ފެޝަން

ގޯލްޑަން ގްލޯބްސް އެވޯޑްގައި އެންމެ ރީތިކޮށް ހެދުން އެޅީ ކޮންބައެއް؟

Jan 11, 2017

އޮސްކާއަށް ފަހު މިއީ ހޮލީވުޑްގައި ދެވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑެވެ. ޑިޒައިނަރުން ވެސް އެމީހުންގެ ހެދުންތައް ރެޑް ކާޕެޓްގައި ދައްކާލަން ލިބޭ މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން ގޯލްޑެން ގްލޯބްސްގެ 74 ވަނަ ހަފުލާ ވެސް ނިމިގެން ދިޔައިރު އެންމެ ރީތިކޮށް ހެދުން އެޅީ ކޮންބައެއްތޯ މިއީ ބަލާލަން ބޭނުންވާނެ ކަމެކެވެ.

ރެޑް ކާޕެޓްގައި މިފަހަރު ވެސް ތަފާތު ވައްތަރުގެ ހެދުންތަކާއި ތަފާތު ސްޓައިލްގެ މޭކަޕްތައް ފެނިގެންދިޔަ އެވެ. އަދި މިފަހަރުގެ ރެޑް ކާޕެޓްގައި "ކަޓް އައުޓް ޝޯލްޑާ" ގެ ޓްރެންޑެއް ވެސް ފެނިގެން ދިޔަ އެވެ.

އެގޮތުން ރެޑް ކާޕެޓްގެ ބެސްޓް ޑްރެސްގެ އެންމެ އަޅައިގަތީ ވެސް މި ސްޓައިލް އެވެ. އެގޮތުން ޑްރިއު ބެރީމޯ އާއި ނިކޯލް ކިޑްމަން އަދި ސޯފިއާ ވާގަރާގެ އިތުރުން ސާރާ ޖެސިކާގެ ހެދުން ފާހަގަ ކޮށްލެވެ އެވެ. ކަޓް އައުޓް ޝޯލްޑާ އެއް ނެތްނަމަ ވެސް ނަތާލިއާ ޕޯޓްމަން ލައިގެން ހުރި މަސްޓަޑް ކުލައިގެ ޕްރާޑާ ގައުން އަކީ ވެސް މިފަހަރުގެ ބެސްޓް ޑްރެސް ތަކުގެ ލިސްޓުގައި ހިމެނޭ ހެދުމެކެވެ. އަދި ބޮލީވުޑް ކާމިޔާބު ކުރުމަށްފަހު ހޮލީވުޑްގައި ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލައިގެން ހުރި ރަންކުލައިން ޖަރީކޮށްފައިވާ ރަލްފް ލޯރެން ހެދުމަކީ ވެސް ރެޑްކާޕެޓުން ފެނުނު ރީތި ހެދުން ތަކުގެ ތެރެއިން ހެދުމެކެވެ.

މީގެ އިތުރުން ވެސް އެމާ ސްޓޯންގެ ރިހި ތަރިތަކެއް ޖަހާފައިވާ މަޑުފިޔާތޮށި ކުލައިގެ ހެދުމަކީ އެންމެ ގިނަ ބަޔަކު ބެސްޓް ޑްރެސްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ހެދުމެކެވެ.

ހެދުން ތަކުގެ އިތުރުން އެންމެ ރީތިކޮށް އިސްތަށިގަނޑު ހަދައިގެން ދިޔަ ތަރިންނާއި އެންމެ ރީތިކޮށް މޭކަޕްކޮށްގެން ދިޔަ ތަރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންނަށް ކަމުގޮސްފައި ވަނީ ކުލަ ގަދަ ލިޕްސްޓިކް ތަކުގެ މޭކަޕްކަން ފާހަގަ ކޮށްލެވެ އެވެ. ކެރީ ވޮޝިންޓަން އަދި ޓްރެސީ އެލިސް ރޯސް، ބްރީ ލާސަން އަދި ޕްރިޔަންކާ ޗޮޕްރާގެ މޭކަޕް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.