނެ. މަސްވެރިކަމުގައި އުޅެމުން ދަނިކޮށް ދޯނި ހަލާކުވުމުގެ ސަބަބުން ކުރިއަށް ދާން ދަތިވެފައިވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވިގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ތެރެއިން މި ލޯނަށް ހުށަހެޅި ހުރިހާ ފަރާތްތަކަށް ލޯނު ދޫކުރެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ "ސަބްސިޑީ" އަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ލޯނު ޕްރޮގްރާމަކީ ހަ ޕަސެންޓް އިންޓަރެސްޓުގައި ދޭ ލޯނެއް. މި ލޯނު ނިންމާލާފައި ތައްޔާރުވަމުން މިދަނީ ވެލިއު އެޑެޑް އަށް ހާއްސަ ލޯނެއް ދޫކުރަން،" ޝައިނީ ވިދާޅުވި އެވެ.