ސައިކަލް ޓެކްސީގެ ހިދުމަތް

ސައިކަލު ޓެކްސީގެ ހިދުމަތަށް 70 ޑްރައިވަރުން ހޯދަނީ

ސައިކަލު ޓެކްސީގެ ހިދުމަތް ދޭނެ 70 ޑްރައިވަރުން ހޯދަން އަނުއާ ޓްރާންސްޕޯޓް ސާވިސް ޕްރައިވެޓް ލިމިޓެޑް (އޭޓީއެސް) އިން އިއުލާންކޮށްފި އެވެ. އަނުއާއަކީ ސައިކަލު ޓެކްސީ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހުއްދަދިން ދެ ކުންފުނި ތެރެއިން ކުންފުންޏެކެވެ.

އޭޓީއެސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަމިއްލަ ސައިކަލެއްގައި ނުވަތަ ކުންފުނީގެ ސައިކަލެއްގައި ޓެކްސީގެ ހިދުމަތް ދޭނެ 70 ޑްރައިވަރުން ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމާ ގުޅިގެން އޭޓީއެސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނާޒިމް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކުންފުނިން 70 ޑްރައިވަރުން ހޯދަން އިއުލާން ކުރި ނަމަވެސް ހާހެއްހާ ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް 43 ފަރާތެއް ސައިކަލު ޓެކްސީގެ ވަޒީފާއަށް ކުރިމަތިލާފައި ކަމަށާއި އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަށް އަދިވެސް މި އުޅެނީ ޑްރައިވަރުން ނުލިބިގެން. ގިނަ ޒުވާންނުން ވަޒީފާއި ބޭނުންވެފައި އޮތް އިރު މިއީ ރަނގަޅު ފުރުސަތެއް. އަދި ސައިކަލު ޓެކްސީއަކީ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށް ގަބޫލު ކުރަން. ސެންޓަރަށް ވަކި އަދަދެއް ދިނުމަށް ފަހު 10 ގަޑި އިރު ރަނގަަޅަށް މަސައްކަތް ކޮށްލިޔަސް 15000 ވަރަށް ރުފިޔާ ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެކުންފުނިން 30 އަށްވުރެ ގިނަ ސައިކަލު ގެންގުޅޭ ކަމަށެވެ. އަދި ޑްރައިވަރުން ގިނަވީ ވަރަކަށް އެ ސައިކަލުތައް އިތުރު ކުރާނެ ކަމަށާއި އެކަމަށްޓަކައި ޝީޝާ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ.

އޭޓީއެސްއަކީ ސައިކަލު ދުއްވަންވެސް ދަސްކޮށްދެމުން އަންނަ ކުންފުންޏެވެ. އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި ސައިކަލު ޓެކްސީ ހިދުމަތް އަންނަ ހަފްތާގައި ފަށާނެ އެވެ.