މަސްވެރިން

އެފްއޭގެ ޔަންގް ފިޝަސް ކްލަބްގެ ޕާޓްނަރަކަށް ދިރާގު

Jan 8, 2017

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން (އެފްއޭ) އިން ރާއްޖޭގެ ސްކޫލްތަކުގައި ފަށާ ޔަންގް ފިޝަސް ކްލަބްގެ ޕާޓްނާއެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސާ އީޒަބެލް ހާޖްރީއެވެ. ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުޙައްމަދެވެ.

ދިރާގުން ބުނީ ޔަންގް ފިޝަސް ކްލަބުގެ ޑިވެލޮޕްމެންޓް ޕާޓްނަރެއްގެ ގޮތުން ބައިވެރިވީ އެ ކްލަބު ގެ ދަށުން ރާއްޖޭގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރި ކަމުގެ ދާއިރާއިން ތަފާތު ތައުލީމީ ފުރުސަތުތަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށާއި ކްލަބުންދަރިވަރުންނަށާއި، ޓީޗަރުންނަށް ހަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން މާލީ އަދި ފަންނީ އެހީތެރިކަން ދޭނެ ކަމަށެވެ.

އެގޮތުން ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީއާއި ގުޅޭ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުން އެހީ ދޭނެއެވެ.

ޔަންގް ފިޝަސް ކްލަބް އަކީ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކާއި، ކަނޑުތަކުގެ ތިމާވެށްޓާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކްލަބެކެވެ. މިއަހަރު މި ކްލަބްގެ ޙަރަކާތްތައް ހިންގާނީ އައްޑު ސިޓީ މަރަދޫ ސްކޫލާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރ. ދުވާފަރު ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގަ އެވެ.