މޯލްޑިވްސް ޕޮލިސް ސާވިސް

ކުށްމަދު އަހަރަކަށް ހަދަން ފުލުހުން އަމާޒު ހިފައިފި

Jan 6, 2017
1

ދެހާސް ސަތާރަވަނަ އަހަރަކީ ރައްޔިތުންނާ ގުޅުންހުރި ކަންބޮޑުވުންތައް ހައްލުކޮށް ކުށްތައް މަދު އަހަރަކަށް ހެދުމަށް ފުލުހުން އަމާޒު ހިފައިފި އެވެ. އާ އަހަރުގެ ހިދުމަތް ދިނުމުގައި ހާއްސަގޮތެއްގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކޮމާންޑްތަކުގެ އިސްވެރިންނާއެކު އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އަރީފް ވިދާޅުވީ އާ އަހަރާ ދިމާކޮށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރަންވީ ކުށްމަދު އަމާންވެއްޓެއް ގާއިމް ކުރަން ކަމަށާއި އޭގެ އިތުރުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކަމަށެވެ.

އެގޮތުން އިޖުތިމާއީ މައްސަލަތަކާއި، ޓްރެފިކް މައްސަލަތަކާއި،ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރަން އަރީފް އެދިވަޑައިގަތެވެ. އަދި ފުލުހުންނާއި އެހެން މުއައްސަސާތައް ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމުގައި އެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އަފީފް ވިދާޅުވި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައީ ފޭރުމުގެ މައްސަލަތަކެވެ. އެއީ ފުލުހަށް ރިޕޯޓުކޮށްފައިވާ 3590 މައްސަލަ އެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ 2349 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު މާރާމާރީގެ 774 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.