ސައިކަލް ޓެކްސީގެ ހިދުމަތް

އަންނަ ހަފުތާގައި ސައިކަލު ޓެކްސީގެ ހިދުމަތް ފަށަނީ

  • ހިދުމަތަށް ފުރަތަމަ ނުކުންނަނީ އެއް ކުންފުނި
  • އާދީއްތަ ދުވަހު ސައިކަލް ޓެކްސީ ބޯޑު ދޫކުރާނެ
  • ދެވަނަ ކުންފުނި ހިދުމަތް ފަށަން ދަނީ ތައްޔާރުވަމުން

މާލޭގައި ފުރަތަމަ ފަހަރަށް ސައިކަލު ޓެކްސީ ކުރަން ދެ ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު އޭގެ އެއް ކުންފުންޏަކުން އަންނަ ހަފުތާގެ ތެރޭގައި ހިދުމަތަށް ނުކުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ސައިކަލު ޓެކްސީގެ ހިދުމަތް އަންނަ ހަފުތާގައި ފަށަނީ އަނުއާ ޓްރާންސްޕޯޓް ސާވިސް (އޭޓީއެސް) އިންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ނެޝަނަލް މެރިޓައިމް ކޮންސަލްޓަންޓް މުހައްމަދު އިމްތިޔާޒު މިއަދު ވިދާޅުވީ ސައިކަލު ޓެކްސީ ކުރަން ދެ ކުންފުންޏަކަށް ލައިސަންސް ދޫކުރުމާއެކު އޭޓީއެސް އިން ހިދުމަތަށް ނުކުންނަ އިރު ދެވަނަ ކުންފުނީގެ ހިދުމަތް ފަށާނެ ދުވަސް އަދި ދަންނަވަން ދަތި ކަމަށެވެ. -- އޭޓީއެސް އިން މިހާރު ގެންދަނީ ޑްރައިވަރުން ހޯދަމުންނެވެ.

"ދެ ވަނަ ކުންފުނީގެ ހިދުމަތް ފެށޭނެ ދުވަހެއް އަދި ދަންނަވާކަށް ނޭނގޭ. އެކަމަކު ހުއްދަ ދީފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ސައިކަލް ޓެކްސީ ކުުރުމުގެ ހުއްދައަށް ހުށަހަޅާއިރު މަދުވެގެން 20 ޑްރައިވަރުންގެ ލިސްޓެއް ހުށަހަޅަން ޖެހެ އެވެ. ހުއްދަ ލިބުމުން ޓެކްސީ ސެންޓަރާއި ދެމެދު އެއްބަސްވުން ހަދައި ޑްރައިވަރުންގެ މެޑިކަލް ރިޕޯޓާއި ޕޮލިސް ރިޕޯޓް ހުށަހެޅުމުން ބަލައި ފާސް ކުރުމަށްފަހު ޑްރައިވަރުންނަށް ޓެކްސީ ކުުރުމުގެ ލައިސަންސް ދޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި އަލަށް ފަށާ މި ހިދުމަތުގައި ސައިކަލު ޓެކްސީ ކުރާ ސައިކަލުތަކަށް ޓެކްސީ ބޯޑު ހަވާލުކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ. ސައިކަލު ޓެކްސީގެ ގަވައިދު ގެޒެޓުކޮށްފައިވާއިރު އެ ގަވައިދުގައި ބުނެފައި ވަނީ އެއީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ ގިންތިތަކުގެ ތެރެއިން އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވާންޖެހޭނެ ކަމަށެވެ.