ހޮލީވުޑް

ތުހުމަތުތަކުން ސަލާމަތްވިޔަސް އެންޖެލީނާ ޖޯލީގެ އިންޒާރު ބްރެޑް ޕިޓަށް

Jan 4, 2017

ބައްޕައެއްގެ ފުރިހަމަ ނަމޫނާ ނުދެއްކޭ ކަމަށާއި ކުދިންގެ ހައްގުތައް ގެއްލޭ ފަދަ އަމަލުތަކެއް ބްރެޑް ޕިޓްގެ ފަރާތުން ފެނި އޭގެ ނޭދެވޭ އަސަރު ކުދިންނަށް ކޮށްފައިވާ ކަމަށް އެންޖެލީނާ ޖޯލީ ކުރި ތުހުމަތުން ޕިޓް ސަލާމަތްވި ނަމަވެސް ޖޯލީގެ ގާނޫނީ ޓީމު އޮތީ މި މައްސަލާގައި ޕިޓަށް ދޫދޭކަހަލަ ވިސްނުމެއްގައެއް ނޫނެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ލޯބި ޖޯޑުގެ ގުޅުން ގޯސްވެ ވަރިވެފައިވާއިރު ކުދިންނަށް ކަމޭނުހިތާ މައްސަލަ އާއި އެ ކުދިންގެ ހައްގުތަކަށް އަރައިގަނެވޭ ފަދަ ގޮތަކަށް ޕިޓްގެ އަމަލުތައް ބަހައްޓާފައިވާ ކަމަށް ބުނެ ޖޯލީގެ ޓީމުން ދަނީ އާ މައްސަލަގަނޑެއް ކައްކާލުމަށް ތައްޔާރުވަމުންނެވެ. ޖޯލީ ބުނެފައި ވަނީ އަސްލު ސިފަ އާންމުންނަށް އެނގިދާނެތީ ބްރެޑް ޕިޓް ކަންބޮޑުވާ ކަމަށާއި ސިއްރުތައް ބޭޒާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރަމުން އަންނަ ކަމަށެވެ.

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއަށް ފަހު ވަރީގެ މައްސަލަ ރަސްމީކޮށް ނިމުމަކަށް ގެނައުމުގެ މަރުހަލާ ކުރިއަށްދާއިރު ޖޯލީ ވަނީ ކުދިންނަށް އިހާނެތިކޮށް ހިތާ ކަމަށް ބުނެ ބްރެޑް ޕިޓްގެ މައްޗަށް އެތައް ތުހުމަތެއް އުފުލައިފަ އެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަ ބްރެޑް ޕިޓްގެ ކިބައިގައި ބޮޑު ކަމަށާއި އޭގެ ނޭދެވޭ އަސަރު އެކި ގޮތްގޮތުން ކުދިންނަށް ކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ބްރެޑް ޕިޓްގެ ރުޅިގަދަވުމުގެ ނޭދެވޭ އަސަރު ވެސް ކުދިންނަށް ކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ކުދިންނަށް އަނިޔާކޮށް އިހާނެތިކޮށް ހިތާ ކަމަށް ތުހުމަތުކުރި ނަމަވެސް މި މައްސަލަ ތަހުގީގުކުރުމަށް ފަހު އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބްރެޑް ޕިޓް ދޫކޮށްލައިފަ އެވެ.

ބްރެޑް ޕިޓާއި އެންޖެލީނާގެ ހަ ކުދިން ތިބިއިރު އޭގެ ތެރެއިން ތިން ކުދިންނަކީ އެޑޮޕްޓްކޮށްފައިވާ ކުދިންނެވެ. ދެ މީހުންގެ އަމިއްލަ ކުދިންނަކީ 10 އަހަރުގެ ޝިލޯހް ނޮވެލް އާއި އަށް އަހަރުގެ ނޮކްސް ލިއޯން އަދި އޭނާއާ އެއްމާބަނޑު ވިވީން އެވެ.

ޖޯލީ އާއި ބްރެޑް ޕިޓްގެ ލޯބީގެ ވާހަކަ ފެށުނީ 2005 ވަނަ އަހަރު ދެ މީހުން އެކުގައި ކުޅުނު "މިސްޓަ އެންޑް މިސިސް ސްމިތު" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭރު ބްރެޑް ޕިޓް އުޅެނީ ޖެނިފާ އެނިސްޓަންއާ ކައިވެނިކޮށްގެންނެވެ. އެންމެފަހުން އެ ކައިވެނި ރޫޅި ބްރެޑް ޕިޓް އެންޖެލީނާއާ ކައިވެނިކުރީ އެތައް އަހަރެއް ވަންދެން ލޯބިވެރިންގެ ގޮތުގައި އުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ.

ކައިވެންޏަށް ދެ އަހަރު ފަހުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ވައްދާފައިވާއިރު ޖޯލީ ދަނީ ކުދިންގެ ފުރިހަމަ ކޮންޓްރޯލް އަތުލުމަށް މަސައްކަތްކުރަމުންނެވެ.