ސްޓެލްކޯ

ސްޓެލްކޯއިން ފިއުލް ސާޗާޖު އަނެއްކާވެސް ބޮޑުކޮށްފި

Jan 8, 2017

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަނެއްކާވެސް ފިއުލް ސާޗާޖު ހުކުރު ދުވަހުން ފެށިގެން ބޮޑުކޮށްފި އެވެ.

ސްޓެލްކޯއިން މަސް ތެރޭގައި ފިއުލް ސާޗާޖު ބޮޑުކުރި މިއީ ދެވަނަ ފަހަރެވެ. މި ބަދަލާއެކު ކުރިން ޔުނިޓަކުން 27 ލާރިން ނެގި ނަަމަވެސް މިހާރު ނަގާނީ 38 ލާރި އެވެ. ސަރުކާރުން ކަރަންޓުގެ އަގަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބަދަލު ގެނައި ފަހުން ހަތަރު ފަހަރެއްގެ މަތިން ތެލުގެ ސާޗާޖަށް ބަދަލު ގެނެސްފި އެވެ.

ސްޓެލްކޯ އިން ބުނީ މި ބަދަލާއެކު ބިލްތަކަށް ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާނީ، 11 ލާރި ބޮޑުކޮށް ކަރަންޓު ޔުނިޓަކަށް 38 ލާރި ކަމަށެވެ.

ކަރަންޓު ކުންފުނިން ތެލުގެ ސާޗާޖު ބޮޑުކުރި އިރު، ރާއްޖޭގައި ވިއްކާ ތެލުގެ އަގު ވެސް އެސްޓީއޯ އިން ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ޑީސަލްގެ އަގަށް އެ ކުންފުނިން ބަދަލު ގެނެސްފައެއް ނުވެ އެވެ. އެސްޓީއޯ އިން ޕެޓްރޯލްގެ އަގަށް ބަދަލު ގެނައުމާއެކު ޕެޓްރޯލް ލިޓަރެއް މިހާރު ލިބެނީ 9.35ރ. އަށް އެވެ.