އޭސީސީ

މެރީޑިއަމާއި އެމްޕީއެލްގެ އެއްބަސްވުމުގެ މައްސަލަ އޭސީސީއިން ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށް މެރީޑިއަމް ސާވިސަސްއާއެކު ވެފައިވާ އެއްބަސްވުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ. -- މެރީޑިއަމަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ ކުންފުންޏެކެވެ.

އޭސީސީއިން އެ މައްސަލަ ބަލަން ފަށާފައިވާއިރު އެ އެއްބަސްވުން ދަމަހައްޓަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އެމްޕީއެލްއަށް ތެޔޮ ފޯރު ކޮށްދިނުން އެހެން ބަޔަކާ ހަވާލު ނުކުރުމަށް ވަނީ އަންގާފަ އެވެ. މި ހުކުމާމެދު ހިތްހަމަނުޖެހި މައްސަލަ އިސްތިއުނާފު ކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު އަވަސްއަށް ވިދާޅުވީ، އޭސީސީއިން އަމިއްލައަށް އިސް ނަގައިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައިވަނީ، ދަމަހައްޓަން ކޯޓުން ބުނެފައިވާ އެއްބަސްވުމަކީ ސައްހަ ނޫން އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުން ވެފައިވަނީ އެމްޕީއެލްގެ ބޯޑަށް ވެސް ހުށަނާޅާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއްބަސްވުމުގެ ސަބަބުން އެމްޕީއެލްއަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

މެރީޑިއަމްއާއެކު އެއްބަސްވުން އެކުލަވާލިއިރު ޖުނައިދު ހުންނެވީ އެމްޕީއެލްގެ ޗެއާމަންގެ މަގާމުގަ އެވެ.

މި މައްސަލާގައި ޖުނައިދުގެ ވާހަކަތައް ދޮގު ކުރައްވައި ރިޔާޒު ވިދާޅުވެފައިވަނީ ތެޔޮ ވިއްކަނީ ވަކި އުސޫލެއްގެ މަތިން ކަމަށާއި، ތެޔޮ ފޯރުކޮށްދެނީ އެމްޕީއެލްއިން ފޮނުވާ ޕާޗޭސް އޯޑަރާ އެއްގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް މެރީޑިއަމްއަށް ހަވާލުކޮށްފައިވަނީ ބިޑްކޮށްގެން ކަމަށެވެ. އެ މަސައްކަތް މެރީޑިއަމްއަށް ލިބުނީ އެންމެ ކުޑަ އަގެއް ހުށަހެޅުމުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މި މައްސަލާގައި ޖުނައިދާއި ރިޔާޒު ރަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މީޑިއާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ.