ދުނިޔެ

ޗައިނާގެ މަޝްރޫއާ ދެކޮޅަށް ލަންކާގައި މުޒާހަރަކާކުރި 30 މީހަކު ހައްޔަރުކޮށްފި

(ކޮލަމްބޯ، 8 ޖެނުއަރީ) ސްރީލަންކާގެ ހަމްބަންޓޯޓާގައި ފަށަން ހަމަޖެހިފައިވާ " ޗައިނާ އިންޑަސްޓްރިއަލް ޒޯން" މަޝްރޫއާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ ކުރި 30 މީހަކު އެގައުމުގެ ސަރުކާރުން މިއަދު ހައްޔަރުކޮށްފި އެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ކޮލަމްބޯ ގެޒެޓް ނޫހުން މިއަދު ބުނީ 30 މީހުން ހައްޔަރު ކުރީ ހަމްބަންޓޯޓާގައި މަޝްރޫއު ފަށަން ހަމަޖެހިފައިވާ ސަރަހައްދުގައި މުޒާހަރާ ނުކުރަން ކޯޓު އަމުރެއް ނެރެފައި ވަނިކޮށް މުޒާހަރާ ކުރުމުން ކަމަށެވެ.

ލަންކާގެ ނުފޫޒު ގަދަ ބުޑިސްޓް ހާމުދުރުން އިސް ނަގައިގެން ފެށި މުޒާހަރާގައި ހުކުރު ދުވަހު ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގާއުކަން ފެށުމުން ހިނގި އެ ހަމަނުޖެހުމުގައި 27 މީހަކަށް އަނިޔާވެ، ހަމްބަންޓޯޓާ ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

މަޝްރޫއު ފަށަން ހަމަޖެހިފައިވާ ސަރަހައްދުގައި މުޒާހަރާ ނުކުރުމަށް ކޯޓް އަމުރެއް ނެރުމާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން އެސަރަހައްދަށް ވަނަ ނުދީ ހުއްޓުވާފައެވެ.

ޗައިނާ އިންޑަސްޓްރިއަލް ޒޯން މަޝްރޫއާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ބުނަމުން ދަނީ ޗައިނާގެ ކުންފުންޏަކަށް އެހާ ބޮޑު ސަރަހައްދެއް ދިނުމުން ލަންކާގެ ސިޔާދަށް ގެއްލުންވާނެ ކަމަށެވެ.