ރިޔާ ނެގި ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތެއް ފަށަން އެމްއެންޑީއެފްއިން ތައްޔާރުވެއްޖެ އެވެ.
ސިފައިންގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ މުބާރާތް ބާއްވަނީ ސިފައިން ކަނޑުގެ މާހައުލަށް އަހުލުވެރިކޮށް އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ކަމަށާއި އެގޮތުން ސިފައިންގެ އިންޓަ ޔުނިޓުތަކާއި އަންހެން ސިފައިންގެ ޓީމުވެސް ބައިވެރިވާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް ސިފައިން ބާއްވާ މި މުބާރާތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިޔަށް ދާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިޔާ ނެގި ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތެއް ކުރިޔަށް ދާނީ މާލޭ އުތުރު ފަރާތުގެ އިއްޒުއްދީން ފާލަމާ ކައިރިން ކަނޑުމަތީގައި ކަމަށާއި މުބާރާތް ބެލުމަށް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.