ދިރާސީ އާ އަހަރު

"މިއަހަރު ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރާނެ"

Jan 8, 2017

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލު ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމާއި ގުޅޭގޮތުން މިނިސްޓަރު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ތައުލީމީ ދާއިރާ އިން ފަށާފައިވާ އިންގިލާބީ ބަދަލާއެކު، މި އަހަރު، ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައި ވީޑިއޯ ކޮންފަރެންސިން ވިއުގައިގެ ތެރެއިން ސްކޫލްތައް ގުޅުވާލައިގެން ކިޔަވައިދޭނެ ކަމަށެވެ. މި ބަދަލާއެކު ސްކޫލްތަކުގައި ލިބެންނެތް އެތަކެއް މައުލޫމާތާއި 21 ވަނަ ގަރުނުގެ މައުލޫމާތާއި ހުނަރު ކުދިންނަށް ކުލާހުގެ ތެރެއިން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލުތަކަކީ ދަރިވަރުންގެ ހުނަރާއި މައުލޫމާތު ތަރައްގީކުރުމަށް ފަހިވެގެންދާ ވަރަށް މުހިއްމު ފުރުސަތެއްކަމަށެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރު ނިންމާލީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ހާސިލްކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އޮތޮޅެއް ވީޑިއޯ ލިންކް މެދުވެރިކޮށް ގުޅާލައި، ކާރިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅައި، ސްކޫލްތަކުގައި އެމެޖެންސީ ޕްލޭންތައް ތައްޔާރުކުރެވި އަލިފާން ނިއްވުމުގެ ނިޒާމު ހުރިހާ ސްކޫލެއްގައި ގާއިމު ކޮށްފައިވެ އެވެ. އަދި ދަރުވަރުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ގްރޭޑް 1 ގެ ދަރިވަރުންގެ ހެލްތު ސްކްރީންވެސް ވަނީ ކޮށްފަ އެވެ.

ޕްރީސްކޫލު ތައުލީމު ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން މި މަރުހަލާގެ ތައުލީމު ވަނީ މިދިޔަ އަހަރުގެ ތެރޭގަިއ ދޭން ފަށާފަ އެވެ

މީގެ އިތުރުން ރާއްޖޭގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންގެ ވިސްނުމާއި ފިކުރާއި މަސައްކަތުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ސްކޫލު ތައުލީމުގެ ހުރިހާ މަރުހަލާތަކެއް ޝާމިލުވާގޮތަށް އެކުލަވާލެވުނު، ރާއްޖޭގެ މަދުރަސީ ތަޢުލީމުގެ ގައުމީ މަންހަޖުގެ ކީ-ސްޓޭޖް އެކެއް އަދި ދެއެއް ތަންފީޒު ކޮށް މިއަހަރު ވަނީ ކީސްޓޭޖް ތިނެއް ތަންފީޒު ކުރަން ފަށާފަ އެވެ. މިިދިޔަ އަހަރުގެ ތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.