އަފްޣާނިސްތާނުގެ ކަންދަހާރުގައިވާ އެ ޝަހަރުގެ ގަވަނަރުގެ ގެސްޓް ހައުސްއަކަށް އިއްޔެ ދިން ބޮމުގެ ހަމަލާއެއްގައި ހަތް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
އަފްޣާން އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޒަހަމްވީ މީހުންގެ ތެރޭގައި އެ ގައުމުގައި ހުންނަވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ޖުމާ މުހައްމަދު އަބުދުﷲ އަލް ކާބީ އާއި ކަންދަހާރުގެ ގަވަރުނަރު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ކަންދަހާރުގެ އިސް ފަރާތްތަކާއި ޔޫއޭއީގެ ޑިޕްލޮމޭޓުން ބައްދަލުވުމެއްގައި ތިއްބަވަނިކޮށް ދިން އެ ހަމަލާގައި ޔޫއޭއީ އެމްބަސީގެ ބައެއް އެހެން މުވައްޒަފުން ވެސް ޒަހަމްވި އެވެ.
އަފްޣާނިސްތާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތާލިބާން ހަނގުރާމަވެރިން އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އެހަމަލާއާ އެމީހުންނާ ގުޅުމެއް ނެތް ކަމަށެވެ. އަދި ބުނެފައި ވަނީ އެއީ ސަރުކާރުގެ އެތެރޭގައި ހިނގަމުން އަންނަ ހަމަނުޖެހުމުގެ ތެރެއިން ހިނގި ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ކަންދަހާރުގައި ދިން ބޮމުގެ ހަމަލާތަކުގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ވެސް އިއްޔެ ވަނީ ހަމަލާތަކެއް ދީފައެވެ. އަމިއްލައަށް މަރުވެގެން އަފްޣާން ޕާލަމެންޓަށް ދިން ކާރުބޮމުގެ އެހަމަލާތަކުގައި 30 މީހުން މަރުވެ، އެތައް ބައެއް ޒަހަމްވިއެވެ. އެހަމަލާތަކުގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފައެވެ.