(3 ޖެނުއަރީ 2016 އާ ގުޅޭ)
"ނިޔާން..." އައިރާ ބުނެލިއެވެ.
"ޖުވައިން" ލިޒީ ވެސް އައިރާއަށް ބަލާލަމުން ބުނެލިއެވެ. ދެ ލޯ ބޮޑުކޮށްލަމުން އެއްކުއްޖަކު އަނެއްކުއްޖަކަށް ސިއްރު މެސެޖުތަކެއް ބަދަލުކޮށްލި ކަހަލައެވެ.
ނިޔާނަކީ ދިގު އިސްކޮޅަކާއި އޮޅަލި ކުލައިގެ ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. ދިގުމޫނަކާއި ފައުޅުކަން ބޮޑު ކަތުރުކަށިގަނޑުގެ ބައްޓަން މޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އިސްތަށިގަނޑު ކުރުނަމަވެސް ކަޅުވެފައި ބޮލެވެ. ތުނިތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިމަތިމަހާއި މައްޗަށް ވާގޮތަށް ފުނާ އަޅާފައި ހުރި ފަންއިސްތަށިގަނޑު ނިޔާނާ ނުހަނު ގުޅެއެވެ. ލާފައި ހުރީ ނޫކުލައިގެ ޖިންސަކާއި ރަތާފެހީގެ ގޮޅިޖެހި ގަމީހެކެވެ. އެއާއެކު ހުދާއިނުލުގެ "ސްނީކާ"އަކަށް އަރާފައެވެ. ލޮލުގައިވާ އަވިއައިނު ގެއަށް ވަދެވުމާއެކު ލޮލާ ވަކިކޮށްލިތަން ފެނުނެވެ. އެއާއެކު ނިޔާނުގެ ތަނަވަސްނިތްކުރިއާއި ދެ ލޮލަށް ފުރިހަމަކަމެއް ގެނެސްދޭ ވަރުގަދަ ދެ ބުމަ އިތުރަށް ފައުޅުވެގެންދިޔައެވެ. ނިޔާނާއެކު ހުރި އޭނާގެ ރަޚުމަތްތެރިޔާ ވެސް ވަކި ހުތުރެއްނޫނެވެ. ނިޔާނާ ދާދި އެއް އިސްކޮޅެއް ލިބިފައި ވިޔަސް ޖުވައިނަށް ލިބިފައިވީ ކަޅުކޮފީކުލައިގެ ހަންގަނޑެކެވެ. ނިތްކުރިމައްޗަށާއެކު އިސްތަށިގަނޑު ވެއްޓިފައި އޮތްއިރު ފަންކަމުން ފަށުވިކޮޅެއް ފަދައެވެ. ކަޅުކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ޖިންސުގައި ޖުވައިންއެކޭ ބޮލުން ފެށިގެން ތިރިއަށް "ބްލެކްބިއުޓީ"އެކޭ ތަފާތެއްނެތެވެ. އާޝޯހުވެ ފާޑަކަށް ހިނިއައިސްފައި ދެ އަންހެންކުދީން ގޭތެރެއަށް ވަދެގެން ދިޔަ ދެ ޒުވާނުންނަށް ބަލަހައްޓައިގެން ތިބީ ހުވަފެނީ ގޮތަކަށެވެ. ރީތިކަމާއި ޒުވާންކަމުގެ އިތުރުން ފިރިހެންވަންތަކަމުގެ ފުރިހަމަ މިސާލެއް އައިރާއާއި ލިޒީގެ ލޯމަތިން ސިފަވެގެންދިޔަ ކަހަލައެވެ.
"އެހާ ޔަންގުވާނެކަމަކަށް ހިޔެއްނުކުރަން..." ދާއޫދާއެކު އެ ގެއަށް އައި ދެ ޒުވާނުން ގޭތެރެއަށް ވަދެގެން ދިޔަ ހިނދު އެ ދިމާއަށް ގެއްލިފައި ހުރި ލިޒީއަށް ބުނެލެވުނެވެ.
"ބިޒްނަސް ޓައިކޫނެއް ކަންނޭނގެ..." އައިރާ ވެސް މިހެން ބުނެލުމާއެކު ލާނެތް ގޮތަކަށް ހީނގަތެވެ.
"ތީކަންނޭނގެ ތިވީ ގޮތަކީ... އެހެންނޫނީ ބައްޕަ ޤަބޫލެއްނުވާނެ މިގޭގައި ފިރިހެންކުދީންތަކެއް ބައިތިއްބާކަށް..." ލިޒީ ބުންޏެވެ.
"ބައްޕަވީމަ އަބަދުވެސް ވިސްނާނީ ދަރީންނަށް ރަނގަޅަށް... ދާއޫދުބެ ވެސް ބޭނުންވާނެއެއްނު ލިޒީ އުފަލާ އަރާމުގައި އުޅޭން" އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޖޭމުގަހާ ދިމާއަށް އެނބުރިލަމުން އައިރާ ބުންޏެވެ.
ގޭތެރެއަށް ވަދެގެން އައިސް ކޮޓަރި ބަރިން އެންމެ ބިއްދޮށުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލާ އެ ކޮޓަރި ނިޔާނާއި ޖުވައިންއަށް ދާއޫދު ދައްކާލިއެވެ. އެ މީހުންގެ ލަގޭޖު އެތެރެއަށް ވައްދާލުމާއެކު ކޮޓަރިތެރެއަށް ވަނެވެ. އަދި ނިޔާނުގެ ބުރަކަށީގައި އޮތް ދަބަސް ނަގާ ކޮޓަރީގައި ހުރި ދެ އެނދުގެ ތެރެއިން ކޮޓަރިއަށް ވަންނަ ދޮރާ ކައިރީގައި ހުރި އެނދުގައި ބަހައްޓާލިއެވެ.
"ރަނގަޅުތަ؟ ފާޚާނާ ކުރެވޭގޮތަށް ހުންނާނީ... ގިފިއްޔެއް ވެސް މިގޭގައި ހުންނާނެ... ނިޔާނުމެން ކަމެއް ބޭނުންވެއްޖެނަމަ އަހަރެން ގޭގައި ނޫޅުނަސް މަލީހާ ގާތު ބުނަނިކޮށް އެކަމެއް ހަމަޖެހޭނެ..." ދާއޫދު ބުންޏެވެ.
"އޯކޭ ދޯ ޖުވައިން..." ނިޔާނު ބަލާލީ ޖުވައިންއަށެވެ.
"އާން! ބަރާބަރު..." ކޮޓަރިތެރެއަށް ނަޒަރު ހިންގަން ހުރި ޖުވައިން ވެސް އެ ކޮޓަރިއާ މެދު ހިތްހަމަޖެހުނެވެ.
ގޯތިތެރެ ފެންނަގޮތަށް ކަހާލެވޭ ބިއްލޫރި ކުޑަދޮރެއް އެ ކޮޓަރީގައި ހުއްޓެވެ. އެންމެ މިޒަމާނުގެ ފެންވަރަށް އޭސީ ކުރެވިފައި ވެއެވެ. ފާރުތަކުގައި ހުދުކުލަ ލާފައި ހުރިއިރު ކޮޓަރީގެ ދެފަރާތެއްގައި ދެ އެނދު ބަހައްޓައި ފާޚާނާ ހުރި ފާރުކައިރީ ތިންދޮރުފަތްލީ ބޮޑު އަލަމާރިއެއް ހުއްޓެވެ. ހެދުމާއި ތުވާލިފަދަ ތަކެތި އެޅުވޭގޮތަށް ބައިތައް ލާފައި ހުރި ދިގުދަނޑިއެއް ހުއްޓެވެ. ދެމީހުންނަށް ހަމަޖެހިގެން އެ ކޮޓަރީގައި އުޅެވޭހާ ތަނަވަހެވެ. ފަރުނީޗަރުތައް އައުވެފައި އެ ކޮޓަރިއަކީ ބަޔަކު ބޭނުންކުރަމުންދާ ކޮޓަރިއެއް ނޫންކަން ނިޔާނާއި ޖުވައިންއަށް ވެސް އެނގުނެވެ. އެކަން ވެސް ވީ ނިޔާނު އެ ގެއާ މެދު ހިތްހަމަޖެހުނު ކަމަކަށެވެ.
"ސައިހަދާފައި ހުންނާނީ... އެ ކުދީން ގޮވައިގެން ދާއޫދު އަންނަންވީނު ބަދިގެފަރާތަށް" ކޮޓަރިން ބޭރުގައި މަޑުކޮށްލައިގެން ހުރި މަލީހާ ބުންޏެވެ. ދާއޫދު ބޯޖަހާލުމުން މަލީހާ ހިނގައިގަތީ ބަދިގެ ފަރާތަށް ދިއުމަށެވެ.
ކާމޭޒުދޮށުގައި ނިޔާނާއި ޖުވައިން އިށީނދެ ކެއުމަށް އިންސާފު ކުރަމުންދިޔައިރު ދާއޫދު ގޭތެރޭގެ ބައެއްކަންކަން އެ މީހުންނަށް އޮޅުންފިލުވައިދިނެވެ.
"އަހަންނަށް އެނގޭ މާލޭން އަންނަ ކޮންމެ ޒުވާނުންނަކީ ގޯސްބައެއްނޫންކަން... އެކަމަކު ހަނދާންކޮށްދޭން ބޭނުން... މިގޭގައި ގިނަ ވަގުތު އުޅޭނީ މަލީހާއާއި އަހަރެންގެ ދަރިފުޅު ލިޒީ... ރޭގަނޑު އެހާ ދަންވަންދެން ބޭރުގައި ނޫޅެ ގެއަށް ވަނުން އެއީ އަހަރެން އެދޭކަމެއް... ދެން އަދި މިގެއަށް ފާޑުފާޑުގެމީހުން ވައްދައިގެންނުވާނެ... އަހަރެން ޤަބޫލުކުރަނީ ނިޔާނާއި ޖުވައިން ވެސް ތި ތިބީ އަހަރެންގެ ބެލުމުގެ ދަށުގައިކަމަށް... އެހެންވީމަ ތި ދެ ޒުވާނުންގެ ފަރާތުން ހުތުރު އަޑެއް އަރައިފިނަމަ އަހަރެން ވެސް ބަދުނާމުވާނޭކަން ހަނދާން ކުރާންވާނެ... ރަށުގައި އަހަރެން ނުދަންނަ މީހަކު ވަރަށް މަދުވާނެ... އަނެއްކާ ތިޔަހެން މާލޭން އައި ކުދިބަޔަކު ގޭގައި ބަހައްޓާ މީ ފުރަތަމަ ފަހަރު"
"ދާއޫދުބޭ... އެފަދަ ކަމެއް އަހަރުމެންގެ ފަރާތުން ނުފެންނާނެކަމުގެ ޔަޤީންކަން އަހަރެން ދެން..." ނިޔާނު އޭނާއާ ޖެހިގެން އިން ޖުވައިންއަށް ބަލާލާފައި ބުނެލިއެވެ. ޖުވައިން ވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
"ކޮންއިރަކުން ކަލޭމެން ކުދީންގެ މަސައްކަތް ފަށަނީ..." ބިއްލޫރިތަށިތަކަށް ފެންއަޅަމުން މަލީހާ އަހާލިއެވެ.
"ހިޔާ އެރީމާ އެ ސަރަޚައްދު ބަލާލަން ދާނަން... މަސައްކަތް ފެށޭނީ ކަންތައްތައް ހުރި ގޮތް އެނގުނީމަ... މި ރަށުގައި ސުޕަމާކެޓެއް އެޅުނީމަ ދައްތަމެންނަށް ދެން ވަރަށް ފަސޭހަވާނެ ދޯ..." ނިޔާނު ވާހަކަދެއްކިއެވެ. އޭނާގެ ހިތްހެޔޮ ގޮތެއް ހުރިކަން މަލީހާއަށް ފާހަގަވިއެވެ. އޭނާ ނިޔާނު ބުނި އެއްޗަކަށް އެއްބަސްވިއެވެ.
ކައިނިމިގެން ނުކުމެ މަލީހާ ތަޅާފައި ހުރި ކިއްލިފުޅިން ދުފައިގެން ނިޔާނާއި ޖުވައިން ގެއިން ނުކުތީ ދާއޫދާއެކު ހާލިދުގެ ގާތަށް ދިއުމަށެވެ. އޮފީސް ވަގުތަށްވާތީ އޭނާއާ އޮފީހުން ބައްދަލު ކުރުމަށެވެ.
ޖޯލީގައި ވާހަކައިގައި ތިބި ލިޒީއާއި އައިރާއާ ދެ ކުދީން އެއްފަހަރާ ދޮރާ ދިމާއަށް ބަލާލީ ގޭތެރެއިން ވާހަކަދައްކަމުން ނުކުން ނިޔާނާއި ޖުވައިންގެ އަޑު އިވިފައެވެ. ނިޔާނާއި ޖުވައިންއަށް އެ ދެ އަންހެންކުދީން މި ފެނުނީ އަދިކިރިޔާއެވެ. އެ ދެ ޒުވާނުން ބަދަލުކޮށްލި ހިނިތުންވުމާއެކު ލިޒީއާއި އައިރާއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. އަދި ފުންމައިގެން ތެދުވެ ގޭގެ ބިއްދޮށްފަރާތަށް ދެވެން ހުރި ގޯޅިގަނޑުގެ ތެރެއަށް ދުވެ ގޮސް ފިލައިފިއެވެ.
ފަހަތުން ދާއޫދު އަންނަކަން އެނގިހުރެ ނިޔާނާއި ޖުވައިންގެ ހިތަށް އެވަގުތު އެރި އެއްޗެއް އެކަކު އަނެކަކާ ފާޅުގައި ހިއްސާކުރާކަށް ނުކެރުނެވެ. އެހެންވެ ދެ ޒުވާނުން ވެސް އެކަކު އަނެކަކާ މަޢުނަވީ ހިނިތުންވުމެއް ބަދަލުކޮށްލަމުން މަގުމައްޗަށް ނުކުތުމަށް ކަނޑާފައި ހުރި ދޮރާދިމާއަށް ދިޔައެވެ. ދާއޫދު އައިސް އެމީހުންނާ އަރާ ހަމަކުރީ އެވަގުތުއެވެ.
ރަށުގެ މަގުތައް ފެންނަނީ ވަރަށް ވެސް ފެހިކޮށެވެ. ގަހެއްނެތް ގެއެއް ނިޔާނުމެންނަށް ނުފެނެއެވެ. ރަށުގެ މަގުތަކުން ހިނގާލާފައި ދިޔައިރު ފެންނަ އެކި ތަންތަނާ ބެހޭގޮތުން ނިޔާނުމެން ކުރާ ސުވާލުތަކަށް ދާއޫދު ޖަވާބުދެމުންދިޔައެވެ. ގިނަ ގޭގޭގެ ފާރުތައް އުސްކޮށް ދޮރޯށި ލާފައި ހުއްޓެވެ. ނިޔާނަށް ފާހަގަކުރެވުނީ ފެންނަ ހުރިހާ ގެއެއް ވެސް އެއްގޮތަކަށް ހާދާފައި ހުންނަ ކަމެވެ. އެކަމާ ވެސް ދާއޫދާ ސުވާލުކުރިއެވެ.
"މިރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ދެ ބައެއް އުޅޭނީ... މާގިނަ ޑިޒައިންތަކެއް އެމީހުން ނުގެންގުޅޭނެ... އެހެންވެ އެއްގޮތަކަށް ގެތައް އިމާރާތްކޮށްފައި އެ ހުންނަނީ..." ދާއޫދު ބުންޏެވެ.
"ދާއޫދުބެމެންގެ ބޭރުން ފެންނަނީ އިހުގައި ރަށްރަށުގައި ހުންނަ ކަހަލަ ގެއެއްހެން... މިރަށުގެ ގިނަ ގޭގޭގެ ފާރުތައް އުސްކޮށް ދޮރޯށިލީއިރު ހިތަށް އަރާ ދާއޫދުބެމެންގެ ޚިޔާލު އެގޮތަށް ބަދަލުނުވޭބާއޭ..." ނިޔާނުގެ ހިތަށް އެވަގުތަށް އައި ސުވާލު ދުލުން ބޭރުކޮށްލިއެވެ.
"އެއީ މަލީހާގެ ކަންތައް... އަހަރެން ވެސް ބޭނުންވަނީ ވަށާފާރު އުސްކޮށް ދޮރޯށްޓެއް ލާން... ޒަމާނާއެކު އަންނަ ތަރައްޤީއަށް އަހަރުމެންގެ ދިރިއުޅުން ވެސް ބަދަލުވާންވާނެއެއްނު. އެހެންނަމަވެސް މަލީހާ ބުނަނީ ވަށާފާރު އުސްކޮށްފިއްޔާ އޭނާއަށް ހީވާނީ ބަންދުކޮށްޓެއްގައި އިނދެވޭހެނޭ... ސާފު ވައިރޯޅިއެއް ވެސް އޭރުން ނުވަންނާނެއޯ..." ދައޫދުގެ ވާހަކައިން ނިޔާނު ކުޑަކޮށް ހީނލިއެވެ.
"އަސްލު މާހިތްގައިމޭ އެގޮތަށް އޮތީމަ... އަވަށްޓެރިންނާ އޮންނަ ގުޅުން ވެސް އިހުގައި އެހާ ރަނގަޅުވަނީ އެއްގޭތެރޭގައި ހިނގާ ކަންކަން އަނެއްގެއަށް އެނގޭތީވެ... އުޅޭ ހާލު އެނގި ފެންނާނެވިއްޔާ... މާލެއާ އަޅާ ބަލާއިރު ވަރަށް ހިތްހަމަޖެހޭ ލައިފެއް އަސްލު ރާއްޖެތެރޭގެ ލައިފަކީ" ނިޔާނުގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.
ހުދުކުލައިގެ ދެ ބުރި އިމާރާތެއްގެ ކައިރިއަށް އައިސް މަޑުކޮށްލުމާއެކު އިމާރާތުގެ ބޭރުގައި ނަގާފައި ހުރި ދިވެހިރާއްޖޭގެ ދިދައާއި ސަރުކާރުގެ އިމާރާތެއްކަން އަންގައިދޭ ނަންބޯޑު ނިޔާނާއި ޖުވައިންއަށް ފެނުނެވެ. އެ އޮފީހުގެ ތެރެއަށް ވަދެގެން ދިއުމުގެ ކުރީން ދާއޫދު ފޯނުނަގާ ޚާލިދަށް ގުޅާލިއެވެ. އަދި އޭނާއާއެކު ނިޔާނާއި ޖުވައިން ހުރިކަން އަންގާލުމަށްފަހު އެ ދެ ޒުވާނުން ގޮވައިގެން މަތީފަންގިފިލާއަށް އަރަންހުރި ސިޑިއާ ދިމާއަށް ދާއޫދު ދިޔައެވެ.
"ދައްކަބަލަ ފޯނު... ތީ ކޮން ގޭމެއް..." ބަދިގެ ފަރާތުގައި ހުރި އަނބުގަހުގައި އެލުވާފައިވާ ޖޯލީގައި އޮތް ލިޒީގެ ގާތުގައި އުޑުފައިން އިށީނދެއިން އައިރާ އަހާލިއެވެ.
"މީ ފޭސްބުކްއިން ފެނުނު ގޭމެއް... އައިރާ ކުޅެލަން ބޭނުންތަ؟" ލިޒީގެ ފޯނު އައިރާއަށް ދިއްކޮށްލަމުން ބުންޏެވެ.
"ނޫން! ގޭމް ކުޅޭ ހިތެއްނުވޭ... ތިއަށް ގެއްލިފަ އޮތްވަރުން އަހާލީ... ދެން ފޯނު ބާއްވަބަލަ..."
"އެއްކަލަ އައިރާ... އޭތް! އައިރާއަށް ފޭސްބުކް އެކައުންޓެއް ހުޅުވައިދެންތަ؟ އޭރުން ވަރަށް ފޫހިފިލާނެ... މިއީ މަޖާކަމެއް... ފޭސްބުކްގަ ނެތްކަމެއް ނޯންނާނެ... މުޅި ދުނިޔޭގެ ވެސް އަޕްޑޭޓު އޭގެން ލިބޭނެ...." ޖޯއްޔަށް ވެއްޓިގަނެގެން އޮވެފައި ލިޒީ ތެދުވިއެވެ. އަދި ނިކަން މަޖާވެލާފައި އައިރާއާ ވާހަކަދައްކަން ފެށިއެވެ.
"މިހާރު ތިވާހަކަ ވެސް ލައްކަ ދުވަހު ދެއްކިއްޖެއެއްނު.... އަހަރެން ތި ހުރިހާ ކަމެއް ކުރަންވީ މި ފޯނުގަނޑުންތަ؟ ލިޒީއަށް ދޯ އަހަރެންގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ..." އައިރާ ކޮޅަށް ތެދުވަމުން އޭނާގެ އުނގުގައި އޮތް އާދައިގެ ކުރީގެ ނޮކިއާ ފޯނެއް ދައްކާލަމުން ބުންޏެވެ.
"އައި ނޯ ޑިއަރ... މިސާލަކަށް ފޯނެއް ލިބިއްޖެއްޔާ އައިރާ ބޭނުންކުރާނަންތަ؟" ލިޒީގެ ލޮލުގައިވި ވިދުން އައިރާއަށް ދޭހަވިއެވެ. އެއީ އޭނާގެ އުމުރުގައި މިހާތަނަށް ލެއްވި އެންމެ ބޮޑު ނަސީބެވެ. ލިޒީއަކީ ހިތްހެޔޮ އެކުވެރިއެކެވެ. ރަޙުމަތްތެރިން ހޯދުން އައިރާއަށް ފަސޭހަނުވިއިރު އޭނާއަށް ލިބުނު ހަމައެކަނި ރަޙުމަތްތެރިއާއެވެ.
"އެވަރުގެ ކަމެއް ލިޒީ ނުކުރާތި... އަހަންނަށް ހެޔޮ މޮޅު ފޯނެއް ނުލިބުނަސް... އިރާދަކުރެއްވިއްޔާ މިދުވަސް ވެސް ބަދަލުވެދާނެ... ވަޒީފާ ވެސް މިހާރު ހަމަޖެހުނީނު... ދެން މުސާރަ ލިބެންފެށީމާ އަހަރެންގެ އަތުގައި ވެސް ފައިސާ ހުންނާނެ... އޭރުން އަމިއްލައަށް ތަންކޮޅެއް ރަނގަޅު ފޯނެއް ވެސް ހޯދޭނެ... އެއްފަހަރާ ހުރިހާ ކަމެއް ނުވާނެދޯ... ކެތްތެރި ވެސް ވާންވާނެއެއްނު... ބޮޑެތި ބަދަލުތައް ގެނެވޭނީ ގިނަ ދުވަހުން ބުރަ މަސައްކަތުން... އެހެއްނު" އައިރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ލިޒީ ޖޯލިން ތެދުވުމާއެކު އައިރާގެ ކޮނޑުގައި އެލިގަތެވެ.
"މައި ސްޓްރޯންގ އައިރާ..." ލިޒީ ބުނެލިއެވެ.
"ވަރަށް ދުވަސްކޮށްލާފައި މިނިވަންވިހެން މިއަދު ހީވަނީ... ހިނގާބަލަ މިއަދު ހަވީރު ފަސްގަނޑަށް ގޮސްލަން... ވަރަށް ދުވަސްވެއްޖެއެއްނު ރަށުގެ އެދިމާއަށް ނުދާތާ... އަނެއްކާ ހަވީރު ގަޑީގައި އެހިސާބުގައި ކުޅިވަރު ކުޅޭ ކުދީންތައް ވެސް އުޅޭނެ..." ހިތްއަވަސްވެފައި ހުރި މީހަކުހެން އައިރާ ބުނެލިއެވެ.
"އެ ޝަމްއާނުގަނޑު ދިޔަކަން ނަސީބެއްނު... އެހެންނޫނީ ނޭނގެ..." ލިޒީގެ މޫނަށް ފޫހިކަމެއް ވެރިވެގެންދިޔައެވެ.
"އޭނާގެ ނަން އިވުނަސް އަހަރެން ހާދަ ފޫހިވެޔޭ... ހިތަށް އަރާ...." ވަގުތުން އައިރާއަށް މާޔޫސްކަން ލިބިގެންދިޔައެވެ. ދަތްކުނޑިވިކާލެވުނެވެ. އެ ދެ ލޮލުގައި މީގެ ކުޑައިރުކޮޅެއް ކުރީން ހުރި ދިރުމާއި ވިދުން ވެސް ފަނޑުވެގެން ދިޔައެވެ. އެވަގުތު ބަދިގެ ތެރެއިން ބޯދިއްކޮށްލި މަލީހާ ގޮވާލިއެވެ. (ނުނިމޭ)