(8 ޖެނުއަރީ 2017 އާ ގުޅޭ)
"ހާއި... ލިޒީ ދޯ... ޖުވައިން ދުށިންތަ؟" އެކުވެރި ގޮތަކަށް ނިޔާނު އަހާލިއެވެ. އެވަގުތު ލިޒީގެ ގާތުގައި އިން އައިރާގެ އުނގުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. އޭނާ ފޯނަށް ބަލާލުމާއެކު ހީވީ ކައްޓެއް ހެރިގެން މީހާ ކޮޅަށް ތެދުވިހެނެވެ. އަވަސް އަވަހަށް ފޯނު ހިފައިގެން ދުރަށް އައިރާ ހިނގައިގަތެވެ.
"އަހަރުމެން މި ތިބީ ގޭގައި..." ފޯނުކޯލަށް ޖަވާބު ދިނުމަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލެވުނު ވަގުތު އައިރާއަށް އިވިގެން ދިޔައީ ހިޝްމާގެ އަޑެވެ.
"މިދަނީ ގެއަށް..." މަޑުމަޑުން އައިރާ ބުނެލުމާއެކު ފޯނުކޯލު ކަނޑާލިއެވެ. އަދި ލިޒީއާ ދިމާއަށް ބަލާލިއެވެ. އެމީހުން އެތަނަށް އައިތާ ގިނައިރެއް ނުވެ އެނބުރި ދާން ޖެހުނީތީ އައިރާ ހުރީ ފޫހިވެފައެވެ. ލިބުނު މިނިވަންކަން ނިމުމަކަން އައީކަން އައިރާއަށް ޔަޤީންވެއްޖެއެވެ. ހިޝްމާގެ ބަހާ ދެކޮޅު ހަދައިފިނަމަ ނުކުންނާނެ ނަތީޖާ ރަނގަޅުނުވާނޭކަން އޭނާއަށް އެނގެއެވެ. ހިތްހަމަނުޖެހިފައި ހުރެ އައިރާ އައިސް ލިޒީގެ ގާތުގައި މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟" އައިރާގެ އޮއްސިފައިވާ މޫނު ފެނުމާއެކު ލިޒީ އަހާލިއެވެ. އޭރު ލިޒީއާ ކުރިމަތިވާގޮތަށް ހުއްޓިލައިގެން ހުރި ނިޔާނު ވެސް އައިރާއަށް ބަލާލީ އެ އަންހެންކުއްޖާއަށް ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަވެގެންނެވެ.
"ހިނގާދާން... ދައްތަމެން އަތުވެއްޖެ..." ވާހަކަދައްކަން އުނދަގޫވެފައި ހުރި ފަދައަކުން އައިރާ ބުނެލިއެވެ. އެހިނދު އަވަސްއަވަހަށް ލިޒީ ތެދުވެ އޭނާގެ ލައިގެން ހުރި ޖިންސުގެ ބުޑުދިމާލުން ވެލި ފޮޅާލާ ފައިވާނަށް އެރިއެވެ. ކުއްލިއަކަށް ދެ އަންހެންކުދީންނަށް މިއައި ބަދަލެއް ނިޔާނަކަށް ނުވިސްނުނެވެ.
"އަހަރެން ލިޒީމެންނާއެކު އަޔަސް އޯކޭތަ؟ ގެއަށް ދޯ ތިދަނީ..." ޖުވައިންއާ ދިމާނުވެ ރަށުތެރެއަށް ގެއްލިދާނެކަމުގެ ބިރާއެކު ނިޔާނު ވާހަކަދެއްކިއެވެ.
"އާން! ގެއަށް މިދަނީ... އޯކޭ ނިޔާނު އަޔަސް... ދޯ އައިރާ..." ލިޒީ މިހެން ބުނުމުން އައިރާ ބޯޖަހާލިއެވެ. އޭނާ އިސްޖަހާލި ގޮތަށް ހީވަނީ ކޮންމެވެސް ފިކުރަށް ގެއްލިފައި ހުރި ހެންނެވެ.
ގެއާ ދިމާއަށް ދެ އަންހެންކުދީން އައިއިރު އެމީހުންގެ ފަހަތުގައި ހުރެގެން ނިޔާނު އައެވެ. އައި މަގުމަތީ އޭނާ ޖުވައިންއަށް ގުޅިއެވެ. ފޯނު ނުނެގުމުން އޭނާއަށް ނިޔާނު މެސެޖު ކުރިއެވެ. ލިޒީއާ ދިމާވެގެން ގެއަށް އަންނަނީ ކަމުގައި ބުނެއެވެ. އަދި ކުރިއަށް ހިނގަމުން އައިއިރު ނިޔާނުގެ ނަޒަރު ވަކިވަކިން އޭނާގެ ކުރިމަތިން ހިނގަމުން ދިޔަ ލިޒީއާއި އައިރާއަށް ހުއްޓެމުންދިޔައީ އެ ދެ އަންހެންކުދީން ދެނެގަންނަން ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ.
އައިރާގެ ލޮނުދާ ހިއްލަމުން ދިޔަ ދެއަތްތިލައިން ފަހަރަކު އަތެއް އިރުއިރުކޮޅާ ހެދުމުގެ އަރިމަތީގައި ހާކާލާ ފުހެލައެވެ. އަދި އަތުގައި އޮތް ފޯނު އެއްއަތުން އަނެއްއަތަށް ބަދަލުކޮށްލައެވެ. އަވަހަށް ގެއަށް ދާން ބޭނުންވި ނަމަވެސް އެކަމާ އޭނާގެ ޟަމީރު ދެކޮޅު ހަދާ ކަހަލައެވެ. ހިނގުން ބާރުކޮށްލުމުގެ ބަދަލުގައި އައިރާ އައީ މަޑުހިނގުމެއްގައެވެ. އޭރު އޭނާގެ ހާސްވަމުންދިޔަ ސިކުނޑީގެ އިސްކުރީނުން ފާޅުވެގެން ދިޔައީ އުމުރުން ހަތްއަހަރުގެ ހަނދާންތަކެވެ.
އެއް އުމުރު ފުރައިގެ ކުދީންތަކާއެކު ކުޅެން އުޅެފައި އައިރާ މޫދަށް ދިޔައީ ގޭތެރޭގައި ފަރިދާއާ ވާހަކަދައްކަން އައިރާގެ މަންމަ އާގިސާ އިންދައެވެ. ބައްޕަ ނިޔާވުމަށްފަހު އާގިސާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ބަލަމުން އައީ ގޭގެއަށް ހަވާދު ފުނޑައިދީގެންނާއި ކުޑަކުދީންނަށް އަކުރުކިޔާށާއި ޤުރުއާން ކިޔަވަން ދަސްކޮށްދީގެންނެވެ. މާ މުއްސަނދި ދިރިއުޅުމެއް ނޫނަސް އެ ދެމެއިންނަށް އަމިއްލައަށް އުޅެވޭ ވަރުވިއެވެ. ނަމަވެސް އައިރާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ އެ ދުވަހުއެވެ. ޅަކުދީންތަކާއެކު މޫދުގައި އުޅެފައި އަރައިގެން ގޭ ދޮށަށް އައި އައިރާއަށް ފުރަތަމަ ވެސް ފާހަގަކުރެވުނީ ގޭދޮށަށް އެއްވައި ތިބި މީހުންނެވެ. ދުވެފައި އައިސް ގެއަށް ވަންނަން އުޅުނު ވަގުތު އައިރާ ހިފެހެއްޓީ ލިޒީގެ މަންމަ މަލީހާއެވެ.
"މަންމަ ކޮބާ؟" އައިރާގެ މުލައްދަނޑީގައި ހިފަހައްޓާލި މަލީހާގެ ގާތުން އައިރާ އެހިއެވެ. ނަމަވެސް ޖަވާބެއް ނައެވެ. ތެޅި ފޮޅިގަނެފައި މަލީހާގެ އަތުން ސަލާމަތްވެގެން ގޭތެރެއަށް ވަންނަން އައިރާ އުޅުނެވެ. ދޮރުމަތީ ތިބި މީހުންތަކުގެ ސަމާލުކަން އައިރާއަށް ހުއްޓެމުންދިޔައިރު މަންމަގެ ގާތަށް ދާން އައިރާ އެދެންފެށިއެވެ. އެވަގުތު ގޭތެރެއިން ނުކުން ފަރީދާ އައިސް އައިރާގެ އަތުގައި ހިފާ އެއްފަރާތްކޮށްލިއެވެ. އެހިނދު މީހުން ގަނޑުގެތެރެއިން އަށިގަނޑަކަށް ލައިގެން ނެރޭ އާގިސާ ފެނުނެވެ.
"މަންމައަށް ކިހިނެއްވީ؟" އާގިސާ ފެނުމާއެކު ފަރީދާގެ ގާތުގައި އައިރާ އެހިއެވެ. ފަރީދާއަކީ އައިރާ ހަނދާން ހުންނަން ފެށީއްސުރެ އާގިސާއާ އެންމެ އެއްކޮށް އުޅޭ ރަޙުމަތްތެރިއާއެވެ. އެ ކުޑަކުޑަ ޢާއިލާގެ ޚަބަރު ބަލާ ހިތްހެޔޮ މީހެކެވެ.
"ދޭ ތެތްބާލާ ފެންވަރައިގެން ނުކުންނަން" ފަރީދާ އެހެން ބުނުމުން އައިރާ އަވަހަށް ގޭތެރެއަށް ދުއްވައިގަތީ ފެންވަރާށެވެ. އޭރުން އާގިސާގެ ގާތަށް ދޭވޭނެކަމުގެ އުންމީދުގައެވެ.
ފެންވަރާ ރީތިވެގެން އައިރާ ނުކުމެ ބަލާލިއިރު ފެންޑާގައި ފަރީދާ އިނެވެ. އައިރާ އައިގޮތަށް އައިސް އާގިސާގެ ގާތަށް ދިއުމަށް ފަރީދާގެ ގާތުން އެދުނެވެ. އޭރު ގޭތެރެއަށް ވަންނަން ކަނޑާފައި ހުރި ދޮރުކައިރީ ފާރުބުރީގައި ލެނގިލައިގެން މަލީހާ ހުއްޓާ ފެނުނެވެ. އެމީހުންގެ މޫނުތަކުން މާޔޫސްކަން ފައުޅުވަމުންދިޔަ ނަމަވެސް ހަތްއަހަރުގެ އައިރާގެ ސިކުނޑިއަށް ވެގެންއުޅޭގޮތެއް ނަގައެއް ނުގަނެވުނެވެ.
"އައިރާ... މިހާރު ތީ ބޮޑުކުއްޖެއް... މަންމައާ ނުލާ ވެސް އުޅެން އެނގެންވާނެ..." ފަރީދާގެ ވާހަކަތަކެއް އައިރާގެ ޅަސިކުނޑިއަކަށް އޭރު ނަގައެއް ނުގަނެވުނެވެ.
"ތާއިބު އަތުވެއްޖެ..." ކުއްލިއަކަށް މަލީހާ ބުނެލިއެވެ.
ތާއިބުއަކީ އާގިސާގެ ބޭބެއެވެ. އޭނާ ވަދެގެން އައުމާއެކު ފަރިދާއާ ދެ މީހުން ވަނީ އެތެރެގެއަށެވެ. އެ ދެ މީހުން ވާހަކަދައްކާއަޑު ފުރަތަމަ ނީވުނަސް ފަހުން އެ ދެމީހުންގެ އަޑު ބާރުވިއެވެ. ޒުވާނު ކުރާ ކަހަލައެވެ. ކީއްވެކަން ނޭނގުނަސް އެމީހުން ކިޔާ އެއްޗެއް އައިރާގެ ކަންފަތަށް އިވެއެވެ.
"އަހަރެން ކިހިނެއް އޭނާ ބަލާނީ... ހިޝްމާ އޭނީ ބަލިވެ... ނުވިތާކަށް ދޮށީ ދެ ދަރިން އެބަތިބި... ފަރީދާ އޭނާ ގެންދަންވީނު" ތާއިބު ބުންޏެވެ.
"އަހަރެން އުޅެނީ އަހަރެންގެ ދަރީން ދިނީމާ ކައިގެން ބޮއެގެން... އަހަންނަށް ކިހިނެއް އެވަރުގެ ކުއްޖަކު ގެންގޮސްގެން ބަލާނީ... ތާއިބު ތީ އާގިސާގެ ހުރި ހަމައެކަނި މީހަކީ... މިއަދު އާގިސާގެ އެ ދަރިފުޅު ނޫނީ އެއްވެސް މީހަކުނެތް... ތާއިބުއަށް ވާޖިބުވެގެންވޭ އެ ކުއްޖާއަށް މިއަދު އަޅާލަން..."
ތާއިބުއާއި ފަރީދާގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް ނިމުމަކަށް އައުމާއެކު ފަރީދާ ތަންކޮޅެއް ބާރަށް އައިރާއަށް ގޮވާލިއެވެ. ކަންބޮޑުވެފައި ހުރެ އައިރާ ދުވެލާފައި އަވަހަށް އައިސް އެތެރެއަށް ވަނެވެ. އެއާއެކު ފަރީދާ އެދުނީ އައިރާ ބޭނުންކުރާ ސާމާނުތައް ފޮށްޓަކަށް އެޅުމަށެވެ. އެވަގުތު އައިރާމެން ގޭގައި ފޮށްޓެއް ނެތުމުން އެ ހުރިހާ މަންޒަރެއް ބަލަން ހުރި މަލީހާ އައީ އޭނާ ގެންގުޅޭ ފޮށްޓެއް ހިފައިގެންނެވެ. އައިސް ފަރީދާގެ އަތަށް ދިނުމުން އައިރާއާއެކު ކޮޓަރިއަށް ވަދެ އައިރާ ބޭނުންވާނޭ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ތައްޔާރު ކުރުމަށްފަހު އައިރާ ގޮވައިގެން ނުކުތެވެ. އޭރު ގޯތިތެރޭގައި ތާއިބު މަޑުކޮށްލައިގެން ހުރީ ބޮލުގައި އެއްއަތް ބާއްވާލައިގެން ހާސްވެފައި ހުރި ހެންނެވެ.
"މަންމަ ގާތަށް ދާން ބޭނުން..." ހިތްބިރުގެންފައި ހުރެ ފަރީދާގެ ގާތުގައި އައިރާއަށް ބުނެލެވުނެވެ. އެހެންނަމަވެސް އޭނާ އޯގާތެރިކަމާއެކު އައިރާގެ ބޮލުގައި ފިރުމާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރިއެވެ. ތާއިބުއަށް ފެންނަ ހިސާބުގައި ފޮށި ބަހައްޓާފައި އައިރާގެ އަތުން ފަރީދާ ދޫކޮށްލިއެވެ. ދެ ލޯ ބޮޑުކޮށްލަމުން އައިރާއަށް އެއްފަހަރު ތާއިބަށް އަނެއްފަހަރު ފަރީދާއަށް ބަލާލެވުނެވެ.
"އައިރާ... މީ އައިރާގެ ބޮޑުބޭބެ... އޭނާގެ ގެއަށް އައިރާ ގެންދަން އެ އައީ... ބަސްއަހައިގެން އުޅޭތި... އޭރުން އައިރާގެ މަންމަ އުފާވާނީ" ފަރީދާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިތަން އައިރާ ދުށްޓެވެ.
ކަންބޮޑުވެފައި އައިރާ ހުރިއިރު މި ނޫނީ ތާއިބަކީ ކާކުކަމެއް އައިރާއަކަށް ނޭނގެއެވެ. އާގިސާ ދުވަހަކު ވެސް ތާއިބުގެ ވާހަކައެއް ނުދައްކައެވެ. އެއްރަށެއްގައި އުޅޭއިރު ބޮޑުބޭބެއަކު ހުންނަކަމެއް ވެސް އައިރާ ނުދެނަހުއްޓެވެ. ވާން މިއުޅޭ ގޮތެއް ނޭނގި އައިރާ ކަންބޮޑުވަނީ އެހެންވެއެވެ. ނުދަންނަ މީހަކާއެކު އޭނާގެ ގެއަށްދާން ޖެހުމުން އެހާ ޅައުމުރުގައި ވެސް އައިރާ ދެކޮޅު ހެދިއެވެ. އާގިސާ އެނބުރި އަންނަންދެން ގޭގައި މަޑުކުރާނީ ކަމުގައި ބުނަމުންނެވެ.
"އައިރާގެ މަންމައެއް ދެން ނާންނާނެ... އަވަހަށް ހިނގާ... އޭނާ ވަޅުލުމުގެ ކަންތައް ވެސް ނިންމަން އެބަޖެހޭ... އަޑުއިވޭތަ އެބަ" ތާއިބުގެ ހަރުކަށި ބަސްތަކުން އިތުރަށް އައިރާ ހައިރާން ކުރުވިއެވެ. ބިރުގެންފައި ހުރެ ފޮށި ހިފައިގެން ހިނގައިގަތް ތާއިބުގެ ފަހަތުން އައިރާ އައެވެ.
ގޭތެރެއަށް ވަދެ ތަޅުންމަތީ ފޮށި ބަހައްޓާލުމުން ގޭތެރޭގައި އުޅުނު ފިރިހެންކުއްޖަކާ އަންހެންކުއްޖަކު ދުވެފައި އެތެރެއަށް ވަދެގެން ދިޔައެވެ. ގިނައިރެއްނުވެ ބަނޑުބޮނޑު އަންހެނަކު ނުކުމެގެން އައިތަން އައިރާއަށް ފެނުނެވެ.
"ތިއޯ... ތީކޮންކަމެއް..."
"ހިޝްމާ... މީ... މީ އާގިސާ ދަރިފުޅު..." އައިރާއަށް ބަލާލަފައި ތާއިބު ބުންޏެވެ.
"އަހަރުމެން ކީއްތަ އޭނާގެ ދަރިއަކު ހުރިއްޔާ..." މޫނު ހަދާލަމުން ހިޝްމާ ބުންޏެވެ.
"އާގިސާ ނިޔާވެއްޖެ..." ތާއިބު މިހެން ބުނުމުން ހިޝްމާއަށް ވެސް ހިސާބެއްގެ މަޑުޖެހުމެއް އައެވެ.
"މިގޭ ކޮންތާކު އޭނާ ގެންގުޅޭނީ... ތާއިބަށް އެވަރުނޭނގެނީތަ؟" އައިރާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ބަލާލަމުން ހިޝްމާ ބުންޏެވެ.
"އެކަމަކު އޭނާ ގެންދާނެތަނެއް ނެތޭ... އަހަރެން ނޫނީ އާގިސާގެ ޢާއިލާމީހަކުނެތް..."
"ކޮބާތަ އޭނާގެ ބަފާގެ ޢައިލާ... އެމީހުންގެ ގާތަށް ފޮނުވާލަންވީނު" ރުޅި މޫނު ހަދާލުމާއެކު ހިޝްމާ ބުންޏެވެ.
"އެއީ މިރަށު މީހެއް ވެސް ނޫން... އޭނާގެ ޢާއިލާ މީހުން ހޯދަން އުޅޭނީ ކިހިނެއް؟ ދެން ރުޅި ނާދެބަލަ... އަންހެންކުއްޖެއްނު... ހިޝްމާއަށް ވެސް ގޭތެރޭގައި ކަންތައްތައް ކޮށްލަދޭނެ ކުއްޖަކު ހުރީމަ ފަސޭހަވާނެއެއްނު... މިހާރު ތިއުޅެނީ ކިހާ ބުރަކޮށް... މިވަގުތު އަހަރުމެން މީނާ ނެރެ އެއްލާލައިފިއްޔާ ރަށުގެ މީހުން ވެސް އަހަރުމެންނާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެ... މަންމަމެން ގާތަށް ޒީނިޔާ ފޮނުވާލާކައްނު ތި އުޅެނީ... މިހާރު އެކޮޓަރީގައި މީނާ ވެސް ބަހައްޓާނީ..."
"ޚަރަދުކުރަންޖެހޭ އިތުރު ބޮލެއްތީ... އަހަރެން ވިހަންވާއިރަށް ފައިސާކޮޅެއް އެއްކުރަންވާނެއޭ ތާއިބު ކައިރީ ބުނީމެއްނު"
"ބުންޏޭ... އެކަމާ ހާސްނުވެބަލަ... ދެން މީނާ ހުރުމުގެ ކަންތައް ހަމަޖައްސަބަލަ... އާގިސާ ވަޅުލުމުގެ ކަންތައް ވެސް ކުރާން އެބަޖެހޭ... އަހަރެން މިދަނީ ޞިއްޙީމަރުކަޒަށް، އެތަނުން އެމީހުން މަރު ސާބިތުކޮށްފައި ސަހަރާއަށް ފޮނުވާނެ..." ތާއިބު މިހެން ބުނެ އެނބުރި ވަން ދޮރުން ނުކުންނަން ދިޔައެވެ.
"ތިހިރަ ކޮޓަރިއަށް ކަލޭގެ އެއްޗެހި ވައްދާ..." ހިޝްމާ ބުންޏެވެ.
"މަންމަ ގާތަށް ދާން ބޭނުން..." ތެޅިތެޅި އޮތް ހިތާއެކު އައިރާ ބުންޏެވެ.
"ކަލޭގެ މަންމަ މަރުވެއްޖެ... މަރުވެފައި ތިބޭމީހުން އެނބުރިއެއްނާންނާނެ... މީ ކަލޭ އުޅެންޖެހިފައި އޮތް ތަނަކީ... އަހަރެން ރުޅި ނާރުވާ އަހަރެން ބުނާހާ ގޮތެއް ހަދައިގެން މިގޭގައި އުޅެވޭނީ..." ހިޝްމާގެ ހަރުކަށި ބަސްތަކުން އައިރާގެ ޅަހިތަށް އެވަގުތު ކުރާނޭ އަސަރުތަކަށް ކުޑަ ވެސް ފަރުވާލެއް ހިޝްމާގެ ނެތެވެ.
"ޒީނިޔާ... މީނަ ގޮވައިގެން ކޮޓަރިއަށް ދޭބަލަ..." ފެންކަޅިވެފައި އައިރާ ހުއްޓާ ދުރުގައި ބަލަން ތިބި ހިޝްމާގެ ދެ ދަރިންގެ ތެރެއިން އަންހެންކުއްޖާ އައިސް އައިރާއަށް ހިނިތުންވެލިއެވެ. އަދި ފޮށި ކޮއްޕަމުން އައިރާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.
ދެވަނަ ފަހަރަށް އައިރާ ބަލާ ތާއިބު އައީ އޭނާގެ މަންމަ ވަޅުލުމުގެ ކުރީން މޫނު ދެއްކުމަށްޓަކައެވެ. ހުދުކަފުނުގެ ތެރެއިން މަންމަގެ މޫނުފެނުމުން އައިރާއަށް ވަރަށް ރޮވުނެވެ. ފަރީދާ އައިސް އައިރާގެ އަތުގައި ހިފާ މަންމަގެ ގައިގާ އަތްޖެއްސުވިއެވެ. އެވަގުތު މެޔަށް އިހުސާސް ކުރެވިގެންދިޔަ ތަދާއެކު ބޭއިޚްތިޔާރުގައި އައިރާއަށް އޭނާގެ މޭގައި އަތްއަޅާލެވުނެވެ. އެހިނދު މާޒީގެ ހިތި ހަނދާންތަކުގެ ތެރެއިން ލުއްކެއް ޖެހިފަދައިން ހަޤީޤަތުގެ ތެރެއަށް އައިރާ ގެނައީ ލިޒީއެވެ.
"އާ ޔޫ އޯކޭ..." އައިރާގެ އަތުގައި ހިފާލަމުން ލިޒީ އަހާލިއެވެ. އެހިނދު ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އައިރާ ބޯޖަހާލިއެވެ.
އައިރާގެ މަންމަގެ ނަންމަތީގައި އޮތް ގޯތި ތާއިބުގެ ނަންމައްޗަށް ބަދަލުކޮށް އެ ގެ ހަދައިގެން އެމީހުން އެގޭގައި ދިރިއުޅެން ނިންމުމާއެކު އައިރާއާއި ލިޒީގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެންދިޔައީއެވެ. މަލީހާގެ އޯގާތެރިކަން ވެސް އައިރާއަށް ލިބިގެންދިޔައެވެ. އެހެންނަމަވެސް ހިޝްމާގެ ޒީލަގަދަކުން އޭނާއާ އަވަށްޓެރިންނަކާ އެހާ ނުގުޅެއެވެ. ނަމަވެސް ސާމިޔާއަކީ ހިޝްމާގެ މާ ގާތް ރަޙުމަތްތެރިއެކެވެ. އައިރާދެކެ އޭނާ ފޫހިވާ ސަބަބަކީ ހިޝްމާކަމުގައި އައިރާއަށް ޤަބޫލުކުރެވެނީ އެހެންވެއެވެ. ލިޒީމެންގެ ކުރިމައްޗަށް އެއްގެ ދޫކޮށްފައި ހުރި ރީނދޫކުލައިގެ ދޮރޯށި ލީ ގެއަށް ވަނުމަށް އައިރާ ހިނގައިގަތެވެ.
"އަހަންނަށް ފަހުން ގުޅައްޗޭ..." ލިޒީ ބުނެލިއެވެ.
"ވަގުތެއްވިއްޔާ..." އައިރާ ބުންޏެވެ. ލިޒީއާއި ނިޔާނު މަޑުކޮށްލައިގެން ތިއްބާ އައިރާ އައިސް ދޮރޯށިން އެތެރެއަށް ވަދެއްޖެއެވެ.
"ކޮންތާކު ތެޅިތެޅިފައި ތި އައީ..." ސިޓިންރޫމުގައި އިން ތާއިބުގެ ހަރުކަށި އަޑު އިވުނެވެ.
"ދުރަކަށް ނުދަން... ބޭބެމެން އަންނާނެ އިރެއްނުބުނަމެއްނު... ގޭގައި ކުރާނެ ކަމެއްނެތީމަ އެހެންވެ ބޭރަށް ނުކުމެލީ..." ސިޓިންރޫމު ދޮރާ ހަމައިން ހުއްޓުން އެރި އައިރާ ބުންޏެވެ.
"ހިޝްމާ އެބަ ހޯދާ... ދޭބަލަ އެފަރާތަށް" ތާއިބު މިހެން ބުނުމުން މަޑުނުކޮށް އައިރާ އަވަހަށް އައިސް ހިޝްމާގެ ކޮޓަރި ބަލާލިއެވެ. އެތަނުގައި ނެތުމުން ބަދިގެ ފަރާތަށް ގޮސް ވަނެވެ.
"ވާ! ވާ! ދެ ކޮލުގައި ފުއްޖަހައިގެން ގޮތްގޮތަށް ބުރުގައި އަޅައިގެން ފިރިހެނުންނަށް ތިއްތިދެއްކެން އުޅެނިކޮށް ދޯ ގުޅާފައި ގެއަށް އަންނާށޭ މި ބުނެވުނީ..." އައިރާ ފެނުމާއެކު އޭނާއަށް ބަލާލަމުން ހިޝްމާ ބުންޏެވެ.
"ލިޒީއާއެކު ބޭރަށް ދިޔައީ..." އައިރާ މަޑުމަޑުން ބުންޏެވެ.
"ލިޒީގެ ބޮލުގައި ހުރިހާކަމެއް އަޅުވާތި... މިހާރު ދެން އޮތީ މީހަކާއެއްނު ހިތާނުވެވިފައި... ކޮންމެހެން މަށާ ޖަދަލުކުރާން ނޫޅޭތި.. ކޯއްޗެއްތަ މިހިރީ ކައްކާފައި... މުގުރިހަ ގަނޑެއްނޫނީ ނޭނގުނުތަ ހަދާކަށް... މި މަސްތަކެއް ތެލުލުމުގެ ބަދަލުގައި އެއިން އެހެން އެއްޗެއް ހެދިނަމަ" ބަދިގޭގައި ހުރި ތެލިތަކަށް ހިޝްމާ އިޝާރާތްކޮށްލާފައި އައިސް ސުފުރާމަތިގައި މަތިޖަހާފައި ހުރި ބޯތަށިމަތިން ތަށިނަގާ އައިރާއަށް ދެއްކިއެވެ.
"އެ މަސްކޮޅު މަދުކަމުން ރިހައިގައި މަސްކޮޅެއް ނުހުންނާނެތީވެ ވަޅޯމަހުގައި މުގުރިހަ ކެއްކީ... ކުޅިމަސް ހަދަން ވެސް މަދުވާނެތީވެ ތެލުލީ..." އައިރާއަށް މާކުރީން ވެސް ހިޝްމާ ފާޑުކިޔާނެކަން އެނގެއެވެ. (ނުނިމޭ)