ލައިފްސްޓައިލް

ލޮލާއި ބޮލާއި ކަންފަތް އަދި ވަސް ވެސް ވަރަށް ތަފާތު

Jan 11, 2017

ދުނިޔޭގައި އިންސާނުންގެ އާބާދީ މި ވަނީ ހަތް ބިލިއަނަށް އަރައިފަ އެވެ. މި ހަތް ބިލިއަން މީހުންގެ ތެރޭގައި އެއްގޮތް ސިފަތަކެއް ލިބިފައިވާ އެތައް ހާސް ބަޔަކުވެ އެވެ. އެއް އިސްކޮޅަކާއި އެއް ކުލައެއްގެ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ވަކިކުރަން ނޭނގޭހާ ވައްތަރު އެއްމާބަނޑު ދެބެއިން އިން ފެށިގެން އަށް ބެއިންގެ ބައިވަރެއް ވެސް ދުނިޔެ ދެކެފި އެވެ.

ނަމަވެސް މި ހަތް ބިލިއަން މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބޭރުފުށުގައި ހާއްސަ ކަމެއް ނުވަތަ އެމީހަކަށް ސީދާ ހާއްސަ ސިފަތަކެއް ލިބިގެންވެ އެވެ. އެންމެ ފަސޭހައިން ދިމާކުރެވިދާނެ ނުވަތަ އެންމެ ގިނަ މީހުންނަށް އޭގެ ސިފައަކީ ނުވަތަ ހަގީގަތަކީ ކޮންމެ މީހެއްގެ އިނގިލީގެ ނިޝާން އަނެކާއާ ތަފާތުވާނެ ކަމަށް ބުނާ ހަގީގަތެވެ.

އެކަމަކު ކަންފަތާއި ހިނގުމުގައި ވެސް ކޮންމެ އިންސާނަކަށް ހާއްސަކަމެއް ލިބިގެންވެ އެވެ. ގައިން ދުވާ ވަހުގައި ވެސް ކޮންމެ މީހަކަށް ހާއްސަ ވަހެއްވެ އެވެ. އަދި ކޮންމެ މީހެއްގެ ފޫކޮޅަކީ ވެސް އެމީހެއްގެ އިނގިލީގެ ނިޝާންހާ ތަފާތު ސިފައެއް ނުވަތަ ބައްޓަމެކެވެ.

އެހެންވީމަ ކަންފަތުގެ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ކަންފަތުގެ ސިއްރަކީ އޭގެ މަޑު ކަށްޓެވެ. މަޑު ކަށިން އުފެދިފައިވާ "ރާޅުބާނިތަކުގެ" އެ ސިފައަކީ ކޮންމެ ކަންފަތަށް ހާއްސަ ސިފަތަކެކެވެ. ކަންފަތުގެ މި "ކުދި ރާޅުހެން ހީވާ" ސިފަތަކަކީ އެ ކަންފަތެއް ނިސްބަތްވާ މީހަކަށް ހާއްސަވެފައިވާ ސިފައެކެވެ.

ކުށްވެރިން ދެނެގަތުމުގައި ނުވަތަ ކްރައިމްސީންތަކުގެ ސިއްރުތައް ދެނެގަތުމަށް ވެސް ތުހުމަތުކުރެވޭ މީހުންގެ ކަންފަތުގެ ސިފައާއި މިން ބަލަނީ މި ސަބަބާ ހެދި އެވެ. ފޮރިންސިކްގެ ތަޖުރިބާކާރުން މި އުކުޅު ބޭނުންކުރަމުން އަންނަނީ 1950ގެ އަހަރުތަކުން ފެށިގެންނެވެ. މި ކަމުގައި އިތުރު ކުރިއެރުމެއް ލިބުނީ 1998 ވަނަ އަހަރު އެވެ. ކަންފަތުގެ ސިފަ ދެނެގަނެގެން ކޮންމެ މީހަކު ވެސް ވަކިވަކިން ދެނެގަތުމަކީ މިއަދުގެ ޒަމާނީ ދުނިޔޭގައި ވަރަށް ފަސޭހަ ކަމެކެވެ. ކަންފަތުގެ ފޫޅު އެކަނި ފެންނަން ހުރި ފޮޓޯއެއް ބޭނުންކޮށްގެން ވެސް އެމީހަކު ދެނެގަތުމަށް މިލި ފަޅި ސިކުންތެއް ވެސް ހޭދަނުވެ އެވެ.

ކަންފަތުގެ އަނެއް އަޖާއިބުކުރުވަނިވި ސިފައަކީ މި ގުނަން އޭގެ ބޭރުފުށުން މުސްކުޅިނުވާ ކަމެވެ. އުމުރުން ދުވަސްވިޔަސް ކަންފަތުގެ ސިފަ އަށް އެއްވެސް ބަދަލެއް ނާދެ އެވެ. ޕްރޮޕޯޝަންސްތަކަށް ބަދަލެއް ނަޔަސް ކަންފަތް އޭގެ ސައިޒުން ބޮޑުވެދާނެ އެވެ.

ކަންފަތުގެ އަޖާއިބުކުރުވަނިވި ވާހަކައަށް ދެން ވެސް ނިމުނެއް ނެތެވެ. އެކި މީހުންނަށް އެކި ލަވަ އާއި މިއުޒިކް އެކި ގޮތްގޮތަށް ރީތިވަނީ ކޮން ސަބަބާ ހެދިކަން މިހާރު ފަހަރެއްގައި އިހްސާސްކުރެވިދާނެ އެވެ. އެއީ ކޮންމެ މީހަކަށް ވެސް އަޑުއިވޭ ގޮތް އަނެކާއާ މުޅިން ތަފާތުވީމަ އެވެ. އެއީ ކަންފަތުގެ އެތެރޭގައިވާ އިސްތަށީގެ ސެލްސްތަކުން ކޮންމެ މީހަކަށް ހާއްސަ ވަކި އަޑެއް އުފައްދައިދޭތީ އެވެ.

ގައިން ވަސް ދުވުމުގެ ހަގީގަތް ވެސް ހަމަ މިވަރަށް ތަފާތެވެ. އަދި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ހީނުވިޔަސް ނުވަތަ ވަސްނުދުވިޔަސް، ތިމާގެ އަމިއްލަ މީހާގެ ގައިން ވެސް "ވަސް ދުވާނެ" ކަމެވެ. ސައިންސަކީ އެއީ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ތަޖުރިބާކާރުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ގޮތުން، މީހެއްގެ ގައިން ދުވާ ވަސް ބޭނުންކޮށްގެން އެމީހަކު ހޯދައި ދެނެގަތުމަކީ އެއްވެސް ކަމެއް ނޫނެވެ. ވަށައިގެންވާ މާހައުލަށް އެމީހެއްގެ ހަށިގަނޑުން ބޭރުކޮށްލާ ޒާތްޒާތުގެ ކެމިކަލްގެ ވަސްތައް ބޭނުންކޮށްގެން ވަރަށް ފަސޭހައިން އެމީހަކު ދެނެގަނެވިދާނެ އެވެ.

އަހަރެމެން އިންސާނުންނަށް މިކަން ކާމިޔާބުކުރަން ތަހުލީލުތަކެއް ހަދަން ޖެހުނަސް ކުއްތާތަކަށް އެ ޓެސްޓްތަކެއް މުހިންމެއް ނުވެ އެވެ. ކުއްތާތައް މީހުންނާއި އެއްޗެހި ހޯދައި ދެނެގަންނަނީ މި ބުނާ ކެމިކަލްސްގެ ބާރުގަ އެވެ. ކުއްތާތަކުގެ މިގާބިލުކަން ލިބިގަތުމަށް ސައިންސްވެރިން "އިލެކްޓްރޯނިކް ނޯޒް" އުފެއްދުމުގެ މަސައްކަތް ވެސްކޮށްފައިވެ އެވެ.

ގައިން ދުވާ ވަސް އެމީހަކަށް ހާއްސަވާއިރު ހިނގުމަކީ ވެސް އޭގައި ކޮންމެ މީހަކަށް ހާއްސަ ސިފަތަކެއް ލިބިފައިވާ ކަމެކެވެ. މިއީ މީހެއްގެ ހަރަކާތް ދެނެގަތުމަށް ފަހު ސައިންސްގެ އެހީގައި އެމީހަކު ދެނެގަތުމަށް ފަސޭހަކޮށްދޭނެ އިތުރުކަމެކެވެ. ހަމަމިގޮތަށް ކޮންމެ މީހަކަށް ލިބިފައިވާ ފޫކޮޅުގެ ބައްޓަމާއި ސިފަ ވެސް އަނެކާއާ މުޅިން ތަފާތެވެ.

ޖަޕާނުގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ، ކާރުތައް ވަގަށް ނެގުން އެއްކޮށް ހުއްޓުމަކަށް ގެނެވިދާނެ ހޯދުމެކެވެ. އެއީ ކާރުގެ ޑްރައިވިން ސީޓުގައި އިށީނނުމުން ކާރު އިސްޓާޓުކުރެވޭ ފަދަ ނިޒާމެއް އުފައްދައިގެންނެވެ. އޭރުން ޓަޗް އިސްކިރީނު ފަދައިން ކާރު އިސްޓާޓުކުރުމަށް އޭގެ ވެރިފަރާތުން ޖެހޭނީ ސީޓުގައި އިށީންނާށެވެ.