ދުނިޔެ

މެކްސިކޯގައި އެމެރިކާގެ އޮފިޝަލަށް ދިން ހަމަލާގެ ތުހުމަތުވީ އެމެރިކާމީހަކަށް

މެކްސިކޯގެ ގުއާޑަލަޖަރާގައިވާ އެމެރިކާގެ ކޮންސިއުލޭޓްގެ އޮފިޝަލަކަށް ހުކުރު ދުވަހު ބަޑިން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ރައްޔިތެއް ކަމަށް މެކްސިކޯ ސަރުކާރުން ބުނެފި އެވެ.

ޝޮޕިން މޯލް އެއްގެ ޕާކިން ލޮޓެއްގެ ތެރޭގައި އެމެރިކާ އޮފިޝަލަށް ފާރަލައި، އޭނާއަށް ބަޑިން ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އެމައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރެއް މެކްސިކޯއިން އަދި ހާމައެއް ނުކުރެއެވެ.

ހުކުރު ދުވަހު ހިނގި އެހާދިސާގައި ޒަހަމްވެފައިވާ ވަނީ ގުއާޑަލަޖަރާގައި ހުންނަ އެމެރިކާގެ ކޮންސިއުލާ އޮފިސަރެއް ކަމަށްވާ ކްރިސްޓޮފާ އޭޝް ކްރާފްޓް ކަމަށް މެކްސިކޯގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މެކްސިކޯގެ ފޮރިން ރިލޭޝަންސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނީ އޮފިޝަލަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އެމެރިކާއަށް ޑީޕޯޓް ކުރުމަށް މެކްސިކޯ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މައްސަލަގައި ތުހުމަތު ކުރެވޭ މީހާ އަވަހަށް ހައްޔަރުކުރުމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ މެކްސިކޯ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.