ހަބަރު

ފާއިޒާއި މުއުތަސިމް ވަކިކުރަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

Dec 11, 2014
1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) މިއަދު ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ފާއިޒާއި މުއުތަސިމް ވަކިކުރަން ޖޭއެސްސީން އަމަލުކުރި އިޖްރައާތު ގާނޫނު އަސާސީއާ ޚިލާފް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އެ ޕާޓީން މިރޭ ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިރޭ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން އެ ކޯޓު ހުޅުވައި ދިނުމަށް ވެސް އެ ޓްވީޓްގައި ރޮޒައިނާ ގޮވާލާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ އިސްލާހު ބުނާގޮތުން ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރުންގެ ނަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން އެ ބޭފުޅުން ވަކިކުރުމާ ގޮތެއް ނިންމާނީ މަޖިލީހުގެ ވޯޓަކުންނެވެ.

އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް ޖޭއެސްސީން ވަނީ ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް އެ ދެ ބޭފުޅުންގެ ނަން ފޮނުވުމަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފާއިޒާއި މުއުތަސިމްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން އަހުމަދު އަބްދުﷲ ދީދީ އެވެ. އޭގެ ތެރެއިން ފަނޑިޔާރު އަލީ ހަމީދަކީ ކަސްބީ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވުނު ބޭފުޅެކެވެ.

މަޖިލީހުގައި އެ ބިލާ ދެކޮޅަށް އެމްޑީޕީން ވޯޓު ދިން ނަމަވެސް އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) އެވެ. ނަމަވެސް އެ ބިލަށް ވޯޓަށް އެހިއިރު ޝަރީފް ވެސް ވަނީ އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.