ވިޔަފާރި

ރާއްޖޭގައި ސްރީލަންކާ އިންޝުއަރެންސްގެ ހިދުމަތް ހުއްޓާލަނީ

ސްރީލަންކާ ސަރުކާރުން ހިންގާ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަނުން ރާއްޖެ އާއި ސީޝެލްސްގައި ދެމުން އައި ހިދުމަތް ހުއްޓާލަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސްރީލަންކާ އިންޝުއަރެންސް (އެސްއެލްއައިސީ) އިން ރާއްޖެއާއި ސީޝެލްސްގައި ދެމުން އައި ހިދުމަތް ހުއްޓާލަން ނިންމީ ދެ ގައުމުގައި ވެސް އެ ކުންފުންޏަށް ގެއްލުމާ ކުރިމަތިލާން ޖެހިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޓީއެމްއާރް ބަންގްސާ ޖަޔާހް އާ ހަވާލާދީ ލަންކާގެ ޑެއިލީ ނިއުސް ނޫހުން ބުންޏެވެ.

"ސްރީލަންކާ އިންޝުއަރެންސް ހިދުމަތް ފެށީ ސިލިންކޯއަށް ވުރެ ކުރިން ކަމަށް ވިޔަސް އެސްއެލްއައި ގެ ހިދުމަތާ މެދު ވަނީ އަޅައި ނުލެވި. އެހެންވެ ކުރި ހޯދީ ސިލިންކޯ،" ރާއްޖޭގައި ދެމުން އައި ހިދުމަތް ހުއްޓާލަން ޖެހުނު ސަބަބާބެހޭ ގޮތުން ޑެއިލީ ނިއުސްއަށް ވާހަކަ ދައްކަވަމުން ޖަޔާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ ހިދުމަތް ފެށުމަށް ޓަކައި ދެގައުމުގައި ޖުމްލަ 500000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓާފައިވާނެ ކަމަށާއި މިހާރު ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެ ފައިސާ އަނބުރާ ހޯދަން ކަމަށެވެ.

ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަނަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެފައި ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން ފައިސާއަށް ހިޔާނާތްތެރިވުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ އެކަން ބަލަމުންނެވެ.