ޑޮނަލްޑް ޓްރަމްޕް

"ވަން ޗައިނާ" ސިޔާސަތު ޓްރަމްޕް ދޫކޮށްލާނަމަ ބަދަލުހިފާނެ: ޗައިނާ

ޗައިނާގެ "ވަން ޗައިނާ" ސިޔާސަތު އެމެރިކާގެ ރައީސްކަމާ އަލަށް ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ދޫކޮށްލައްވައިފި ނަމަ ޗައިނާއިން އެކަމުގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ވަނީ އެ ސިޔާސަތު ދަމަހައްޓާފަ އެވެ

ޗައިނާ ސަރުކާރުގެ ނޫހެއް ކަމަށްވާ "ގްލޯބަލް ޓައިމްސް" ގައި މިމޭރުމުން ލިޔެފައި ވަނީ މެދުތެރޭ އެމެރިކާގެ ހަތަރު ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ޓައިވާނުގެ ރައީސާ ސާއީ އިން ވެން އެމެރިކާގެ ހައުސްޓަންގައި މަޑުކޮށްލެއްވުމާ ގުޅިގެންނެވެ. އެގޮތުން މަޑުކޮށްލެއްވުމަށް ފަހު ވެން ވަނީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.

ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި އިއްޔެ ޝާއިއުކުރި ލިއުމުގައި ބުނެފައި ވަނީ ޓްރަމްޕް އަދި ހުވާ ނުކުރާއިރު ޓައިވާނާ ހެދި ދެގައުމުގެ ގުޅުން ގުރުބާން ކުރުމުގެ ބޭނުމެއް ބެއިޖިންއަކަށް ނެތް ކަމަށެވެ. ނަމަވެސް ޓްރަމްޕް ރިޔާސަތާ ހަވާލުވުމަށް ފަހު ވަންޗައިނާ ސިޔާސަތު ދޫކޮށްލާ ނަމަ ބެއިޖިން އިން އޮތީ އެކަމަށް ރަނގަޅަށް ތައްޔާރަށް ކަމަށެވެ. އަދި އެހާލަތުގައި އެމެރިކާއާ ގުޅުން ކަނޑާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

ޓައިވާނުގެ މައްސަލައިގައި ޓްރަމްޕާއި ޗައިނާއާއި ދެމެދު އަރައިރުމެއް އުފެދުނީ އޭނާ އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ކިއުމަށް ޓައިވާންގެ ރައީސާ ގުޅުއްވުމުންނެވެ. ވަން ޗައިނާ ސިޔާސަތަކީ ކޮންމެހެންދަމަހައްޓަން ޖެހޭ ސިޔާސަތެއް ނޫން ކަމަށް އެ ފޯންކޯލްގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ގްލޯބަލް ޓައިމްސް އަކީ ޗައިނާ ސަރުކާރުން ހިންގާ، އެގައުމުގެ ސަރުކާރުގެ ސިޔާސަތުތައް ހާމަކުރާ ނޫހެކެވެ.