ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު އޭޕްރީލް 8 ގައި

Jan 8, 2017
1

ކޯޓުގެ އެންގުމަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު، މިއަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބާވަން ނިންމައި އެކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ކުރިން އޮތީ މިމަހުގެ 14 ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއަށް ތައްޔާރުވެވިފައި ނުވާ ކަމަށް ބުނެ ޕީޕީއެމްގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެނެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިންތިހާބަށް އަލުން އިއުލާންކޮށް، ކުރިމަތިލުމަށް ވެސް އަލުން ހުޅުވާލާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ކުރިން ހުށަހަޅާފައިވާ ހުރިހާ ފޯމެއް މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތި ލާފައިވާ ފަރާތްތަކުން ވެސް އަލުން ފޯމް ފުރަންޖެހޭނެ ކަމަށެވެ.

ރީ ރަޖިސްޓާކުރުމަށާއި އޮބްޒާވަރުންނަށާއި މޮނީޓަރުންނަށްވުމަށް ވެސް އަލުން ހުޅުވާލާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެހެންނަމަވެސް މޮނީޓަރުންނާއި އޮބްޒާވަރުންނަށްވުމަށް މިހާރު ހުށަހަޅާފައިވާ ފޯމްތައް ބާތިލެއް ނުކުރެ އެވެ. އަދި ރީ ރަޖިސްޓާ ވެސް ކުރަން ޖެހޭނީ ކުރިން ރީ ރަޖިސްޓާކުރި ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީކުރަން ބޭނުންވާނަމަ އެވެ.

އޭގެ އިތުރުން ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހަށް ބަލާނެ ކަމަށް ނައިބު ރައީސް މުސްތަފާ ވިދާޅުވި އެވެ. އެ އިސްލާހަކީ ޕްރައިމަރީގައި ވާދަކުރުމަށްފަހު ނާކާމިޔާބުވާ ފަރާތްތަކަށް ވާދަނުކުރެވޭ ގޮތަށް ގެނައި އިސްލާހެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއިން ފެށިގެން ހުޅުވާލާނެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ވޯޓު ފޮށި ބަންދުކުރާނީ އެ ދުވަހުގެ ހަވީރު 4:00 ގަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އެ މަހުގެ 17 ވަނަ ދުވަހު އެވެ.

މީގެކުރިން ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުގެ ކެނޑިޑޭޓުން ވަނީ ކައުންސިލް އިންތިހާބަށް ފޯމް ހުށަހަޅާފަ އެވެ. ޕީޕީއެމްއިން ވެސް މިހާރު ބުނާ ގޮތުގައި ކައުންސިލް އިންތިހާބަށް އެ ޕާޓީ ތައްޔާރެވެ. އަދި ވަރަށް އަވަހަށް އެ ޕާޓީން ވެސް ޕްރައިމަރީ ބާއްވަން ޖެހޭ ސަރަހައްދުތަކުގައި ޕްރައިމަރީ ބާއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ފެބްރުއަރީ މަހު ހަމަވި ނަމަވެސް ސިވިލް ކޯޓުން ވަނީ އާ ކައުންސިލަރުން ހުވާކުރަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.