ޓެކްނޯލޮޖީ

އަހަރު ފެށި ދުވަހު އެޕްސްޓޯއަށް 240 މިލިއަން ޑޮލަރުގެ ފައިދާއެއް

ވޭތުވެދިޔަ އަހަރު ވެގެން ގޮސްފައިވަނީ ޑިވެލޮޕަރުންގެ އާދަޔާހިލާފު މޮޅު ސޮފްޓްވެއާތަކާއި ގޭމްތަށް ފެނުގިންދިޔަ އަހަރަކަށެވެ. މިގޮތުން ފަހުގެ ޓެކްނޮލޮޖީއަށް ޓާގެޓްކޮށް ވަނީ މުޅިން ތަފާތު އަދި ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ ޕްރޮޑަކްޓްތައް އަހަރަމެންނާ ހިސާބަށް އައިސްފައެވެ. އެގޮތުން ސްމާާޓްފޯން އެޕް މާކެޓްތަކަށް މިދިޔަ އަހާރު މިވަނީ ބޮޑު ފައިދާތަކެއް ވެފައެވެ. އެޕަލް އެޕްސްޓޯއަށް ވޭތުވެދިޔަ އަހަރު ވެގެންގޮސްފައިވަނީ ރިކޯޑް އަދަދަކަށް ފައިދާވި އަހަރަކަށެވެ. އެޕްސްޓޯގެ ޑިވެލޮޕަރުން އުފާކޮށްލަދިން އަހަރަކަށެވެ.

ދެހާސްސަތާރަ ވަނަ އަހަރު ފެށިދުވަސް ވެގެން ގޮސްފައިމިވަނީ އެއް ދުވަހެެއްގެ ތެރޭގައި އެޕްސްޓޯއަށް އެންމެ ބޮޑު ފައިދާއެއް ޖަހައި އެޕަލްގެ ރިކޯޑެއް ހަދާލި ދުވަހަކަށެވެ. ޖެނުއަރީ އެއްވަނަ ދުވަހު އެކަނިވެސް އެޕްސްޓޯއަށް ވަނީ 240 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. މިއީ އެޕަލް ސްޓޯގެ ވާދަވެރިއާ ކަމުގައިވާ ގޫގަލް ޕްލޭސްޓޯއަށް ވެސް އެއްދުވަސް ތެރޭގައި ވެސް ހޯދިފައި ނުވާ ވަރުގެ އާމްދަނީއެކެވެ. މި ރިކޯޑާއި އެއްކޮށް އެޕްސްޓޯ މިއަހަރު ފަށައިފައިމިވަނީ ވަރަށް ބޮޑު އުންމީދުތަކާކައި އެކުގައެވެ. މިކަން އެޕަލްއިން އިއުލާން ކޮށްފައިމިވަނީ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގަ އެވެ.

ވޭތުވެދިޔަ އަހަރު އެކަނިވެސް 2015 ވަނަ އަހަރު އެޕްސްޓޯއަށް ޖެހުނު ފައިދާގެ 40 ޕަސެންޓް އިތުރު އަދަދެއް މިވަނީ ހޯދިފައެވެ. މިދިޔަ އަހަރު އެޕްސްޓޯގެ ޖުމުލަ ފައިދާ އުޅެނީ 20 ބިލިއަން ޑޮލަރަށް ވުރެ މަތީގައެވެ. ދެހާސް އަށް ވަނަ އަހަރު އުފެދުނު މި މާކެޓް ބޭނުން ކުރަމުން އަންނަ ޑިވެލޮޕަރުންނަށް މި ވޭތުވެދިޔަ އަހަރު ނިމުމާއެކު މިވަނީ 60 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހިސާބަށް ޖުމުލަ ލިބުނު ފައިދާއެވެ.

ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި އެޕަލް އެޕްސްޓޯއަށް ޖެހުނު ފައިދާވެސް ވެގެންގޮސްފައިމިވަނީ ރިކޯޑް އަދަދެއްގެ ފައިދާއަކަށެވެ. ތިން ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއަކާ އެއްކޮށް މިވަނީ ހޮލިޑޭ ސީޒަންގެ ރިކޯޑް ވެސް މުގުރާލާފަ އެވެ. އެއީ މިހާތަނަށް އެޕަލްއިން މިހާތަނަށް އެއްމަސް ދުވަސް ތެރޭގައި ލިބުނު އެންމެ ބޮޑު ފައިދާކަން ވެސް ފާހަގަކޮށްލެވެއެވެ.

2016 ވަނަ އަހަރު އެންމެ ހިންގި އެޕްތަށް

- ޕޮކޮމޮން ގޯ
- ފެންޓަސީ ވެސްޓްވާޑް
- ކްލޭޝް ރޯޔަލް
- މޮންސްޓާ ސްޓްރައިކް

ވޭތުވެދިޔަ 2016 ވަނަ އަހަރު އެޕްސްޓޯގެ އެންމެ ޑައުންލޯޑްސް ގިނަވި ގޭމަކީ ޕޮކޮމޮން ގޯއެވެ. މި ގޭމަކީ ދުނިޔެއަށް މިދިޔަ އަހަރު އެންމެ ބޮޑު އިންގިލާބެއް ގެނައި ގޭމްކަންވެސް ފާހަގަކޮށްލެވެއެވެ. ޖީޕީއެސް ޓެކްނޮލޮޖީ ހިމަނައިގެން ނެރުނު މި ގޭމްވަނީ ބޮޑެތި ކާމިޔާބީތަކެއް އެހެނިހެން ސްމާޓް މާކެޓްތަކުގައި ވެސް ހޯދާފައެވެ. މި ގޭމުގެ އިތުރަށް އަހަރު ނިމެން ދަނިކޮށް އެޕަލްއިން ވަނީ އެޕްސްޓޯއަށް މަޝްހޫރު މާރިއޯގެ ސުޕާ މާރިއޯ ރަން ކިޔާ އެޕެއް ތައާރަފް ކޮށްފައެވެ. މި ގޭމްވަނީ ކްރިސްމަސް ދުވަހުގައާއި އާއަހަރު ފެށިދުވަހު ރިކޯޑް އަދަދަކަށް ޑައުންލޯޑްސް ހޯދާފައެވެ. މިއީ އާއަހަރު އެޕަލްއިން ހެދި އެއްދުވަހުގެ ރިކޯޑް ފައިދާގެ ހަގީގީ މަސްއޫލުވެރިޔާކަން ކަށަވަރެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރަށް ވުރެ 20 ޕަސެންޓް އިތުރު އެޕްތައް ވަނީ އެޕްސްޓޯއަށް އައިސްފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެކަނިވެސް އެޕްސްޓޯއަށް ވަނީ މުޅިން އާ 2.2 މިލިއަން އެޕް އައިސްފައެވެ. މީގެ އިތުރުން އެޕަލްއިން ވޭތުވެދިޔަ އަހަރު ވަނީ އެމީހުންގެ އެންމެ ދަށް މާކެޓް ކަމުގައިވާ ޗައިނާ މާކެޓްގައި 90 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ. އެހެންކަމުން ޓެކް، ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މި ފެށި އަހަރަކީ އެޕަލް އަދި އެޕް ސްޓޯއަށް ކުރިއެރުންތަކެއް ލިބި މިއަށް ވުރެ ގިނަ ރިކޯޑް ތަކެއް މުގުރާލާނެ އަހަރެކެވެ.