އިލެކްޝަންސް ކޮމިޝަންގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވާން އަދާލަތު ޕާޓީ އިން ނިންމައިފި އެވެ. އެ ޕާޓީ އިން މީގެ ކުރިން ނިންމީ އެމްޑީޕީއާ އެކު ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ.
އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށް ފަހު ޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރި ނުވާން އެ ޕާޓީގެ އެންެ މަތީ ގުނަވަނުން ނިންމީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ މުއްދަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ބޮޑެތި އިހުމާލުވުންތަކެއް ހުރުމާއި ގާނޫނުތަކުން ލާޒިމް ކުރާ ފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ވަކި ބަޔަކަށް ކައުންސިލްތަކުގެ މަގާމުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ޕާޓީއަށް ގަބޫލު ކުރެވޭތީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު މި މަހު ބޭއްވުމަށް އެންމެ ފުރަތަމަ އިއުލާން ކުރި ނަމަވެސް، ޕީޕީއެމް އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަހަަށް ފަސް ކުރުމަށް ވަނީ ސިވިލް ކޯޓުން އަމުރެއް ނެރެފަ އެވެ. އަދި އެ އަމުރާ ގުޅިގެން ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ، އަންނަ އެޕްރީލް އަށް ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އަދި އެ އިންތިހާބަށް ކުރިމަތިލުމަށް މީގެ ކުރިން ހުށަހެޅި ކެންޑިޑެންސީ ފޯމުތައް ބާތިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އަލުން ކުރިމަތިލާން ޖެހޭ މައްސަލައިގައި ކޯޓަށް ދިޔުމަށް އެމްޑީޕީ އިން ވަނީ ނިންމައިފަ އެވެ.
އަދާލަތު ޕާޓީ އިން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަކީ އެ އިންތިހާބުގެ ސައްހަކަން ގަބޫލުކުރުން ކަމަށާއި ބާއްވަން އުޅޭ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"2017 ވަނަ އަހަރު ބޭއްވުމަށް އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަކީ ނުހައްގުން ފޭރިގެންފައިވާ އިންތިހާބެއްގައި ސައްހަކަމުގެ ސިއްކަޖަހައިދިނުން ކަމުގައިވާތީ އާއި އިސްވެދެންނެވުނު ފަދައިން ދިވެހި ރައްޔިތުންގެ ކިބައިން ނުހައްގު އިންތިހާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅަށް ހިންގޭ އިމެއްނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ މިއެންމެހައި އަނިޔާވެރި ގާނޫނާ ހިލާފު ބޭއިންސާފު ޖަރީމާތަކަށް އިންކާރުކޮށް އިހުތިޖާޖުކޮށް ކުށްވެރި ކުރާ ހާލު، 2017 ވަނަ އަހަރުގެ އެޕްރީލް އަށް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަދާލަތު ޕާޓީ އިން ވާދަނުކުރަން ނިންމައިފީމެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން އަދާލަތު ޕާޓީ އިން ނިންމާފައި އޮތީ، 147 ގޮޑިއަށް ކުރިމަތިލުމަށެވެ. އަދި އެމްޑީޕީ އިން ނިންމީ، 506 ގޮޑިއަށް ކުރިމަތިލުމަށެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކުން އަދާލަތު ޕާޓީގެ ޓިކެޓް ބައެއް ފަރާތްތަކަށް ދިން އިރު އެމްޑީޕީ އެތެރޭގެ ޕްރައިމަރީ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.