ހޮލީވުޑް

އިޓް ފޮލޯސް: ޒަމާންގަނޑަކަށް ފަހު ނުކުތް އެންމެ ބިރުވެރި ފިލްމު

ބުނަން ހެއްޔެވެ؟ މި ފިލްމުގެ ޓްރެއިލާ ވެސް ވަރަށް ބިރުވެރި އެވެ.

އެހެންވީމަ މިއީ ކާކުގެ، ކޮން ކަހަލަ އަދި ކިހާވަރެއްގެ ފިލްމެއްތޯ ބަލާލަމާ ހިނގާށެވެ. ޓްރެއިލާ ބަލައިލީމަ، މި ފިލްމަށް އޮހެމުންދާ ތައުރީފު ގަބޫލުކުރުމަކުން މައްސަލައެއް ނެތްކަން އެނގުނެވެ.

އެންމެން ވެސް ބުނަނީ މިއީ ޒަމާންގަނޑަކަށް ފަހު ހޮލީވުޑުން ގެނެސްދިން އެންމެ މޮޅު ފިލްމު ކަމަށެވެ.

ޑޭވިޑް ރޮބަޓް މިޗެލްއޭ ކިޔުނު ޑައިރެކްޓަރެއްގެ އަޑު އެހިން ހެއްޔެވެ؟ އަޑެއް ނާހާނެ އެވެ. ސަބަބަކީ ފިލްމު ބަލާ މީހުންގެ ސަމާލުކަން ލިބޭ ވަރުގެ މަޝްހޫރު ނަމަކަށް އޭނާގެ ނަން ވެފައި ނުވާތީ އެވެ. 

ނަމަވެސް "އިޓް ފޮލޯސް" އާއެކު އޭނާ މި ވަނީ މިހާރު ހޮލީވުޑްގައި ނެތް ވަރުގެ ޑައިރެކްޓަރަކަށް ބަދަލުވެފަ އެވެ. މި ފިލްމަކީ އޭނާގެ ދެ ވަނަ ފީޗާ ފިލްމެވެ. ގެނެސްދިން ފުރަތަމަ ފީޗާ ފިލްމަކީ 2010 ވަނަ އަހަރުގެ ފިލްމު "ދަ މިތު އޮފް ދަ އެމެރިކަން ސްލީޕްއޯވާ" އެވެ.

އެއީ ވެސް މާ މަޝްހޫރުވި ފިލްމެއް ނޫނެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން އޭނާ ގެނެސްދިން ފިލްމު އެންމެން ވެސް ސިފަކުރަނީ މި އަހަރުގެ އެންމެ މޮޅު ބިރުވެރި ފިލްމުގެ ގޮތުގަ އެވެ.

މި ފިލްމަކީ އާންމުކޮށް ބަލާލަން ލިބޭ ކަހަލަ ބިރުވެރި ފިލްމެއް ނޫނެވެ. އެހެންވީމަ މީގައި ވަނީ ކިހިނެތް ހެއްޔެވެ؟

ޑައިރެކްޓަރު މިޗެލް ބުނާ ގޮތުން މި ފިލްމުގެ ޕްލޮޓް އޭނާ އެކުލަވާލާފައި ވަނީ ކުޑައިރު އޭނާ އަށް ތަކުރާރުކޮށް ފެނުނު ބިރުވެރި ހުވަފެނެއްގެ އަސްލަށެވެ.

ފިލްމުގައި ވާގޮތަކީ މިއީ އެވެ. ކޮންމެ ވެސް މީހަކަށް ބަދުނަސީބު ކަންތައްތަކެއް ލައިގަންނަނީ އެވެ. އާދަޔާހިލާފު ބާރެއް ފަހަތުން އަންނަހެން ހީވަނީ އެވެ. މި ނުބައި ބާރަކީ ކޮންމެ ފަދަ އެއްޗެއްގެ ސިފައިގައި ވެސް ލޮލަށް ފެނިދާނެ ބާރެކެވެ. 

މި ނުބައި ރޫހާނީ ބާރު އަތްދަށުވާ މީހާ ސަލާމަތެއް ނުވެ އެވެ. އޭތީގެ ކިބައިން ސަލާމަތްވުމަށް އޮންނަނީ ހަމަ އެންމެ ގޮތެކެވެ. އެއީ ލޯބިކުރުމެވެ.

އެހެންވީމަ މިވާ ގޮތް އެނގޭ ހެއްޔެވެ؟ ފިލްމުގައި ދައްކުވައި ދެނީ ޖިންސީ ގުޅުން ހިންގުމުން ނޫނީ އެ ނުބައި ރޫހާނީ ބާރެއްގެ ކިބައިން ސަލާމަތް ނުވެވޭ ވަރުގެ ބާރެއް މީހުންނާ އަވަލައިގެން އުޅޭ ގޮތެވެ.

ފާޑުކިޔުންތެރިން ބުނަނީ މިއީ ބެލުންތެރިޔާގެ ސިކުނޑި އަށް ބިރުވެރިކަން ފާއްދާލައި ނަފްސާނީ ގޮތުން ބަލިކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ފެންވަރަށް ތަރައްގީކޮށްފައިވާ ބިރުވެރި ފިލްމެއް ކަމަށެވެ. އެމީހުން ބުނަނީ މިއީ ވަރަށް މޮޅު، ވަރަށް ތަފާތު އަދި އެހާމެ ބިރުވެރި ފިލްމެއް ކަމަށެވެ.