ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ސްކޫލްތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި އަދި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވަން ރާއްޖޭގައި ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއީލް މިއަދު ވިދާޅުވީ ގިނަ ސްކޫލްތަކަށް ކުދިން ބޭނުންވާ ވައުޗާތަކާއި ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށެވެ. އަދި މާލެ ކައިރި މަދު ރަށްތަކަކަށް އެންމެ ފަހު ބުރުގެ ފޮތްތައް މިއަދު ނޫނީ މާދަމާ ފޮނުވާނެ ކަމަށެވެ.
ކީ ސްޓޭޖް އެކެއް އަދި ދެއެއްގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ ތެރެއިން އެންމެ ފޮތެއް ފިޔަވައި ހުރިހާ ފޮތެއް މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމުނު އިރު ސްކޫލްތަކަށް ފޮނުވާފައިވާނެ ކަމަށާއި މަދުވާ ފޮތްވެސް މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ކީ ސްޓޭޖް އެކެއް އަދި ދެއެއްގެ ކުދިންނަށް ބޭނުންވާ ފޮތްތައް މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިމުނު އިރު ސްކޫލްތަކަށް ފޮނުވިން އެންމެ ފޮތެއް ފިޔަވާ، އެ ފޮތްވެސް މިހާރު ފޮނުވައިފިން. ކީ ސްޓޭޖް ތިނެއްގެ ފޮތްތައް ވެސް މިހާރު ވާނީ ފޮނުވާފައި. ފޮތްތައް ބެހުމުގެ މަސައްކަތް ކުރާނީ ސްކޫލްތަކުން،" އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.
ކީ ސްޓޭޖް ތިނެއް މި އަހަރު އަލަށް ފަށާއިރު ކީ ސްޓޭޖް ތިނެއްގެ މަންހަޖުގެ ދަށުން މިއަހަރު ކިޔަވައިދޭން ހަމަޖެހިފައިވަނީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް އެކަންޏެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުގައި ކިޔަން ފަށާއިރު ސްކޫލްތަކަށް ޓީޗަރުން ހަމަވާނެ ކަމަށާއި ގިނަ ޓީޗަރުން މިހާރު ސްކޫލްތަކަށް ނުކުމެއްޖެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ޓީޗަރުންވެސް މިހާރު އަންނަން ފަށާފައިވާ ކަމަށެވެ.
"ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަވާނެ. ބޭރުން އަންނަ ޓީޗަރުންވެސް ސްކޫލްތައް ފެށެން ވާއިރަށް އަންނާނެ. ސްކޫލް ފެށޭއިރު ފަހަރުގައި ޓީޗަރަކު ނުނުކުމެދާނެ. އެ ވެދާނެ ފަހަރެއްގައި ބަލިވެގެން ކަމަށްވެސް ނޫނީ ޒަރޫރީ އެހެން ހާލަތެއް ދިމާވެގެން ކަމަށްވެސް. އެއީ ޓީޗަރުން ހަމަނުވެގެނެއް ނޫން" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ދިރާސީ އަހަރަށް ރާއްޖެއިން ބޭރުން ގެންނަން ހަމަޖެހިފައިވަނީ 160 ޓީޗަރުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު މަދުވާނެ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ. ބިދޭސީ ޓީޗަރުން އިންޑިއާއިން ގެންނައިރު ޓީޗަރުން ހޮވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އިންޑިއާއަށް ގޮސް ރެކްރޫޓްކޮށްގެންނެވެ.
ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރުން ގެންނަ މާއްދާތަކަށް ކިޔަވައިދޭން ބޭނުންވާ ދިވެހި ޓީޗަރުން ހޯދަން އިއުލާނު ކޮށްފަ އެވެ. އެގޮތުން 26 ޓީޗަރުން ވަނީ ސްކޫލްތަކާއި ގުޅިފަ އެވެ.