ޓެކްނޯލޮޖީ

މާކެޓްގައި މިއަހަރު ސެމްސަންގް އަށް ފިޔަޖަހާލެވޭނެބާ!

ވޭތުވެދިޔަ އަހަރު ވެގެން ދިޔައީ ސުމާޓްފޯން ކުންފުނިތަކަށް އެތައްކަންތައްތަކެއް ދިމާވި އަހަރަކަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަންދަވަޅަކަށް ވެއްޓުނު ކުންފުންޏަކީ ސެމްސަންގް ކުންފުންޏެވެ. ދުނިޔޭގައި މީގެ ތާރީހެއްގައި ނަހަދާ ވަރުގެ ފޯނެއް ހަދާ ބާޒާރަށް ނެރުނެވެ. ނަމަކަށް ދިނީ އެމީހުންގެ ނޯޓް ސީރީސްގެ ނޯޓް 7 ކެވެ.

އެއްމެންގެ ލޯ ހުއްޓުނީ މި ފޯނަށެވެ. ވާދަވެރިން ވެސް މާޔޫސްކޮށްލި އެވެ. ނަމަވެސް ވާދަވެރިންގެ ހިތްތަށް އުފާވީ ލޯންޗުކޮށް ބާޒާރަށް ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް މި ނޯޓް 7 ގޮވާ ވަހާކަތަކުންނެވެ. ފުރަތަމަ ދުވަސްކޮޅު މާ ސީރިއަސް ކޮށް މިކަން ނުނެގުނު ނަމަވެސް ފަހުން ފަހުން އައިސް މިކަންވީ އާމުކަމަކަށެވެ. ސީރައަސް ވެގެން ގޮސް މި ފޯނު ލޭބަލް ވެގެން ދިޔައީ ބޮމެއްގެ ސިފައިގަ އެވެ. ފޯނު ޑިވެލޮޕް ކުރުމުގައި ހެދުނު ގޯސްތަކަކާއި އެއްކޮށް ފޯނުގެ އަގު ވެއްޓި އަދި ބާޒާރަށް ނެރުނުތާ މާގިނަ މަސްތަކެއް ނުވެ މި ފޯން ވިއްކާލުން ހުއްޓާލީ އެވެ.

ވޭތުވެދިޔަ އަހަރު ވާދަވެރިންގެ ފޯނުތައް ބާޒާރަށް ނެރުމާއި އެއްކޮށް ސެމްސަންގް އަޑު ކެންޑެން ފެށީ އެވެ. އަހަރު ނިމިގެން ދިޔަ އިރު ސެމްސަންގެ އޮތީ މާކެޓުގައި އެކަހެރި ވެފަ އެވެ. ސަބަބަކީ ވޭތުވެދިޔަ އަހަރު ބާޒާރަށް ނެރުނު ގްލެކްސީ އެސް 7ގެ އަގު ނޯޓް7 ގެ މައްސަލައާއި ހެދި ދަށަށް ދިއުމުންނެވެ. މުޅި ސެމްސަންގް ވެސް ގިނަ ބަޔަކު ބޮއިކޮޓް ކުރުމުންނެވެ. ފޯނު ގޮވަން މެދުވެރިވި ސަބަބެއް މިއަދާ ހަމައަށްވެސް ސެމްސަންގް އިން އާމުކޮށްފައެއް ނުވެއެވެ. މީގެ ދުވަސް ތަކެއް ކުރިން ސެމްސަންގްއިން ވަނީ އެމީހުންނަށް މި މައްސަލަ ދިމާވި ސަބަބު އެނގިފައިވާ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް މުޅިން ބަލަން ޖެހޭ ކަންތައްތައް ފުރިހަމަ އަށް ބެލިފައި ނުވާތީއާއި ސެމްސަންގް ގެ ސަލާމަތަށްޓަކައި މިކަން ވަނީ ސިއްރު ކުރެވިފައެވެ.


މި ބޮޑު އަޑިގަންޑުން އަރައިގަތުމަށް ސެމްސަންގްއިން މިހާރު މިދަނީ އެމީހުންގެ ފްލޭގްޝިޕް ފޯނު ކަމުގައިވާ ސެމްސަންގް ގްލެކްސީ އެސް ސީރީސްގެ އެސް 8 ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ޓެކް ކަވަރު ކުރާ ނޫސް އޭޖެންސީތަކުން ވަނީ މީގެ ކުރިން މި ފޯން ނެރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީގައި ކަމަށް ބުނެފައެވެ.

ނަމަވެސް މި ހަފްތާތެރޭގައި އަނެއްކާވެސް މި އޭޖެންސީތަކުން އަންނަނީ މި ފޯން ލޯންޗުކުރުން އަންނަ އޭޕްރިލް މަހަށް ފަސްވެފައިވާ ކަމަށް ރިޕޯޓު ކުރަމުންނެވެ. މިކަމާ ބެހޭ ރަސްމީ ބަހެއް އަދި ސެމްސަންގްއިން ބުނެފައެއް ނުވެއެއެވެ. ސެމްސަންގް ގެލެކްސީ އެސް ސީރީސް އާމުކޮށް ލޯންޗުކުރަނީ މާޗް- އޭޕްރިލް ހިސާބުގަ އެވެ. އެހެންކަމުން މިފަހަރު ނެރޭ ފޯނުވެސް ލޯންޗު ކުރާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ އެދުވަސް ވަރުގައެވެ.

ސެމްސަންގެ ބައެއް އޮފިޝަލުންގެ ޓްވީޓްތަކުން އިޝާރަތް ކުރާ ގޮތުގައި މި ފޯނު ލޯންޗުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފެބްރުއަރީ މަހު 29 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާގައި ފަށާ ވާލްޑް މޯބައިލް ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ސްމާޓްފޯން ވިޔަފާރީގައި އުޅޭ ބޮޑެތި އެހެނިހެން ކުންފުނިތަކުން ވެސް އެމީހުންގެ ފޯނުތަށް ދައްކާލާނެ އެވެ. އެގޮތުން ނޮކިޔާގެ އީ1 ވެސް އެދުވަހު ދައްކާލާނެކަން މިހާރު ނޮކިޔާއިން ވަނީ އިއުލާންކޮށްފަ އެވެ.

ސެމްސަންގް8 އާއި ބެހޭގޮތުން ފެތުރޭ ވާހަކަތަށް!

ސެމްސަންގެ ގެލެކްސީ އެސް 8 އާއި އެއްކޮށް އެސް8 އެޖް ވެސް ބާޒާރަށް ނެރޭނެކަމަށް ވެއެވެ. މިފޯނާ ބެހޭ ގިނަ މައުލޫމާތުތަކެއް އަންނަނީ ބޭރުގެ ބޮޑެތި މީޑިޔާތަކުން ރިޕޯޓު ކުރަމުންނެވެ. ނަމަވެސް މިއީ އަދި ސީދާ ހަގީގަތެއް ކަމަށް ބެލެވޭކަށް ނޯންނާނެ އެވެ. ސަބަބަކީ ފޯނާއި ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ވެސް އަދި ނުރަސްމީ ގޮތަކުން ވެސް ސެމްސަންގްއިން ހިއްސާ ކޮށްފައި ނުވާތީއެވެ. ލީކް ކޮށްފައިވާ މައުލޫމާތު ކަމަށް ބުނާ މައުލޫމާތުތަކަކާއި ފޮޓޯތަކެއް އަންނަނީ މީޑިޔާގައި ދައަރުވަމުންނެވެ.

މި ފޯނުގައި އެޕަލް އައިފޯންގައި ވާ ފަދައިން ޑުއެލް ކެމެރާއެއް ހުންނާނެ ކަމަށް ލީކްވެފައިވާ ކަމަށް ބުނާ ބައެއް ފޮޓޯތަކުގައި ވެއެވެ. މީގެ އިތުރުން މި ފޯނަުގައި އޭއި އެސިސްޓެންސް ނުވަތަ އަޑުން ފޯނާއި ކުޅެލެވޭނެ ސެމްސަންގްއިން ފަރުމާ ކުރަމުންދާ ފީޗާއެއް ކަމުގައިވާ "ބިކްސްބައި" ވުޖޫދަށް އަންނާނީ ސެމްސަންގް ގްލެކްސީ އެސް 8 ކާއި އެއްކޮށްކަން ޔަގީން ވާވަރުގެ ހެއްކެއް ސެމްސަންގްއިން ލީކްކޮށްލައިވާކަން ރިޕޯޓްކޮށްފައެެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފީޗާ ލީކްވެފައިވަނީ ސެމްސަންގްއިން އޮޅުމަކުން ކަމަށް ވެއެވެ.

"ބިކްސްބައި" އަކީ ސެމްސަންގެ ގްލެކްސީ އެސް 8 ގައި ހިމެނޭނެ ކަމަށް ވާހަކަ ދެކެވުނު އެންމެ ބޮޑު އެއް ފީޗާކަން ފާހަގަކޮށްލެވެއެވެ. ބޭރުގެ ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފީޗާ އަކީ ސެމްސަންގް ގެ ވާދަވެރި ކުންފުނިތަށް ކަމުގައިވާ އެޕަލްގެ ސިރީ އަދި ގޫގަލް ގެ ގޫގަލް އެސިސްޓެންސް އަޑު ކަންޑުވާލާނެ ވަރުގެ ފީޗާއެކެވެ. ސަބަބަކީ މި ފީޗާ ފަރުމާ ކުރެފައިވަނީ އެހެނިހެން އެސިސްޓެންސް ތަކުގައި ހުންނަ ބަގްތައް ނުވަތަ ކުށްތައް ދެނެގަނެގެން ކަމުގައިވާތީއެވެ. ބިކްސްބައި އަކީ ސެމްސަންގްއިން މީގެ ދުވަސް ތަކެއް ކުރިން ގަތް ވިވް ކުންފުނީގެ އުފެއްދުމެކެވެ. މިކަމުގައި ހައިރާން ވާންޖެހޭ ކަމަކީ ވިވް އަކީ އެޕަލްގެ ސިރީ އުފެއްދި ކުންފުންޏަށް ވުމެވެ.

މިފޯނުގައި ހުންނާނެ ކަމަށް އަޑު ފެތުރޭ އަނެއް ފީޗާއަކީ 90 ޕަސެންޓް ގެ ޑިސްޕްލޭއެވެ. މިއާއެކު ފިސިކަލް ހޯމް ބަޓަންއެއް މި ފޯނުގައި ނީންނާނެއެވެ. އޭގެ ބަދަލުގައި މި ފޯނުން ފެނިގެންދާނީ ހަމަ އެކަނި ސޮފްޓްކީ އެކެވެ. ސޮޕްޓް ކީއަކީ ޓަޗް އެކްސެސް ބަޓަންއެކެވެ. މީގެ ކުރިން ނެރުނު ސެމަސަންގް ގްލެކްސީ ސީރީސްގެ ފޯނުތަކަކީ 80 ޕަސެންޓ ޑިސްޕްލޭއާއެކު ފިސިކަލް ހޯމްބަޓަންއެއް ހަރުކުރެވިފައިވާ ފޯނުތަކަކެވެ.

މިގޮތަށް ފަރުމާ ކުރެވިގެން މީގެ ދުވަސް ތަކެއް ކުރިން ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ޒިއޯމީ ކުންފުނިން ވަނ Mi Mixގެ ނަމުގައި ފޯނެއް ބާޒާރަށް ނެރެފައެއެވެ. މި ފޯނުގައި 90 ޕަސެންޓް ޑިސްޕްލޭ އަކާއި އެއްކޮށް ވަނީ ސޮފްޓްކީ ހޯމްބަޓަންއެކެވެ. މި ހޯމްބަޓަންއިން ފިންގަ ޕްރިންޓް ސަޕޯޓްކުރާ އިރު މި ފިންގަ ޕްރިންޓް ސްކޭނިން ވިސްނުމަކީ ސެމްސަންގްއިން ގެންގުޅޭ ހިޔާލެއް ކަމަށް ލީކް ވެފައިވާ މައުލޫމާތުތަށް ބުނެއެވެ.

ސެމްސަންގް ގްލެކްސީ އެސް 8 އއި ގުޅުވައިގެން އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ މި ފޯނުގައި 4K ރިޒޮލިއުޝަން ހިމެނޭނެ ވާހަކައެވެ. ލީކް ވެފައިވާ ހުރިހާ ސޯސްއެއްގައި ވެސް މި ކަން ވަނި ފާހަގަކޮށްފައެވެ. އެހެން ކަމުން މި ފީޗާއަކީ މި ފޯނުގައި ހިމެނުން ވަރަށް ކައިރި ފީޗާއެއް ކަމަށް ޓެކް ދިރާސާ ކުރާ ފަރާތްތަށް ބުނެއެވެ. މި ފޯނުގައި ދެން ހިމެނޭނެ ކަމަށް ވާހަކަ ދެކެވޭ ފީޗާއަކީ ޕްރެޝާ ސެންސިޓިވް ސްކްރީނެވެ. މި ފީޗާއަކީ އެޕަލްއިން މިހާރު ދެމުން އަންނަ 3ޑީ ޓަޗް ފީޗާ ކަހަލަ ޓަޗްއެއް ކަމަށް ވެއެވެ.

ލީކް ވެފައިވާ ކަމަށް ބުނާ ފޮޓޯތަކުގައިވާ މި ފީޗާތަކާއި އަޑު ފެތުރިފައިވާ ފީޗާތަކަށް ބާލައިރު ހާމަ ނުވެ އޮތީ އެންމެ ފީޗާއެއްްކަން ފާހަގަކޮށްލެވެއެވެ. ފޯނުގެ ކެމެރާއެވެ. ކޮންމެއަކަސް ސެމްސަންގްއަކީ އަބަދުވެސް ކެމަރާއަށް ބަލައިފި ނަމަ ވަރަށް ކުރީގައި އުޅޭ ބަޔެކެވެ. މިފަހަރު ނެރެން ތައްޔާރު މިވާ ސެމްސަން ގްލެކްސީ އެސް 8 ގައި ވެސް އާދަޔާހިލާފަށް މޮޅު ކެމެރާއެއް ވާނެކަމަށް ބެލެވެއެވެ.

މި ވާހަކަތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ސެމްސަންގައިން މި ފީޗާ ތަކާއި އެކު ސެމްސަންގެ ގްލެކްސީ އެސް 8 އެއް ބާޒާރަށް ނެރެފިނަމަ ފޯނަށް އަންނާނެކަށް ބެލެވޭ ފާޑު ކިއުމަކީ އެޕަލް އައިފޯން ކޮޕީ ކުރުމުގެ ފާޑުކިއުންތަކެވެ. ސަބަބަކީ ދެންނެވުނު ފީޗާތަކުގައި ގިނައީ އެޕަލްއިން މިހާރުވެސް ބޭނުންކުރާ ފީޗާތަކަށް ވާތީ އެވެ. އެހެން ނަމަވެސް ސެމްސަންގްއަކީ ކޮޕީ ކުރުމަށް ވުރެ ބޮޑަށް ފަހުގެ ޓެކްނޮލޮޖީއަށް އިސްކަންދޭ އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އަބަދުވެސް އިސްކަންދޭ ކުންފުންޏެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސެމްސަންގް ނޯޓް 8 ބާޒާރަށް އައުން އެކަށީގެންވޭ!

ސެމްސަންގް މިދިޔަ އަހަރު އަންދަވަޅަށް ވައްޓާލީ އެމީހުންގެ ނޯޓް ސީރީސްގެ ނޯޓް 7 ކެވެ. ނަމަވެސް ސެމަސްންގްއިން މި ފޯނުގެ އިތުރު އާ ސީރީސްއެއް މި އަހަރު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ސެމްސަންގް ނޯޓް 7 ގޮވި ސަބަބު މިހާރު ސެމްސަންގްއަށް އެގިފައިވައިވުމެވެ. ސެމްސަންގްއިން ނޯޓް 7 ގެ ވިޔަފާރި ހުއްޓާލި ކަމުގައިވީ ނަމަވެސް ނޯޓް ސީރީސްް ހުއްޓާލިކަން އިއުލާން ކޮށްފައި ނުވެއެވެ. ނޯޓް 8 ބާޒާރަށް ނެރުނަސް މި ފޯނުގައި ބޮޑަށް ހުންނާނެ ކަމަށް ބެލެވޭ ފިޗާތަކަކީ ސެމްސަންގް އެސް 8 ގައި ހުންނާނެ ފީޗާތަށް ކަމަށް ބެލެވެއެވެ. ބޮޑުބަދަަލަކަށްވެސް އަންނާނެ ކަމަށް ބެލެވެނީ ޑިސްޕްލޭ ސައިޒްގެ ތަފާތެވެ.

ސެމްސަންގްގެ އެންމެ ބޮޑު ވާދަވެރިންއަށް އަބަދުވެސް ވެފައިވަނީ އެޕަލްއެވެ. އެހެން ނަމަވެސް ސެމްސަންގަށް ދިމާވި ކަންތަތަކާއި އެކު އެޕަލްއަށް ލިބުނީ ބޮޑު އުފަލެކެވެ. އެހެން ނަމަވެސް އެޕަލްގެ މި އުފަލަށް ބުރޫ އަރުވާލީ ގޫގަލްއިންނެވެ. އައިފޯން 7 ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް ގޫގަލްއިން ވަނީ ގޫގަލްގެ ފުރަތަމަ އަމިއްލަ ފޯނު ކަމުގައިވާ ޕިކްސެލް ލޯންޗްކޮށްފައެވެ. އެހެން ކަމުން ވޭތުވެދިޔަ 2016 ވަނަ އަހަރު ސެމްސަންގެ ގެ ގޮޑި ނެގީ ގޫގަލްއިންނެވެ. މި އާއި އެކު ސެމްސަންގް އަށް ވެސް އަދި އެޕަލްއަށް ވެސް މިވަނީ ބޮޑު ވާދަވެރިއަކާ ކުރިމަތިލާން ޖެހިފައެވެ. ވޭތުވެ ދިޔަ އަހަރަށް ވުރެ މި އަހަރު ސްމާޓް ފޯން މާކެޓް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިހާރުވެސް އެންމެ ބޮޑަށް ލޯ އަޅާލެވެނީ ސެމްސަންގެ ގެ އެބުރި އައުމަށެވެ. ގެއްލުނު ސެމްސަންގްގެ އަބުރު އަބުރާ އެމީހުން ހޯދާނެ ގޮތަކަށެވެ.