ބަރަކް އޮބާމާ

އިންޒާރުތަކާއެކު އޮބާމާގެ ވަދާއީ ތަގުރީރު ކުރައްވައިފި

Jan 11, 2017

އެމެރިކާގެ ފުރަތަމަ އެފްރިކަން އެމެރިކަން ރައީސް ބަރަކް އޮބާމާގެ ރިޔާސީ ދައުރު ނިމެން 10 ދުވަހަށް ވުމާއެކު ވަދާއީ ތަގުރީރު ކުރައްވައިފިއެވެ. އޮބާމާ ވަދާއީ ތަގުރީރު ކުރެއްވީ ޒުވާން ދުވަސްވަރު އޭނާ ވަޒީފާ އަދާކުރެއްވި ޗިކާގޯ ސިޓީގަ އެވެ.

ރިޔާސީ ދައުރުގައި ބައެއް ކަންތައްތައް ކާމިޔާބު ކުރެވިފައި ނުވާ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ކުރެއްވި ތަގުރީރުގައި އޭނާ ވަނީ އެމެރިކާއަށް އަންނަމުންދާ ބައެއް ބަދަލުތަކާމެދު އިންޒާރުތަކެއް ކުރައްވާފަ އެވެ. އޭނާގެ އިންޒާރު ތަކުގެ މުރާދަކީ އެމެރިކާގެ ރައީސްކަމަށް އިންތިހާބު ވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްގެ ސިޔާސަތުތައް ކަމަށް ވަނީ ބެލެވިފައެވެ.

އޮބާމާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ މަސައްކަތް ކުރާ އާބާދީގައި "ބްރައުން ކިޑްސް" ( ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ ކުދިން) ގިނަ ވާނެ ކަމަށާއި ހިޖުރަކުރާ މީހުންގެ ދަރިން ކުރިއަށް ދިއުމަށް ރަނގަޅު ގާނޫނުތަކަށް ބޭނުންވާ ކަމަށެވެ.
އަދި އެއަށް ފަހު އޭނާ އިންޒާރު ކުރެއްވީ އެމެރިކާގެ އެކި ނަސްލުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކޮށްފައި ބޭއްވުމަކީ ހަމަ އެކަނި ގާނޫނު ތަކަކަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރުކޮށް އޭނާ ވިދާޅުވީ "ހިތްތައް ބަދަލުވާން ޖެހޭ،" ކަމަށެވެ. އަދި ނަސްލުތަކުގެ މެދުގައި ހަމަޖެހުން ގާއިމްވާންޖެހޭ ކަމަށެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ތަގުރީރު ފައްޓަވަމުން އޭނާ އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. ވިދާޅުވީ އޭނާގެ ރިޔާސީ ދެ ދައުރުގައި މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެއްވުނީ އެމެރިކާގެ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އޮބާމާ ތަގުރީރު ކުރައްވަމުން ދިޔަ ވަގުތު އޭނާގެ ބައެއް ސަޕޯޓަރުން އަޑު އުފުލައި ޝުއޫރު ފާޅުކުރިއެވެ. އެގޮތުން އޭނާ އަދި އެއް ދައުރު ހުންނަވަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ގޮވިއެވެ. އެކަމަށް އެއްފަހަރު އޮބާމާ ޖަވާބު ދެއްވިއެވެ. ވިދާޅުވީ އެކަމެއް ނުވާނެ ކަމަށެވެ.
އެމެރިކާގައި އޮންނަ ރިޔާސީ ނިޒާމުގައި އެކަކަށް ވެރިކަން ކުރެވެނީ ދެ ދައުރުއެވެ.

އޮބާމާގެ ވަދާއީ ތަގުރީރަކީ އެކަމަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވައިގެން ތައްޔާރުކޮށްފައިވާ ތަގުރީރެއް ކަމަށް ސީއެން އެން އިން ބުނެއެވެ.