ލައިފްސްޓައިލް

ޗައިނާ ހަނާކޮށްލި ބޯލްޕޮއިންޓް ގަލަމުގެ ސިއްރު އެންމެފަހުން ހޯދައިފި

ދިވެހިން ސީނުކަރައޭ ކިޔައިއުޅުނު ޗައިނާ އަކީ "މަމެންގެ ނިއު ބެސްޓް ފްރެންޑޭ" ބުނެވިދާނެ އެވެ. އެކަމަކު ޗައިނާ އާއި ބޯލްޕޮއިންޓް ގަލަމާ ދެމެދު އޮތީ ކޮން ކަހަލަ ގުޅުމެއް ހެއްޔޭ ސުވާލުކޮށްފި ނަމަ މިއީ ބެސްޓްފްރެންޑެއްގެ ހައިސިއްޔަތުން ދިވެހިންނަށް ވެސް ދޭން ނޭނގިދާނެ ޖަވާބެކެވެ.

އެކަމަކު މި ބޮޑު ބިޔަ ޗައިނާއަކާ ބެހޭ ގޮތުން އަހަރެމެން އެންމެނަށް ވެސް ކިޔައިދޭން އެނގޭ އެހެން އެތައް އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އެބައި މީހުން އިސްޕޭހަށް ރޮކެޓު ފޮނުވައިފި އެވެ. ދުވާލެއްގެ މައްޗަށް މިލިއަނުން ސުމާޓު ފޯނު އުފައްދައި ބާޒާރަށް ނެރެ އެވެ. އެންމެ މޮޅެތި އާލާތްތައް ވެސް އިސާހިތަކު ނަކަލުކޮށްގެން ނެރެ އެވެ. ނިކަން ވަރުގަދަ ޒަމާނީ އަސްކަރިއްޔާއެއް އެބައޮތެވެ. ލޮލަށް ނުފެންނަހާ ބާރު މިނުގައި ދެމިލާ ރޭލުތައް ވެސް އެމީހުން އުފައްދައިފި އެވެ.

ބުރިޖު އެޅުމުގައި ވެސް މި ސީނުކަރައަކަށް ގޮންޖަހާލެވޭނެ އެހެން ގައުމެއް އޮތްހެނެއް ހީއެއް ނުވެ އެވެ. ކަންމިހެން އޮތް ނަމަވެސް ޗައިނާ އަށް ނުކުރެވި ނުވަތަ ހާސިލުނުކުރެވި އޮތް ވަރަށް މުހިންމު އެކަމަކު އަދި އެހާމެ ހައިރާންކުރުވަނިވި ކަމެއް އެބައޮތެވެ. -- ކިތަންމެ ކުރިއަރައިގެން ގޮސްފައި އޮތް ނަމަވެސް ފަސޭހައިން ލިޔެލެވޭ ފެންވަރުގެ ފުރިހަމަ ބޯލްޕޮއިންޓް ގަލަމެއް މިވީހާ ދުވަހު އެމީހުންނަށް އޮތީ އީޖާދުނުކުރެވިފަ އެވެ.

މި މައްސަލައެއް ބޮޑުވެގެން އެގައުމުގެ ބޮޑުވަޒީރު ލީ ކޭގިއަންގް މި މައްސަލަ އަށް އަލިއަޅުއްވައި ގައުމީ ޓީވީގައި އެކަމަށް މިދިޔަ އަހަރު ހަޖޫ ވެސް ޖައްސަވާފައިވެ އެވެ. ބޮޑުވަޒީރު ވިދާޅުވެފައި ވަނީ އަމާން އޮމާން އަދި އަތަށް ފަސޭހަ ބޯލްޕޮއިންޓް ގަލަން އުފެއްދުމުގައި ކުރިއަރައިގެން ގޮސްފައިވާ ޖަރުމަންވިލާތާއި ސްވިޓްޒަލެންޑުން އެ އުފައްދާލާ ފެންވަރުގެ ބޯލްޕޮއިންޓް ގަލަންތަކެއް ޗައިނާއަކަށް ނުއުފެއްދޭ ކަމަށެވެ. ޗައިނާ އިން އުފައްދާ ބޯލްޕޮއިންޓް ގަލަންތަކުގެ ކޮޅުގައި އޮމާންކަމެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

ބޯލްޕޮއިންޓް ގަލަމެއް އުފެއްދުމުގައި ޗައިނާ އަށް މައްސަލަތަކެއް ދިމާވީ ނުވަތަ ދަސްނުވި ކަމަކީ އަތަށް ފަސޭހަ ތޮށިގަނޑެއް ނުވަތަ ބޮޑީއެއް އުފެއްދުމަކަށް ނޫނެވެ. ޗައިނާގެ ތަޖުރިބާކާރުންނަށް ސިއްރު ނުހޯދުނީ ބޯލްޕޮއިންޓޭ ކިޔުނު މި ގަލަމުގެ ތުނޑުގެ ކޮޅުން ދެލި ހިންގަން އޭގައި ހަރުކޮށްފައިވާ ކުޑަކުޑަ އިސްޓީލް ބޯޅައިގެ ސައިޒާއި އޮމާންކަމުގެ އެވެ. އެންމެ ފުރިހަމަ އަދި އެންމެ އޮމާން އިސްޓީލް ބޯޅައެއް ކަފަން ޗައިނާ އަށް ނޭނގުނީ އެވެ.

އެހެންކަމުން މި އޮތްހާ ދުވަހު ޗައިނާގެ 3،000 ކުންފުންޏަކުން ގަލަން އުފައްދައި ބާޒާރަށް ނެރުނު ނަމަވެސް ޖަރުމަނުވިލާތާއި ސްވިޓްޒަލެންޑް އަދި ޖަޕާނުން ބާޒާރަށް އެނެރޭ ފެންވަރުގެ "އޮމާން" ބޯލްޕޮއިންޓް ގަލަންތަކެއް މިވީ ތަނަށް އުފެއްދިފައެއް ނުވެ އެވެ. މި މައްސަލަ ޗައިނާގެ އެންމެ އިސްވެރިންގެ ސަމާލުކަމަށް އައިސް އެގައުމު ކަންބޮޑުވާ ވަރުގެ ކަމަކަށްވީ ޔޫރަޕުން އުފައްދާ މޮޅެތި ބޯލްޕޮއިންޓް ގަލަންތައް ޗައިނާ އަށް އެތެރެކުރުމަށް އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަން ޖެހުމުންނެވެ.

ފުރިހަމަވެގެންވި ބޯލްޕޮއިންޓް ގަލަން ބޭރުގެ ތަޖުރިބާކާރު ގައުމުތަކުން އެތެރެކުރުމަށް ޗައިނާ އިން އަހަރެއްގެ މައްޗަށް 120 މިލިއަން ޔުއާން ހޭދަކުރެ އެވެ. އެއީ އެމެރިކާ ޑޮލަރުން ނަމަ 17.3 މިލިއަން ޑޮލަރެވެ.

ނަމަވެސް ޗައިނާގެ ރަސްމީ ނޫސް، ޕީޕަލްސް ޑެއިލީ އިން ރިޕޯޓްކޮށްފައިވާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ބޯލްޕޮއިންޓް ގަލަން ޗައިނާ އަށް އެތެރެކުރާކަށް ނުޖެހޭނެ އެވެ. އެގައުމުގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ ޓިޔައުން އަޔަން އެންޑް ސްޓީލް ކޯ އިން މި ވަނީ އެންމެފަހުން ބޯލްޕޮއިންޓްގެ "އެ ކުޑަ ކުޑަ ސިއްރު ދެނެގަނެފަ" އެވެ. އެމީހުން އުފައްދާފައިވާ 2.3 މިލިމީޓަރުގެ ބޯލްޕޮއިންޓް ގަލަންތައް ލެބޯޓަރީތަކުގައި ތަހުލީލުކުރުމަށް ފަހު ބާޒާރަށް ނެރެން އެ ވަނީ ތައްޔާރުކޮށްފަ އެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަސްތެރޭގައި ބޭރު ގައުމުތަކުގެ ބޯލްޕޮއިންޓް ގަލަންތަކަށް ޗައިނާ އިން ޓާޓާ ކިޔާލާނެ އެވެ. ޗައިނާ އަށް މި ކުޑަކުޑަ ބޯލްޕޮއިންޓް ގަލަމުގެ ސިއްރު ދެނެގަނެވުނީ ފަސް އަހަރު ދުވަހުގެ ދިގު ދިރާސާތަކަކަށް ފަހު އެވެ. --މައުލޫމާތު: ބީބީސީ