ވިޔަފާރި

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާގެ މީޑިޔާ ޕާޓްނަރަކަށް "އަވަސް"

Jan 12, 2017

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާ ކަމަށްވާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ މީޑިޔާ ޕާޓްނަރަކަށް "އަވަސް" ހަމަޖައްސައިފި އެވެ.

މި އަހަރު ބާއްވާ ޓީޓީއެމް ފެއާގެ މީޑިޔާ ޕާޓްނަރުގެ އެއްބަސްވުމުގައި "އަވަސް" ގެ ފަރާތުން ސޮއި ކުރެއްވީ، ހެޑް އޮފް މާކެޓިން އައިމިނަތު މުހައްމަދެވެ. ޓީޓީއެމް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޑރ. ހުސެއިން ސަނީ އެވެ.

"އަވަސް" ގެ އިތުރުން މި ފެއާގައި އިތުރު އެކި ދާއިރާތަކުން ހަތަރު މީޑިޔާ ޕާޓްނަރުން ނަގާފައިވެ އެވެ. މި ފެއާގެ މީޑިޔާ ޕާޓްނަރުންގެ ތެރޭގައި ދެން ހިމެނެނީ "ޕީއެސްއެމް" އާއި "މޯލްޑިވްސް ޑޮޓް ނެޓް" އަދި "ދަ އައިލެންޑް ޗީފް" ގެ އިތުރުން "ކޯޕަރޭޓް މޯލްޑިވްސް" އެވެ.

މޯލްޑިވްސް ގެޓަވޭސް އިން މިއަދު ވަނީ މި ފެއާގައި ބައިވެރިވާ ރިސޯޓުތަކަށް ހާއްސަ ސޮފްޓް ވެއާއެއް ވެސް ލޯންޗް ކޮށްފަ އެވެ.

ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ ޓީޓީއެމް ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު / ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިން ބައިވެރިވާނެ އެވެ. އަދި މީގެ އިތުރުން 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން ވެސް ބައިވެރި ވާނެ އެވެ.

ޓީޓީއެމް ފެއާ އޮންނާނީ މި އަހަރުގެ ޖުލައި މަހު އެވެ.

ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާގެ މީޑިޔާ ޕާޓްރަކަށް "އަވަސް" ހަމަޖެއްސިއިރު މިދިޔަ އަހަރު ބޭއްވި ގިނަ އިވެންޓްތަކުގެ މީޑިޔާ ޕާޓްނަރުންކަން ވެސް "އަވަސް" އަށް ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ސްރީލަންކާގެ ގިނަ ވިޔަފާރި ތަކާއި ހިދުމަތްތައް ހިމެނޭ "ފީލް ސްރީލަންކާ" ފެއާ އާއި "މިސްޓަ މޯލްޑިވްސް" އަދި "ގެސްޓް ހައުސް ކޮންފަރެންސް" އާއި "ވެކޭޝަންސް އެކްސްޕޯ" ހިމެނެ އެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ފްރެންޗައިޒް ޝޯ ކަމަށްވާ "މޯލްޑިވިއަން އައިޑޮލް" ގެ މިދިޔަ އަހަރާއި މި އަހަރުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ ވެސް "އަވަސް" އެވެ.