އެމްއެންޑީއެފް

ރިޔާ ދޯންޏާއި ފަލި ޖެހުމުގެ މުބާރާތް ފަށައިފި

Jan 9, 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްއިން ބާއްވާ ރިޔަލު ދޯންޏާއި ފަލި ޖެހުމުގެ މުބާރާތް މިއަދު ފަށައިފި އެވެ. އެ މުބާރާތް ކުރިޔަށް ދަނީ އިއްޒުއްދީން ފާލަން އޮންނަ ސަރަހައްދުގަ އެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވިދާޅުވީ ސިފައިންގެ މަސައްކަތުގެ ތެރެއިން ހަތިޔާރު ހިފައިގެން ކަންކަމާ ކުރިމަތިލުމުގެ ބަދަލުގައި ގެއްލެމުންދާ ތާރީހީ ކަންކަން ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިފައިން ކަނޑުގެ މާހައުލަށް އަހުލުވެރިކޮށް އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ވީހާވެސް ގިނަ ސިފައިން ބައިވެރިކޮށްގެން މުބާރާތްތައް ކުރިޔަށް ގެންދާ ކަމަށެވެ.

"މި މުބާރާތް އެންމެ ރަނގަޅު ގޮތުގައި ގެންދަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އަމިއްލަފުޅަށް ގިނަ މަސައްކަތްކޮށް ބަޖެޓު ހޯއްދަވާ ރ. އުނގޫފާރުގައި ރިޔަލު ދޯނިތައް ބަނުމުގެ މަސައްކަތް ހަމަޖައްސައިދެއްވާފަ. މިއީ ފުރަތަމަަަަަަަަ ފަހަރަށް ބާއްވާ އަދި އަޅުގަނޑުމެންގެ ޓްރެއިންން ޔުނިޓުގައި ތަންކޮޅެއް ކުރީއްސުރެއް ހުރި ފަލި ޖަހާ ސޮކި ދޯނިތައް ބޭނުން މި ކުރަނީ،" ޝިޔާމް ވިދާޅުވި އެވެ.

ސިފައިންގެ ހުރިހާ އިންޓާ ޔުނިޓުތައް ބައިވެރިކޮށްގެން ފެށި މި މުބާރާތުގައި މުޅިއަކު 18 ޓީމެއް ހިމެނެއެވެ. އަދި ބައިވެރިން ރިޔަލު ދޯންނާއި ސޮކި ދޯނިތަކުގައި އިއްޒުއްދީން ފާލަަމާ ދިމާލުން 400 މީޓަރަށެވެ. މިއީ އެއް ދުވަހަށް ކުރިޔަށް ގެންދާ މުބާރާތެކެވެ.