ޓައިވާންގެ ރައީސާ އިރުމަތީ އެމެރިކާގެ ހަތަރު ގައުމަކަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގައި މަޑުކޮށްލެއްވުމުން ޗައިނާއިން ނުރުހުން ފާޅުކޮށް މަސްރަހު ހޫނުވެފައި ވަނިކޮށް ޗައިނާގައި އޮންނަ ހަމަ އެކަނި އެއާކްރާފްޓް ކެރިއާ ޓައިވާން ކަނޑު އޮޅިން ދަތުރު ކޮށްފިއެވެ.
ދެކުނު ޗައިނާ ކަނޑުގައި ފަރިތަކުރުން ތަކެއް ބޭއްވުމަށް ފަހު ޗައިނާއަށް ކުރި ދަތުރުގައި ޗައިނާގެ އެއާކްރާފްޓް ކެރިއާ ލިއާއޮނިން ޓައިވާން ކަނޑުއޮޅިން ދަތުރުކުރީ އިތުރު މަނަވަރުތަކާއި ވެސް އެކުގައެވެ. ނަމަވެސް އެ ދަތުރުގައި ޓައިވާންގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށް ޓައިވާންގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.
ޗައިނާގެ އެއާކްރާފްޓް ކެރިއަރާއި އިތުރު މަނަވަރުތައް ޓައިވާން ކަނޑު އޮޅިން ދަތުރުކުރަން ފެށުމުން ޓައިވާނުން ވަނީ އެ ސަރަހައްދަށް އަސްކަރީ މަތިންދާބޯޓްތަކާއި މަނަވަރުތައް ފޮނުވާފަ އެވެ.
ޓައިވާނާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދުނީ އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް ޓައިވާންގެ ރައީސާ ގުޅުއްވުމުންނެވެ. އެ ފޯން ކޯލްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ވަން ޗައިނާ ޕޮލިސީ ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އެއީ ޓައިވާން މިނިވަން ވުމަށް އެމެރިކާއިން އެއްބާރުލުން ދީފާނެ ކަމުގެ އިޝާރާތެއް ކުރުން ކަމަށް ވާތީ ޗައިނާއިން އެކަމާ ނުރުހުން ފާޅުކުރިއެވެ. އޭގެ ފަހުން ޓައިވާންގެ ރައީސާ ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގައި މަޑުކޮށްލެއްވުމުން ޗައިނާއިން ވަނީ އިތުރަށް ނުރުހުން ފާޅުކޮށްފައެވެ.