ވާހަކަ

މުޅިޖާންހިތާ

(5 ޖެނުއަރީ 2016 އާ ގުޅޭ)

"އޭނާގެ ނަން އިވުނަސް އަހަރެން ހާދަ ފޫހިވެޔޭ... ހިތަށް އަރާ...." ވަގުތުން އައިރާއަށް މާޔޫސްކަން ލިބިގެން ދިޔައެވެ. ދަތްކުނޑި ވިކާލެވުނެވެ. އެ ދެ ލޮލުގައި މީގެ ކުޑައިރުކޮޅެއް ކުރީން ހުރި ދިރުމާއި ވިދުން ވެސް ފަނޑުވެގެން ދިޔައެވެ. އެވަގުތު ބަދިގެ ތެރެއިން ބޯދިއްކޮށްލި މަލީހާ ގޮވާލިއެވެ.

"ލިޒީ... ދޭބަލަ އައިރާއާ ދެކުދީން ސާމިޔާމެންގޭގައި އިން ވަން ހިފައިގެން އަންނަން..."

"މަސްކުރޮޅި ހަދަންތަ..." މަލީހާ ވަން ހޯދަނީ ކީއްވެކަން ވަގުތުން ލިޒީއަށް އެނގުނެވެ.

"އާން! ދޭބަލަ އަވަހަށް... އަން! ދަމުން މި މަސްކޮޅު ވެސް އެގެއަށް ގެންގޮސްދީ..." ފޮއިލަށްލާ ބަންދުކޮށްލި ފަރުމަސް ކޮތަޅަކަށް ލާފައި ލިޒީގެ އަތަށް މަލީހާ ދިއްކޮށްލި އެވެ. އައިރާ އާއި ލިޒީ އެކުގައި ހިނގައިގަތީ މަލީހާގެ ބޮޑުދައިތަގެ ދަރި ސާމިޔާމެން ގެއަށް ދާށެވެ. އެ ގެ ހުންނަނީ މަލީހާމެންގެއާ ހަތަރުވަރަކަށް ގެ ދޫކޮށެވެ.

ގަޑިތަކުން މެންދުރަށް އެނބުރިއިރު ބޮލު މެދަށް ހުއްޓިފައިވާ އިރުން ދިލަ ހޫނެއް މުޅި މާޙައުލަށް ވެރިވެފައިވެއެވެ. ނިޔާނު ވެސް ދޭތެރެއަކުން ކަންހުޅިންލާފައި ބޮލުން ފައިބައިގެން އަންނަ ދާތިކިތައް އަތުގެ އިނގިލިތަކުން ފުހެލައެވެ. ޖުވައިން ވެސް އަވި ގަދަކަމުން ހިނގަމުން އައީ އިސް އޮބާލައިގެން ހުރެއެވެ. އަވިއައިނު އަޅާފައި ހުރުމުން ލޮލަށް ކުރާ ބާރު ކުޑަވިޔަސް ބޯތައް ހިވަނީ ފިހިދާނެހެނެވެ.

"ދާއޫދުބޭ! ވަރަށް ހޫނު ދުވަސްކޮޅަކުތަ އަހަރުމެންނަށް މި އާދެވުނީ..." ނިޔާނު ވެސް އަހާލަން ހިތުލައިގެން ހުރި ސުވާލު ޖުވައިން ކުރިއެވެ.

"ހުޅަނގު މޫސުމުގައި އެއްދުވަހު އަވި ދީފިއްޔާ އަނެއް ދުވަހު ވެހެން ފަށާގޮތަށް ހުއްޓާ ނުލާނެ.... މިހާ ވަރަށް ހޫނު މިވަނީ ކެރިގަނޑެއް އަންނަން އޮތީ ތޯއްޗެއް... އިއްޔެ ވެސް މެންދުރުފަހު ވަރަށް ބޯކޮށް ވާރޭ ވެހުނު..."

ދާއޫދާއެކު ގެއާ ދިމާއަށް އައި ނިޔާނާއި ޖުވައިންގެ ލޮލުގައި ގޭތެރެއިން ނުކުން ދެ އަންހެން ކުދީން އަޅައިގަތެވެ. މެދުމިނުގެ އިސްކޮޅެއް ލިބިފައިވާ ދެ ކުދީންނެވެ. ހަމުގެ ކުލަ ދެ ކުދީންގެ ވެސް އައްޔެވެ. އެހެން ނަމަވެސް އެތަނުން އެއްކުއްޖަކުގެ މޫނު އޭނާ އަޅާފައި ހުރި ތިނެސްކަން ކަޅު ބުރުގާގެ ތެރެއިން ވަކިން ބޮޑަށް ފާޅުވެފައިވެއެވެ. ދެއަތުން ކުރިމައްޗަށް ވައްޓާލާފައި އޮތް ބުރުގާގެ ކަންގަނޑުގައި ޖަހާފައިވާ ގޮށުގައި ހިފަހައްޓާލައިގެން ހުރެ ހިނގަމުން އައީ އެކުގައި ހުރި އަންހެންކުއްޖާ ދައްކާ ވާހަކަތަކަށް ބޯޖަހަމުންނެވެ.

"އެތަނުން އެއްކުއްޖަކީ ދާއޫދުބެގެ ދަރިފުޅު... އެކަމަކު އެތަނުން ކާކުބާ؟" ނިޔާނުގެ ހިތާ އޭނާ ސުވާލު ކޮށްލި އެވެ. އޭރު ނިޔާނެކޭ އެއްގޮތަށް ޖުވައިންގެ ނަޒަރު ވެސް ހުރީ އެ ދެ އަންހެންކުދީންނާ ދިމާއަށް ހުއްޓިފަ އެވެ.

ފަންކަމެއް ހުރި ދިގު އިސްތަށިގަނޑު އޮޅާލާ ބޮލު މެދަށް ހުޅިއެއް ޖަހާލާފައި ލިޒީ ހުރިއިރު މޫނުގެ ފަރާތްފަރާތުން ކުރު އިސްތަށިކޮޅުތައް ފައިބާފައި ހުއްޓެވެ. މަޑު ދަނބު ކުލައަކަށްދާ ގަޔަށް ދޫ ގަމީސްކޮޅަކާއި ގަދަ ނޫކުލައިގެ ކަށިމައްޗަށް އަރާ ޖިންސުގައި ލިޒީގެ ޒަމާނީ ހެދުން އެޅުމުގެ ވަށްޓަފާޅި ހުރިކަން މާބޮޑަށް ވެސް ފާހަގަ ވެގެންދެއެވެ. ނަމަވެސް ކައިރީގައި ހުރި އައިރާއާ އަޅާބަލާއިރު ދެ ކުދީންނެކޭ މުޅީން ދެ ދުނިޔެއަކުން އައިސްފައިވާ ދެ ކުދީންނެކޭ ތަފާތެއް ނެތެވެ. އެހާ ވެސް ފަރަގު ބޮޑީއެވެ. ކަޅުކުލައިގެ ބުރުގާގެ އިތުރުން ގައިގެ ދިމާލަކުން ލައްވާނުލާ ހުރި ޓޮޕުކޮޅު ދިގުވެފައި ފައިގެ ފަލަމަސްގަނޑުން ބޮޑުބައެއް ނިވާވެފައިވެއެވެ. އެއާއެކު ލާފައި ހުރީ ޑިޒައިންއެޅި ފުޅާ ހަރުވާޅެކެވެ. ހަރުވާޅާއި ހެދުމާ ގުޅުން ނެތްއިރު އަޅާފައި ހުރި ބުރުގާގަ ވެސް އެއްވެސް ޚާއްޞަކަމެއް ނެތެވެ. އެހެންނަމަވެސް އެ ދިގު އެސްފިޔަތައް ތެޅިލާ ގޮތާއި ކަޅިރަވައިގައި ހުރި ތޫނުކަން ކަނޑިއެއްގެ މިޔަ ފަދައެވެ. އެކުވެރިޔާގެ ވާހަކަތަކަށް ބަދަލުކޮށްލާ ލުއި ހިނިތުންވުމުގައި ހިތްތައް މަޑުވެ ވިރިގެންދާ ފަދަ އަސަރެއް އެކުލެވިފައި ވެއެވެ.

"އަހަރުމެންނަށް ދޯ އެވަރަށް އެބަލަނީ..." ސިއްރުސިއްރުން ލިޒީގެ ކަންފަތް ދޮށުގައި އައިރާ ބުނެލި އެވެ. އޭރު ނިޔާނާއި ޖުވައިން ވެސް އެމީހުންނާ އަރާ ހަމަކުރަނީ އެވެ.

"ކޮންތާކަށް؟" ދާއޫދު ހަރުކަށި ގޮތަކަށް އަހާލިއެވެ.

"މަންމަ ބުނެގެން... ސާމިޔައްތަމެންގެއަށް..." ލިޒީ އަވަސް އަވަހަށް ބުނެލިއެވެ. ދާއޫދު ހުރީތީ ލިޒީއާއި އައިރާއަށް ވެސް އެ މީހުންނަށް ބަލަން ތިބި ދެ ޒުވާނުންނާ ނަޒަރު ހަމަކޮށްލާކަށް ނުކެރުނެވެ.

"ލިޒީ... ސޯ ޝީޒް ދަ ވަން..." މިފަހަރު ވެސް ނިޔާނު ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ހިތާއެވެ.

ދާއޫދާއެކު ނިޔާނުމެން ގޮސް ގެއަށް ވަނެވެ. ލިޒީއާއި އައިރާއާ ދެކުދީން އައިސް ސާމިޔާމެންގެއަށް ވަނެވެ. އެގެއަށް ވަންއިރު ސާމިޔާ ވެސް އުޅެނީ ބަދިގޭގަ އެވެ. ލިޒީ ފެންނައިރަށް ކާއެއްޗެއް ދޭން އުޅެގަތެވެ. އެހެންނަމަވެސް ސާމިޔާ އެހާ ގަޔާވާ އަންހެންކުއްޖަކަށް އައިރާ ނުވެއެވެ. އައިރާއަށް އޭނާގެ ބެލުން ވެސް ތަފާތެވެ. ލިޒީއާ ހެދި އެހާ ވަރުން އުޅުނު އިރު އައިރާ ގާތު ބަދިގެތެރެއަށް ވަނުމާއި އެއްޗެއް ކާނަންތޯއާއި ބޯނަންތޯ ވެސް އަހާ ނުލިއެވެ. އޭގެ ބަދަލުގައި ސާމިޔާ ބުނެލީ ނުރުހުމުގެ ބަހެކެވެ.

"ހިޝްމާ ރަށުގައި ނެތީމަ މުޅި ރަށް ކުޑަކުރަނީތަ..." ސާމިޔާ ބުންޏެވެ. އެހެންނަމަވެސް އައިރާ ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނާއަށް އެ ފަދަ ބަސްތަކަކީ އަލަށް އިވޭ ބަސްތަކެއް ނޫނެވެ. އުމުރުން އަށް އަހަރުން ފެށިގެން ވިހި އަހަރު ފުރުނުއިރު އެ އަޑުތަކަށް އޭނާގެ ކަންފަތް ހޭނިއްޖެ އެވެ. ހިތަށް ކުރާ އަސަރު ވެސް ކުޑަވެއްޖެ އެވެ.

"ސާމިޔައްތާ!... އައިރާ ހެނދުނުން ސުރެން އެ އުޅެނީ އަހަރުމެން ގޭގައޭ... ކޮބާތަ ވަން... މަންމަ ބުނި އެ ހިފައިގެން އަވަހަށް އަންނައްޗޭ..." ހިތްހަމަނުޖެހުނުކަން ލިޒީ އުޅެން ފެށިގޮތުން ސާމިޔާއަށް ވެސް އެނގުނެވެ. އެހެންވިޔަސް އޭނާގެ ވިސްނުން ބަދަލެއް ނުވިއެވެ. ބަދިގޭގައި ހަރުކޮށްފައި ހުރި މަތީ ކަބަޑުތަކުގެ ތެރެއިން ދޮރުފަތެއް ހުޅުވާލާ ރިހިކުލައިގެ ވަން ނަގައިގެން އައިސް ލިޒީގެ އަތަށް ސާމިޔާ ލައިދިނެވެ. އެއާއެކު އެންމެ ހިނދުކޮޅެއްގައި ވެސް މަޑުކުރުމެއްނެތި ލިޒީ ހިނގައިގަތީ އެގެއިން ނުކުންނާށެވެ.

"އެކުވެރިން ޚިޔާރު ކުރާއިރު ވިސްނަންވާނެ... އަހަރެން ހިތަށް އަރާ މަލީހާއަށް ހުންނަނީ ކިހިނެއްވެފައިބާއޭ..." ސާމިޔާ ކިޔަމުން ދިޔަ އެއްޗެއް އަޑު ނަހާ ހަރުކޮށް ހިނގާފައި އައި ލިޒީ އެގޭ ދޮރޯށިން ނުކުތެވެ.

"މިގެއަށް އަންނަން ފޫހިވަނީ އެހެންވެ... ސާމިއްޔައްތައަށް އައިރާއާ ނުބެހި ނުހުރެވޭނެ... އައި ޑޯންޓް ނޯ ވައި ޝީޒް ލައިކް ދެޓް..." ލިޒީ ހިތްހަމަނުޖެހިފައި ބުނެލި އެވެ.

"އެކަމާ އަޅާނުލާބަލަ... އަހަރެން ނުބުނަމެއްނު އެއްވެސް އެއްޗެއް..." އައިރާ ބޭނުންވީ ލިޒީގެ ހިތްހަމަޖައްސުވައިދޭށެވެ.

"ޗޯޓީ ދިމާގް... ޗޯޓީ ލޯގް..." ލިޒީ ހިންދީ ބަހުން ބުނެލި އެވެ. އެއާއެކު އައިރާ ހޭން ފެށިއެވެ. އެކުވެރިޔާ ހޭން ފެށުމުން ލިޒީއަށް ވެސް ހެވިއްޖެ އެވެ.

ހިންދީ ޗެނަލްތަކުން ދައްކާ ޑްރާމާ ސިލްސިލާތަށް ބެލުމަކީ ލިޒީ އެންމެ ފަރުވާ ބަހައްޓައިގެން ކުރާ ކަންތަކެވެ. ބަރާބަރަށް އެ ޑްރާމާ ތަކުގައިވަނީ ކިހިނެއްކަން އައިރާއަށް ކިޔައިދޭނެއެވެ. ދޭތެރެއަކުން ހިންދީ ބަހުން ކޮންމެވެސް އެއްޗެއް ބުނެލާނެއެވެ. އައިރާއަށް ވެސް ހިންދީ ބަސް އެނގެން ފެށީ ލިޒީގެ ފަރާތުންނެވެ. ރީތި ލަވަތައް ފޯނަށް އަޅައިގެން އައިސް އައިރާއަށް އަޑުއިއްވާ ދޭނެއެވެ. ދުނިޔޭގައި ހިނގާ ކަންކަމުގެ އެންމެ ފަހުގެ ތަފްޞީލުތައް އައިރާއަށް ފުރަތަމަ ވެސް ގެނެސްދޭ މީހަކީ ލިޒީއެވެ. ފޫހިކަމެއްނެތި ލިޒީގެ ވާހަކަތައް އަޑުއަހަން އައިރާއަށް އިނދެވެއެވެ. އެފަދަ ރަޙުމަތްތެރިއަކު އޭނާގެ ނެތްނަމަ މިއަދު އޭނާގެ ދިރިއުޅުން ވަރަށް ފަޅުވީސްކަން ޚުދު އައިރާއަށް އެނގެއެވެ. ޝުކުރުވެރިވަނީ އެހެންވެއެވެ. މުޅި ދުނިޔެ އޭނާ ބާކީ ކުރިކަމުގައި ވިޔަސް އޭނާގެ އެ އެކުވެރިޔާ އައިރާ ބާކީކޮށެއް ނުލާނެ އެވެ.

ފެންވަރާ ތާޒާވެލުމަށްފަހު ނިޔާނާއި ޖުވައިން މެންދުރުގެ ކެއުން ނިންމާލާފައި ނުކުމެ ޖޯލިފަތީގައި ޖައްސާލައިގެން ތިއްބެވެ. އޭރު އެއިން ކޮންމެ މީހެއްގެ އަތުގައި ރޯކޮށް ދުންއަރަމުންދިޔަ ސިނގިރޭޓެއް އޮތެވެ. ވާހަކައިގައި ދެ ޒުވާނުން ތިއްބާ ގޭތެރެއިން މީހަކު ނުކުތުމުން އެ ދިމާއާށް ބަލާލެވުނެވެ. އެހިނދު އަވަސް އަވަހަށް އިސްޖަހާލުމާއެކު ހަލުވި ފިޔަވަޅުތަކުގައި އައިރާ އެ ގެއިން ނުކުމެގެން ހިނގައްޖެއެވެ.

"ރަށްރަށުގެ ކުދީން ހަމަ ރީތީއޭ ދޯ..." ޖުވައިން އިނދެފައި ބުނެލިއެވެ.

"ކޮންމެތަނެއްގައި ވިޔަސް ރީތިކުދީން ރީތި... އެކަމަކު ރީތިވުމަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫނެއްނު..." ތުނބުގައި ޖެހި ސިނގިރޭޓު ނައްޓާލާ ދުންތައް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ނިޔާނު ބުންޏެވެ.

"އަހަންނަށް ސިފަ ވެސް ވަރަށް މުހިންމު... ރީތިވެއްޖެއްޔާ އޭނާގެ ދެން ހުރި ކަންތައްތައް ބެލޭނީ..." ޖުވައިންގެ ޚިޔާލު ފާޅުކޮށްލިއެވެ.

"ދެން ކޮންމެހެން މި ރަށުން ރީތި ކުދީން ހޯދަން އުޅޭނެކަމެއްނެތް... އަހަންނާއެކު އައިސް އެކަހަލަ ކަމެއްކޮށްގެން ނުވާނެ... ޖުވެއިންގެ ގާލްފްރެންޑް ވަރުގެ ކުއްޖަކު މިކަހަލަ ތަނަކުން ނުލިބޭނެ... ސޯ ޓައިމް ޕާސް ކުރާން ނުވިސްނާތި" ސީރިއަސްކަމާއެކު ނިޔާނު ބުންޏެވެ.

"އޯކޭ ބޮސް..." ހިނި އައިސްފައި އިނދެ ޖުވައިން ބުންޏެވެ.

"ޚާލިދު ދިން ނަންބަރު ނޯޓު ކުރީންތަ؟ އަހަރުމެންނަށް އުޅެލަން އެނގެންދެން ބުންޏެއްނު މީހަކު ފޮނުވާނަމޭ..." ނިޔާނު އަހާލި އެވެ.

"ސޭވްކޮށްލިން... މިހާރު އެ ނަންބަރު ދޭންވީތަ؟ ނިޔާނުގެ ފޯނަށް ފޮނުވާލަންތަ؟"

"އޯކޭ ވާނެ ޖުވައިން އަތުގައި ބޭއްވިޔަސް... އަހަރުމެން އެކީގައެއްނު ސައިޓަށް ދާނީ..." ހުލިވަމުންދިޔަ ސިނގިރޭޓު ބުރި ގުދުވެލާފައި ވެލިގަނޑުގައި ޖައްސާ އޮބާލަމުން ނިޔާނު ސިނގިރޭޓުބުރި ނިވާލި އެވެ.

ރަށުގެ ފަސްގަނޑާ ދިމާއަކީ އުތުރު ފަރާތު އަތިރިމައްޗެވެ. ހަވީރަށް ހިޔާ އެރުމުން މޫސުން ރަނގަޅުނަމަ ރަށުގެ އެކި އުމުރު ފުރައިގެ ކުދީން އެތަނަށް ޖަމާނުވާ ދުވަހެއް ނުދެއެވެ. ތަފާތު ކުޅިވަރުތައް އެތަނުގައި ކުޅެއެވެ. ރަށުގެ މޫދު ވެސް އެންމެ ހިތްގައިމީ އެ ދިމާގައެވެ. ދަތުރު ދިއުމާ ކައިވެނި ހަފްލާތައް ފަދަ ކަންކަން އެތަނުގައި ބޭއްވުމަކީ އާންމުކަމެކެވެ. ބަދަލެއްނުވާ ހިމުން ދޮންވެލިގަނޑާއި ހެދިފައިވާ ބޮޑެތި ގަސްތަކުން އެއީ ޤުދުރަތުން އެ ރަށަށް ލިބިފައިވާ ހަދިޔާއެކެވެ.

"ކިހިނެއްތަ ބުރުގާ އަޅާފައި ތި ހުރީ... އާދެބަލަ އެތެރެއަށް..." ލިޒީގެ ކޮޓަރި ދޮރުމަތީ އައިރާ އައިސް މަޑުކޮށްލުމާއެކު އޭނާއަށް ބަލާލާފައި ލިޒީ ބުންޏެވެ. އަދި އެނދުމަތިން ނަގަން އުޅުނު އަތްދަބަސް އަލުން ބާއްވާފައި އައިސް އައިރާގެ އަތުގައި ހިފާ ކޮޓަރިއަށް ވެއްދިއެވެ.

"އައިރާ ކައިރީ ބުނަމެއްނު ތިހެން ބުރުގާ އަޅާނީ މަންމަމެންނޭ..."

"ލިޒީ... ތި ގޮތް ގޮތް ހެދީމަ އަހަންނަކާ ނުގުޅޭނެ... އޭރުން މާ ކަންތައް ބޮޑުހެން ހީވާނީ"

"ހާމޯޝް! އަހަރެން ބުރުގާ އަޅުވާ ނިމެންދެން ރީތިކޮށް އިނދޭ... އެއްވެސް އެއްޗެއް ބުނެގެން ނުވާނެ" ލިޒީ މިހެންބުނެ އައިރާ ނެގި ބުރުގާ ރީތިކޮށް މޫނަށް ހެޔޮވަރުކޮށްލާފައި ޒަމާނީ ގޮތަކަށް އަޅުވަދޭން ފެށިއެވެ. އަދި އެކަން ނިމުމުން ރީތިވާ މޭޒުމަތިން ނެގި ސެންޓު ފުޅިން ސެންޓު އައިރާގެ ބުރުގާއަށް ޖަހާލަދިނެވެ. އައިރާގެ ދެ ލޯ ލިޒީ ގެންގުޅޭ އަނދުން ފަންސޫރުން ފަވާލިއެވެ.

"ސީ... ޔޫ ލުކް ސޯ ޕްރިޓީ..." އުފާވެރި ހިނިތުންވުމަކާއެކު ލޯގަނޑުން އައިރާއަށް ބަލަން ހުރެ ލިޒީ ބުންޏެވެ. ލިޒީއާއެކު ބޭރަށް ދާނަމަ އޭނާ އައިރާއަށް އެފަދަ ބަދަލުތައް ގެނައުމަކީ އާދައެކެވެ. އައިރާއަށް ވެސް ލޯގަނޑުން ފެންނަމުންދިޔަ ސޫރަ ކަމުދިޔައެވެ. ޒުވާންކަމުގެ ލޭ އައިރާގެ ދޮން ކޯތާފަތަށް ޖަމާވީ ލިޒީ އޭނާއަށް ކުރަންފެށި ތަޢުރީފުންނެވެ.

"ސްޓޮޕް އިޓް ލިޒީ... ތިކަހަލަ އެއްޗެހި ނުކިޔަބަލަ... ކާކުތަ އުޅެނީ އަހަންނަށް ބަލާހިތުން... ދެން ހިނގާދާން... އެހެންނޫނީ އެ ހިސާބަށް ނުދެވިގެން އުޅެނިކޮށް ގެއަށް އަންނަން ޖެހިދާނެ... ދެން ނޭނގެ މިކަހަލަ ދުވަހެއް ލިބޭނެކަމެއް... ޖޮބަށް ނުކުންނަން ފެށީމަ ވަކިން ބުރަ ވާނެއެއްނު... ދައްތަ ބުނެފައި އޮތީ ގޭގެ ކަންތައްތައް ވެސް ކުރަންވާނެއޭ ވަޒީފާއަށް ނުކުތަސް..."

އައިރާއާއި ލިޒީއާ ދެ ކުދީން އެކުގައި ފަސްގަނޑާ ދިމާއަށް އައެވެ. އެ ސަރަޚައްދުގައި އެކި އުމުރުފުރައިގެ މީހުން ހޭލަމޭލަވަމުން ދިޔައެވެ. ސަކަރާތުގެ އަޑުފަށްގަނޑު ގަދައެވެ. އައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ގަސްދަކާ ނުލައެވެ. ފެންނަމުންދިޔަ މަންޒަރު ތަކުގެ ހިތްގައިމު ކަމުންނެވެ.

"މިތާ އިށީންނަމާ..." އަތިރިމަތީގައި އުޅޭ އެންމެން ފެންނަ ހިސާބުގައި މަޑުކޮށްލަމުން ލިޒީ ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން އައިރާ އަރައިގެން ހުރި ދެފައިވަން ބާލާ ދޮންވެލިގަނޑު މަތީ އިށީނެވެ.

"ވަރަށް ރީތި ރަށެއް... މީހުން ވެސް ވަރަށް ހެޔޮ... ހުންނަ ގޭ މީހުން ވަރަށް ރަނގަޅު... މަންމާ! ދެން ތި ހުރިހާ ކަމެއް ބަލަނީ ކީއްކުރަންތަ؟ އެއީ ރަނގަޅު ބަޔެކޭ މި ބުނީނު... އޯކޭ... މައުއަށް ސަލާމް ބުނާތި... އަހަރެން ފަހުން ގުޅާނަން... މިތަން ވަރަށް އަޑުގަދަ..." ނިޔާނު ފޯނުކޯލު ނިންމާލާފައި އެނބުރިލިއިރު ޖުވައިން ފެންނާކަށް ނެތެވެ. މީހުންގަނޑުގެ ތެރެއިން ޖުވައިން ހޯދަމުން އައި ނިޔާނަށް އެއްވެސް ކަމެއް ނެތިފައި އިށީނދެގެން ތިބި ދެ އަންހެންކުދީން ފެނުނެވެ. ދާނޭ ދިމާއަށް ނޭނގިފައި ހުރި ނިޔާނަށް ލެއްވި ނަސީބެއް ކަމުގައި އެ ދެ އަންހެންކުދީން ވިއެވެ. މަޑުފަސްގަނޑުގެ ތެރެއަށް ގަނބައިގެންދާ ފަޔާއެކު ބާރުބާރަށް ހިނގުން ފަސޭހައެއް ނުވިއެވެ. ލައިގެން ހުރި ޖިންސުގެ ވައަތްފަރާތު ޖީބަށް އަތްޖަހާލައިގެން އަނެއް އަތުން ފޯނު ހިފަހައްޓާލައިގެން ހުރެ މަޑުމަޑުން އައިސް ނިޔާނު މަޑުކޮށްލީ ލިޒީއާއި އައިރާގެ ކުރިމަތީއެވެ. އޭރު އެމީހުންގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.

"ހާއި... ލިޒީ ދޯ... ޖުވައިން ދުށިންތަ؟" އެކުވެރި ގޮތަކަށް ނިޔާނު އަހާލިއެވެ. އެވަގުތު ލިޒީގެ ގާތުގައި އިން އައިރާގެ އުނގުގައި އޮތް ފޯނު ރިންގުވާންފެށި އެވެ. އޭނާ ފޯނަށް ބަލާލުމާއެކު ހީވީ ކައްޓެއް ހެރިގެން މީހާ ކޮޅަށް ތެދުވިހެނެވެ. އަވަސް އަވަހަށް ފޯނު ހިފައިގެން ދުރަށް އައިރާ ހިނގައިގަތެވެ. (ނުނިމޭ)